ސަރުކާރުގެ ނިންމުމާ އެއްގޮތަށް މިއަދުން ފެށިގެން ޑޮލަރުގެ ލިމިޓު ބޮޑެއް ނުކުރެވުނު

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މި މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުކުރަން ނިންމި ނިންމުން ތަންފީޒެއް ނުކުރެވުނެވެ.

ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު ފުރިހަމަކުރުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމެވީ ޑިސެމްބަރު 25 ގައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް އެ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަށް އަމަލުކުރަން ފަށާ ތާރީހަކީ މި އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަސް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު އިތުރުކުރުމުގެ ގޮތުން ބީއެމްއެލްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއެކު މިފަދަ ނިޒާމެއް އެކުލަވައިލުމަށާއި ވީހާވެސް އަވަހަށް މި ސިޔާސަތު ތަންފީޒުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށެވެ. ނަމަވެސް މި ސިޔާސަތު މިވަގުތު ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ ރާއްޖޭގައި މިވަގުތު ޑޮލަރު ޑިމާންޑް އަދި ހުރި ހުރަސްތައް ދެނެގަންނަމުންދާ ކަމަށާއި ކާޑު ލިމިޓް އިތުރުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަގީންކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އަދާހަމަ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރަމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށާއި ބޭންކިންގ ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރުމަށްޓަކައި އެމްއެމްއޭއާއި ބޭންކްތަކާއި އެ މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް