މުއްސަނދިކަމާއި މަތީ މަގާމުތައް ލިބުމުންވެސް ހިތްހަމަނުޖެހޭ އިންސާނާ

Loading

Facebook
Twitter
WhatsApp

އިންސާނުންގެ ދަހިވެތިކަމާއި އަމިއްލައެދުން ނިމުމަކަށް އަންނާނީ ކިހާވަރެއް ލިބި ކޮންފަދަ މަގާމުތަކެއް ލިބުނީމާ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުދޭކަށް ހަމަ އެކަކަށްވެސް ނޭންގޭނެއެވެ. އެކަމަކު ލޯމަތީގައި ހާމަވަމުންދާ މަންޒަރުތަކުން ކޮންމެވެސް މިންވަރަކަށް އިބްރަތް ލިބިގަތުމަކީ ރަނގަޅުކަމެވެ. 

މައުލޫމާތަށް ޓަކައި މިގެނެސްދެނީ މުއްސަނދިކަމާއި މަތީ މަގާމުތައް ލިބުމުންވެސް ހިތްހަމަ ނުޖެހޭނެކަން ހާމަކޮށްދޭ މިހާރުގެ އެންމެ ތާޒާ އެއް ޚަބަރެކެވެ.                                                               

ސީ އެޗް އޭވިއޭޝަނާއި ރޮއިޓާރސް ޚަބަރު ދެމުންގެންދާ ގޮތުގައި ގަތަރު އެއާވޭސްގެ ކުރީގެ ޗެއަރމަން އަލީ ޝަރީފް އަލް އިމާދީ 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި އޭނާ ޚީޔާނާތްތެރިވެފައިވާކަން ސާބިތުކުރެވޭ ފައިސާގެ ތިންގުނަ އިތުރަށް ޖުމުލަ 16.8 ބިލިއަން އެމެރިކާޑޮލަރ ސަރުކާރަށް ދެއްކުމަށް ގަތަރުގެ ޖިނާއީ ކޯޓުން މިހިނގާ ޖެނުއަރީ މަހުގެ 10 ވަނަދުވަހު ހުކުމް ކުރައްވައިފިއެވެ.

އުމުރުން  55 އަހަރުގެ އިމާދީ 2021 ވަނައަހަރު މޭމަހުގެތެރޭގައި އޭނާ ހައްޔަރު ކުރުމާ ހަމަޔަށް މެދުއިރުމަތީގެ އެންމެ ބާރުގަދަ ބިޒްނަސް އެގްޒެކެޓިވުންގެ ތެރޭގައި ހިމެނެއެވެ. އިމާދީ އަކީ ގަތަރު އެއަރވޭސްގެ ރިޔާސަތުގެ އިތުރުން 2013 ވަނައަހަރުން ފެށިގެން އޭނާ ހައްޔަރުކުރުމާ ހަމަޔަށް ގަތަރުގެ މާލީ ވަޒީރުވެސް މެއެވެ. އަދި އެ މުއްދަތުގައި ގަތަރ އިންވެސްޓމެންޓް ބޯޑުގެ މެމްބަރުކަމާއި އަދި ގަތަރ ނޭޝަނަލް ބޭންކުގެ ރިޔާސަތަކީވެސް އޭނާއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މާލީ ވަޒީރު ކަމުގައި ހިންގާފައިވާ ޖަރީމާތަކަކާ ގުޅިގެންނެވެ. ގަތަރުގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތުން ހާމަކޮށްފައިވާ ގޮތުގައި މާލީ ވަޒީރުކަމުގައި ހުރެ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ ކަމުގެ ތުހުމަތުގައި 2021 ވަނަ އަހަރު މޭމަހު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މާލީ ވަޒީރުގެ ހައިސިއްޔަތުގައި ދައުލަތުގެ 5.6 ބިލިއަން އެމެރިކާ ޑޮލަރަށް އޭނާ ޚިޔާނާތްތެރިވެފައިވާ ކަމަށް ކޯޓުގެ ހުކުމްގައި ކަނޑަ އަޅުއްވާފައިވެއެވެ. އަދި އިމާދީގެ މައްޗަށް ވަޒީފާގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑްރިންއާއި ރިޝްވަތާއި އަދި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުންވެސް ކަނޑައަޅުއްވާފައިވެއެވެ. ޖިނާއީ ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ.                          

އިމާދީ ވަޒީފައިން ވަކިކުރުމާއެކު ވަގުތީ ގޮތުން މާލީ ވަޒީރުގެ މަގާމު އަދާކުރުން އެގައުމުގެ ވިޔަފާރިޢއާއި ބެހޭ ވަޒީރުއަލީ ބިން އަހްމަދު އަލްކުވާރީއާއި ވަނީ ހަވާލުކުރައްވާފައެވެ.                               

ގަތަރުގެ ޚާރިޖީ ވަޒީރު މުހަންމަދު ބިން އަބްދުއްރަހްމާނު ބިން ޖާސިމް އަލް ސާނީ ރޮއިޓަރސް އަށް ވިދާޅުވެފައިވަނީ މިހާރު ބެލެމުންދަނީ ހަމައެކަނި މާލީ ވަޒީރުކަމުގައިހުރެ އިމާދީ ގައުމަށް ވެފައިވާ ޚިޔާނަތުގެ މައްސަލަ އެކަނި ކަމަށެވެ. އޭނާއާއި ގުޅޭ އެހެންއެއްވެސް މައްސަލައެއް އޭގައި ހިމެނިފައެއް ނުވާނެއެވެ. އަހަރެމެންގެ ގައުމުގެ ކަންތައް ހިންގަމުން ގެންދަނީ އެކަމަށް ހަވާލުކުރެވޭ އިސް ބޭފުޅުން ޒިންމާދާރުކުރެވޭ ގޮތަށެވެ. އޮޑިޓްކުރުމާއި ވާނުވާ ބެލުމުގެ ލޯތައް ހުންނާނީ ތަންމިނަށް ހުޅުވާފައެވެ. ގާނޫނުގެ ދިގު އަތުން ރެކިގެން ދިއުމުގެ ފުރުސަތު ހަމައެކަކަށްވެސް ނުލިބޭނެއެވެ.           

އިމާދީގެ އިތުރުން ޝާހީ އާއިލާއަށް ނިސްބަތް ކުރެވޭ ނަވާފް ބިން ޖާސިމް ބިން ޖަބޫރް އަލްސާނީ ވެސް ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީ 6 އަހަރުދުވަހަށް ޖަލަށް ލުމަށާއި އިތުރު 14 މީހަކަށްވެސް އެކި މުއްދަތުގެ ޖަލުހުކުމް ވަނީ ލިބިފައެވެ. ކޯޓުގެ ލިއުންތައް ވަކީލަކު ވަނީ ރޮއިޓާރސްއަށް ދައްކާފައެވެ.     

Loading

One Response

  1. ގާނޫނާ ގަވައިދުތައް އަޅުގަނޑުމެންގެ ރާއްޖޭގައި ހުރީ ހަމަ ވަރަށް ރަނގަޅަށް ހަދާފައެވެ. ޚިޔާނާތްރިވާމީހުން ބަޗާގަނެގެން ދަނީ ކިހެނެއް ކަމެއް ނޭގެއެވެ.. ހަމަގައިމު ގަތަރުގެ މާލީ ވަޒީރުގެ ގާނޫނީ ވަކީލަކީވެސް ތަނެއްގައިހުރި މޮޔައަކަށް ނުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް