އިންތިޚާބުގެ ކުރިން ހަނގުރާމަ ނިންމައިދިނުމަށް ބައިޑަން އެދިވަޑައިގެންފި

Loading

Facebook
Twitter
WhatsApp
President Joe Biden speaks on the phone with Israeli Prime Minister Benjamin Netanyahu on Wednesday, May 12, 2021, in the Oval Office of the White House. (Official White House Photo by Adam Schultz)

އެމެރިކާ ސަރުކާރުން އިސްރާއީލަށް ހިފެހެއްޓުމެއްނެތި މަދަދުކުރުން އެމެރިކާގެ ޒުވާން ޖީލުން ގަބޫލު ނުކުރާކަން ހާމަވެފައިވާތީއާއި ހަނގުރާމަ ނުހުއްޓި ކުރިއަށްދާނަމަ އާންމު އިންތިޚާބުގައި ޒުވާނުންގެ ވޯޓު ނުލިބޭނެކަން ކަށަވަރު ކުރެވޭތީ މިއަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ހަމާސްއާއި ދެކޮޅަށް އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމަށް ރައީސް ބައިޑަން ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފިއެވެ.

ބައިނަލް އަގްވާމީ މީޑިއާއަށް އެނގިފައިވާ ގޮތުގައި ރައީސް ބައިޑަން މިގޮތަށް އެދިވަޑައިގެންފައިވަނީ ފޯނު ކޯލަކުންނެވެ. އެމެރިކާގެ 2 އޮފިޝަލަކު ވިދާޅުވެފައިވަނީ 40 މިނިޓަށް ދެމިގެންދިޔަ އެ ފޯނުކޯލުގެ ބޮޑު ބައެއް ހޭދަވެގެންދިޔައީ އިސްރާއީލުން ގަސްދުކުރާ ގޮތެއް ބެލުމުގެ މައްޗަށެވެ.

ވައިޓްހައުސްގެ މައުލޫމާތު އެނގޭ ފަރާތަކުން އެކްސިއޯސްއަށް ކިޔާދީފައިވާ ގޮތުގައި ފަލަސްތީނުން މަރުވަމުންދާ މީހުންގެ ޚަބަރު މީޑިއާތަކުގެ ފަލަ ސުރުޚީއަށް އަރަމުންދާކަށް ރައީސް ބައިޑަން ބޭނުންފުޅެއްނުވެއެވެ.

ރައީސް ބައިޑަން ހުންނެވީ އިންތިޚާބުގައި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ކުރިމަތިލާން ޖެހިވަޑައިގެންފާނެތީ ވެސް ކަންބޮޑުވެފައެވެ.

ސެއިންޓް އަންސެލްމް ކޮލެޖުގެ ޕްރޮފެސަރ ކްރިސްޓޮފަރ ގަލްޑެއިރީ ދަ ޓެލިގްރާފުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ 2024 ނޮވެމެބަރުގެ އާންމު އިންތިޚާބުގެ ކުރިން ހަނގުރާމަ ނިމުމަކަށްގެނެސް ވައިޓްހައުސްއިން ބޭނުންވާގޮތަކަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ބޭނުންވެގެން އުޅުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. މިއީ އިންތިޚާބުގައި ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ ޒުވާން އުމުރު ފުރައިގެ މީހުންނާ ގުޅޭ މައްސަލައެކެވެ. އިންތިޚާބު ކާމިޔާބުވުމާއި ނުވުން ބިނާވެފައި އޮތީ ޒުވާނުން ދެކޭ ގޮތެއްގެ މައްޗަށެވެ. 2020 ވަނަ އަހަރު ރައީސް ބައިޑަން އަށް އާންމު އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގަތުމުގައިވެސް ޒުވާނުންގެ ދައުރު އޮތް މިންވަރު ވިސްނިވަޑައިގަންނަވާތީ އެކަން ބަދަލުވާކަށް ރައީސް ބޭނުން ފުޅެއް ނުވާނެއެވެ.                      

ނިއުޔޯކް ޓައިމްސްއާއި ސައިނާ ކޮލެޖް ގުޅިގެން 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ވިސްނުންހުރިގޮތެއް ބެލުމަށް ނެގި ވޯޓުގައި %75 ބުނެފައިވަނީ ހަމާސްއާއި އިސްރާއީލުގެ ދެކޮޅުވެރިކަން ހައްލުކުރަން ބައިޑްންގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށާއި އިމެއްނެތި އިސްރާއީލަށް ކުރަމުންގެންދާ ތާއީދަށް އެއްބަސް ނުވެވޭނެކަމަށެވެ.

ރައީސް ބައިޑަން ބޮޑުވަޒީރު ނަތަންޔާހޫއާއި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ވިސްނުންފުޅު ހުރިގޮތް ވަރަށް ސާފުކޮށް އޮޅުންފިލުވާދެއްވުމުންވެސް އިސްރާއީލުން ތިޔަ ބޭނުންވެގެން އުޅޭ ކަމެއް ވިސްނިވަޑައިނުގަންނަވާކަން ހާމަކުރެއްވިއެވެ.

އެ ވާހަކަތަކުގައި ނަތަންޔާހޫ ރައީސް ބައިޑަންއަށް ދެންނެވިކަމަށް ވަނީ ޔުނައިޓެޑް ނޭޝަންސްގެ ވަފުދެއް ގައްޒާއަށް ވަޑައިގެން ހަނގުރާމައިގެ ހާލަތު ދިރާސާ ކުރުމަށް ހުއްދަ ދެވިދާނެ ކަމަށާއި އެހެންނަމަވެސް އެ ވަފުދުގެ މެމްބަރުން ޣައްޒާއަށް އެތެރެވާންޖެހޭނީ އިސްރާއީލުގެ އަޝްދުދު ބަނދަރުންނެވެ. އަދި ޖޯޑަން ތެރެއިން އައިސް ކެރޭމް ޝަލޯމްގެ ބޯޑަރުތެރޭން ލާފައި ގައްޒާއަށް ބޭނުންވާ އަސާސީ އެހީ ފޯރުކޮށްދެވިދާނެކަމަށްވެސް ނަތަންޔާހޫ އެއްބަސްވެފައިވާކަން އެނގިފައިވެއެވެ.

އެންމެފަހުން ރައީސް ބައިޑްން ކޯފާ އިސްކުރައްވައި އިތުރަށް ވާހަކަދައްކާކަށް ބޭނުމެއްނުވެއޭ ވިދާޅުވެ ފޯނު ބޭއްވީކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ހާމަކޮށްފައެވެ.

ބައެއް ޑިމޮކްރެޓުންގެ ވިސްނުންފުޅާ އެއްގޮތަށް އުތުރު ޣައްޒާގައި އިސްރާއީލު ސިފައިންގެ ހަމަލާތައް މިހާރު އޮންނާނީ މައިތިރި ކޮށްފައި ކަމަށާއި އެހެންނަމަވެސް ދެކުނު ސަރަހައްދު ތަކުގައި އިސްރާއީލުން ދެމުންގެންދާ ހަމަލާތަށް ލުއި ނުކުރެވޭނެކަމަށް ނަތަންޔާހޫ ބުނިކަމަށް ވެއެވެ. އަދި ހަމާސްއިން އަލުން އާ ބާރަކާއެކު ރައްދު ހަމަލާތައް ދިނުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

Loading

One Response

  1. މިއީ ދޯ އެ ބާރުގަދަ އެމެރިކާގެ ފެންވަރަކީ. ކުޑަ ސޯބުން މައި ސޯބު ކޮންޓްރޯލް ކުރުން މިއަށް ކިޔަނީ އަހަރެމެން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް