ތެލްއަވީވުން އެސޯޝިއޭޓެޑް ޕްރެސްއަށް މެލާޑީ ލިޑްމަން އާއި ގައްޒާގެ ރަފާހް އިން ޝުރުފާ ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލުގެ ހަނގުރާމައާބެހޭ ވަޒީރުންގެ މަޖިލީހުގައި އުފެދުނު ދެބަސްވުންތައް ހޫނުވެ ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން ލައުނަތް ލިބުމުގެ ރުޅީގައި އެ މަޖިލީސްގައި ހިމެނޭ ވަރަށް އިސް ވަޒީރަކު އެމެރިކާގެ ރަސްމީ ފަރާތްތަކާއެކު ވާހަކަ ދެއްކުމަށްޓަކައި ވޮޝިންގްޓަނަށް ހިނގައްޖެއެވެ.
އިސްރާއީލުގެ ސިޔާސީ އޮފިޝަލުން ހާމަކުރަމުން ގެންދާ ގޮތުގައި ރެނދުލަމުންދާ ވަޒީރުންގެ މަޖިލީހުގެ ރެނދުތައް މިހާރު ވަނީ އަލުން ކައިރިކުރުން އުދަނގޫ ވަރަކަށް ދުރުވެފައެވެ.
އިސްރާއީލުގައި މެދުމިނު ސިޔާސަތެއް ގެންގުޅޭ ބެނީ ގަންޒް އަކީ ނަތަންޔާހޫ އާއި ވާދަވެރި ސިޔާސަތެއް ގެންގުޅޭ މީހެކެވެ. އޭނާ ނަތަންޔާހޫގެ ހައްދުފަހަނައަޅާފައިވާ ސަރުކާރާ ގުޅުނީ 7 އޮކްޓޫބަރުގައި ހަމާސްއިން ދިން ހަމަލާއަށްފަހުގައެވެ.
ބެނީ ގަންޒް އާއި ނަތަންޔާހޫގެ ފައްތަރު އެރުން ބޮޑުވެގެން މިދިޔައީ ގައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތިކަމާ އަދި ހަނގުރާމަ ނިންމުމަށްފަހު ގައްޒާއާބެހޭ ގޮތުން ސިޔާސަތު ރާވާނެ ގޮތަކާ ދޭތެރޭ ރައީސް ބައިޑަން އާއި ބޮޑުވަޒީރު ނަތަންޔާހޫގެ ދެބަސްވުން ބޮޑުވެގެން ދިއުމުންނެވެ.
ނަތަންޔާހޫ ހަމާސްގެ ފަރާތުން ޖަވާބު ހޯދަން ބޭނުންވެފައިވާ ބައެއް ސުވާލުތަކަށް ހަމާސްއިން ޖަވާބު ދީފައިނުވާތީ ހަނގުރާމަ ހުއްޓުވުމާބެހޭ ގޮތުން މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް އިސްރާއީލުން މަންދޫބަކު ފޮނުވަން ނަތަންޔާހޫ އިންކާރު ކުރަމުން ގެންދާކަމަށް އިސްރާއީލުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
އެ މައުލޫމާތުތަކަކީ ހަމާސްގެ ބެލުމުގެ ދަށުގައި މިހާރު ތިބި ރަހީނުންގެ ވަނަވަރުތަކާއި އަދި ހަމާސްއިން މިނިވަންކުރަން ވިސްނަމުންގެންދާ މީހުންގެ މައުލޫމާތާއި މިނިވަންކުރެވޭ ކޮންމެ ރަޙީނެއްގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުން މިނިވަންކުރަންޖެހޭ ގައިދީންގެ މައުލޫމާތެވެ.
ބައިނަލް އަގްވާމީ މުޝީރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރޯދަމަސް ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓުވޭތޯއެވެ.
އެމެރިކާއިން މިހާރު ގެންދަނީ ވައިގެ މަގުން ގައްޒާއަށް ކާބޯތަކެއްޗާއި އިންސާނީއްޔަތަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. ގައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ އެއްގަމުގެ މަގުތައް އިސްރާއީލުން ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެމެރިކާއަށް ޖެހިފައިމިވަނީ ވައިގެ މަގުން އެހީ ފޯރުކޮށްދޭށެވެ.
އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުއްވާ އޮފިޝަލުން ބުނެފައިވާގޮތުގައި މިގޮތަށް ވައިގެ މަގުން ލިބިދޭ އެހީން ފުދޭވަރަކާ ގާތްވެސް ނުވެއެވެ. އެއްގަމު މަގުން އެހީ ފޮނުމުންނޫނީ މިކަމަށް ރަނގަޅު ހައްލެއް ނުލިބޭނެއެވެ.
އެމެރިކާގެ އިސްނެގުމާއެކު ކަންތައް ކުރަން ބޭނުންވާ ގޮތަށް އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ހަނގުރާއިގެ ވަޒީރުންގެ މަޖިލީހުން ގެންދަނީ ދުއްތުރާ ކުރަމުންނެވެ. އެ މަޖިލީހުގައި މެދުމިނުގެ ސިޔާސަތެއް ގެންގުޅެނީ ހަމައެކަނި ބެނީ ގަންޒްގެ ސިޔާސީ ޕާޓީންނެވެ.
ނަތަންޔާހޫގެ ލީކުޑް ޕާރޓީގެ އޮފިޝަލަކު ބުނެފައިވަނީ ބެނީ ގަންޒް އެމެރިކާއަށް ދިޔައީވެސް ނަތަންޔާހޫގެ ހުއްދަ ހޯދުމަކާ ނުލައި ކަމަށެވެ. ބެނީ ގަންޒް އާއި ނަތަންޔާހޫގެ ރުޅިވެރި ޒުވާބުގައި އިސްރާއީލުގައި ހުރީ އެންމެ ބޮޑުވަޒީރަކުކަންވެސް ބެނީގަންޒަށް ނަތަންޔާހޫ ހަނދާންކޮށްދިނެވެ.
އިސްރާއީލު ސަރުކާރުގެ އޮފިޝަލުން ބުނެފައިވަނީ ބެނީ ގަންޒްގެ އެމެރިކާ ދަތުރާއި އަދި އެ ދަތުރުގެ މައިގަނޑު މަގުސަދަކީ އިސްރާއީލުގެ ރަހީނުން މިނިވަން ކުރެވިދާނެ ގޮތަކާ ދޭތެރޭ އެމެރިކާއާއެކު ވާހަކަދެއްކުން ކަމަށް ނަތަންޔާހޫއަށް ދަންނަވާފައިވާ ކަމަށެވެ. ގަންޒުގެ މި ދަތުރުގައި ނާއިބު ރައީސާ ކަމަލާ ހައިސްއާއި ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާނާވެސް ބައްދަލު ކުރަން ވަނީ ހަމަޖެހިފައެވެ.
އޮކްޓޫބަރ 7 ގެ ފަހުން ނަތަންޔާހޫގެ ނަން އަންނަނީ އިސްރާއީލުގައި އިތުރަށް ކިލަނބު ވަމުންނެވެ. އެ ދުވަހު އިސްރާއީލުގެ 1200 މީހުން މަރުވެ 250 މީހުން ރަހީނުންނަށް ވެގެން ދިއުމަކީ ނަތަންޔާހޫގެ ސިޔާސީ ނުކުޅެދުންތެރިކަމުގެ ފުރިހަމަހެއްކެއް ކަމުގައި އެ ގައުމުގެ ރައްޔިތުން ދަނީ ގޮވަމުންނެވެ.
އޮކްޓޫބަރ 7 ގެ ހާދިސާއާއި ގުޅިގެން އިސްރާއީލުން ގައްޒާގައި ހިންގަން ފެށި ގަތުލު އާންމުގައި މިހާތަނަށް 30410 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަދި އަންހެނުންކަމަށް ރިޕޯރޓުތަކުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ގައްޒާގައި ދިރިއުޅެމުންގެންދިޔަ ރައްޔިތުންގެ ތެރެއިން %80 ގާތްކުރާ އަދަދަކަށް މިހާރު ތިބީ ވިއްސި ވިހާލި ކޮށްލާފައެވެ.
ނަތަންޔާހޫއަށް ފާޑުކިޔާ މީހުން ބުނަމުން ގެންދަނީ އޭނާގެ ނިންމުންތަކުގެ ސަބަބުން އޭނާގެ ސިޔާސީ ކުރިމަގު އޮތީ ވަރަށް ބޮޑަށް އަނދިރިވެފައި ކަމަށެވެ. ޚާއްސަކޮށް ހަނގުރާމަ ނިންމުމަށްފަހު ފަލަސްތީނުގެ މައްސަލައިގައި އޭނާގެ ވިސްނުމަށް އެއްބަސްވެވޭ މީހުން މަދުކަން ވަނީ ފާހަގަ ކުރެވިފައެވެ. ނަތަންޔާހޫ ބޭނުންވަނީ ފަލަސްތީނުގެ ސަލާމަތާބެހޭ ހުރިހާބާރުތަކެއް އިސްރާއީލުގެ ދަށުގައި އޮންނަގޮތަށް ފަލަސްތީނުގައި ސިވިލް ސަރުކާރެއް އުފެއްދުމަށެވެ.
