މި ސަރުކާރުން މަސައްކަތް ކުރަނީ، އިޤްތިޞާދުގައި ބުންވަރު ޖައްސައިދީ، ރާއްޖެއަށް އިތުރު އިންވެސްޓަރުން ގެނެސް، އިންވެސްޓަރުންނަށް އިތުބާރު ހޯދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިރޭ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ކެންދޫގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ’އިންވެސްޓަރ ކޮންފިޑެންސް‘ ނުގެނެސް ރާއްޖެއަށް އާމްދަނީ އިތުރެއް ނުވާނެ ކަމަށެވެ.
އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެ މަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެއަށްފަހު، އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރާ ހުރިހާ މަސައްކަތްތަކެއްގެ ނަތީޖާ ނެރެދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ އިޤްތިޞާދު އޮތް ދަށް ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ، ފައިސާ ޗާޕުނުކޮށް އިތުރަށް ރުފިޔާގެ އަގު ވައްޓައިނުލާ، އިޤްތިޞާދު ވަރުގަދަކުރުމަށް ކަމުގައެވެ.
އެގޮތުން ”ފައިސާ ޗާޕުކުރުމަކީ، މި ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރަން އޮތް އޮޕްޝަނެއް ނޫން (ޙައްލެއް ނޫން)“ ކަމަށާ، އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރުމަށް ބޭނުންވާނަމަ ފައިސާ ޗާޕު ނުކުރާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ކުންފުނިތައް ވަރުގަދަ ކުރުމަށާއި ކުންފުނިތަކުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ޤައުމަށް ފައިސާ ވަންނާނެ ދާއިރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.
ކެންދޫއަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި އަށްވަނަ މަންޒިލެވެ.