މަސްތުވާތަކެތީގެ މައްސަލައެއްގައި މ.އަތޮޅުން 10 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ހިފައިގެން ފަޅުރަށަކަށް ދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާރިޗު 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މުލި ޕޮލިސް ސްޓޭޝަނާއި ކޮޅުފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށްފައިވަނީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންނެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށް، އެމީހުން ދަތުރުކުރި ލޯންޗާއި އެމީހުން ގެންގުޅުނު ތަކެތި އަދި އެމީހުންގެ ހަށިގަނޑު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 35 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 10 މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި ލޯންޗު ބަލައިފާސްކޮށް އެ މީހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 33 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ބައެއް މީހުން ދޫކޮށްލައި އަދި ދެންތިބި މީހުން ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.