އެމެރިކާގެ ވިސްނުމަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމެވެ. އެހެންނަމަވެސް ވަކި މުއްދަތަކަށް ގައްޒާއަކީ ވެސް ފަލަސްތީނުގެ ދައުލަތުގެ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމެވެ. ނަތަންޔާހޫއާއި ހައްދުފަހަނަޅާފައިވާމީހުން މިގޮތް ގަބޫލެއް ނުކުރެއެވެ.
ނަތަންޔާހޫގެ މި ސަރުކާރަކީ އިސްރާއީލުގައި މިހާތަނަށް އުފެދުނު އެންމެ ހަރުކަށި ސިޔާސަތުގެ މީހުން ގިނަ ސަރުކާރެވެ. އެ ސަރުކާރުން އޮތޯޑޮކްސް ޔަހޫދީންނަށް ވެސް ވަކި ތާރީޚަކަށްފަހު މިލިޓްރީގައި ވަޒީފާދޭންޖެހޭނެ ކަމަށް ކޯޓުން އަމުރުކޮށްފައި އޮތުމުން މިހާރު އެ އުޅެނީ ނޭފަތަށް ކޮށިއަރައިގެންނެވެ.
7 އޮކްޓޫބަރގެ ފަހުން ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވާތީ އެ މަގާމުތައް ފުރާނެ މީހުންވެސް އޮތީ މިހާތަނަށް ލިބޭގޮތް ނުވެފައެވެ.
އިސްރާއީލުގައި ނެގި ޝަޚްސިއްޔަތު ދެނެގަތުމުގެ ވޯޓަކުން ހާމަވެފައިވާ ގޮތުގައި މިހާރު އިންތިޚާބެއް ބާއްވައިފިނަމަ ބެނީ ގަންޒުގެ ޕާޓީއިން ސަރުކާރެއް އެކުލެވޭ ވަރަށް ކާމިޔާބު ކުރާނެއެވެ. އަދި ރަހީނުންގެ މައްސަލާގައި މިހާރު އެމެރިކާއަށް ގޮސް އުޅުމުގެ ސަބަބުންވެސް އޭނާގެ މަޝްހޫރުކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
ޖެރޫސަލަމް ހީބްރޫ ޔުނިވަރސިޓީގެ ޕްރޮފެސަރ ރިއުވާން ހަޒާން ބުނެފައިވަނީ މި ދަނޑިވަޅުގައި ސިޔާސީ ބައިބައިވުން އިތުރުވެ ގަންޒް ސަރުކާރުން ނިކުމެއްޖެނަމަ މިހާރުވެސް ނަތަންޔާހޫގެ ސިޔާސަތާދޭތެރޭ ހިތް ހަމަނުޖެހިފައިތި ރައްޔިތުން އަލުން ރަތަށް އަރައި އިތުރު މުޒާހަރާތައް ފެށިގެންދާނެއެވެ.
އޭނާ ބުނެފައިވާގޮތުގައި 7 އޮކްޓޫބަރުގެ މާކުރިން ވެސް ނަތަންޔާހޫގެ ސިޔާސަތު ގަބޫލުނުކުރާ ރައްޔިތުން ވަރަށް ގިނައެވެ. އެ ހާލަތުގައި އޮއްވާ ގުޅިފައިވާ ސަރުކާރު ރޫޅިއްޖެނަމަ ރައްޔިތުން ދެން ބަދަލުވެގެންދާނީ ބަޑިބޭހަށެވެ. މިދިޔަ ހޮނިހިރު ދުވަހުވެސް ދިހަހާހަށްވުރެން ގިނަމީހުން މަގުތަކަށް ނިކުމެ އިންތިޚާބު ބޭއްވުމަށް އަޑުއުފުލާ މުޒާހަރާ ކުރަމުންގެންދިޔައެވެ.
ގައްޒާގެ ހާލަތަށް ބަލާލާއިރު މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުން ހިންގި ޖަރީމާގައިވެސް 30 މީހުން ޝަހީދުކޮށްލިއެވެ. އޭގެތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. ރަފާހް ގެ މިސްރާވީ ފަޅީޣެ ގެއަކަށް ދިން ހަމަލާގައި އެކަނިވެސް 14 މީހުން ޝަހީދުކޮށްލިއެވެ. އެ މީހުންގެ ހަށިގަނޑުތައް ގެންދިޔަ ހޮސްޕިޓަލްގެ ޑޮކްޓަރ މަރްވާން އަލް ހަމްސް ބުނެފައިވަނީ އޭގެ ތެރޭގައި އެއް އާއިލާއެއްގެ 6 ކުޑަކުދިންނާއި 4 އަންހެނުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައިވެސް 17 މީހުންވަނީ ޝަހީދުކޮށްލާފައެވެ.