ދެކުނު ތުރުކީއަށް މިދިޔަ އަހަރުގެ ތެރޭގައި ކުރިމަތިލާން ޖެހުނު ބޮޑު ބިންހެލުމަށްފަހު، މިއަހަރުވެސް އެފަދަ ކާރިސާއެއް ހިނގައިފާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.
ތުރުކީގެ އިސްތާންބުލް އޮންނަނީ ނޯތް އެނެޓޯލިއާގެ ނުރައްކާތެރި ފޯލްޓްލައިން މަތީގައި ކަމަށްވުމުން، ފާއިތުވެދިޔަ 2000 އަހަރުގެ ތެރޭގައި ބާރުގަދަ 34 ބިންހެލުން އެތަނަށް އަރާފައިވެއެވެ.
އިސްތާންބުލްގެ ބިމަށް ކުދިކުދި ގުޑުންތައް ކޮންމެ އަހަރަކުވެސް އަރައެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ތުރުކީއަށް ދިމާވި ކާރިސާގައި ކުރިމަތިލި ހިތްދަތިކަމަށްފަހު ރައްޔިތުން ތިބީ އެފަދަ ކާރިސާއެއް އަނެއްކާވެސް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމުގެ މަތީގައެވެ.
އިސްތާންބުލް އަކީ 16 މިލިއަން މީހުން ދިރިއުޅޭ ބޮޑު ސިޓީއެކެވެ. އަދި ގުދުރަތީ ކާރިސާއެއްގެ ބިރާއެކުވެސް އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ ފަސްބުރިއަށްވުރެ އުސްކޮށް ރާނާފައި ހުންނަ އިމާރާތްތަކުގައެވެ.