ހަނގުރާމައިގެ ބިރުވެރިކަން ދޮރާހަމަޔަށް އައުން ހުއްޓުވުމަށް ދެކޮޅަށް ދުވަނީ

Loading

Facebook
Twitter
WhatsApp


އީރާނުން ވަނީ އެމެރިކާގެ 16 މިލިޓްރީ ބޭސްއަކަށް ހަމަލާދީ އެމެރިކާގެ މިލިޓްރީ ނެޓްވާރކްގެ ފައި ބިންދާލާފައެވެ.


އެމެރިކާއިން އީރާނަށް ހަމަލާދިނުމުން މެދުވެރިވެގެންދާނެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެ އެމެރިކާގެ ހަމަލާތައް ހުއްޓުވޭނެ މަގެއް ފެނޭތޯ ގަލްފުގެ ގައުމުތަކުގެ ވެރިން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެމެރިކާގެ ހަމަލާތަކާ ގުޅިގެން މީގެ ކުރިންވެސް ހުރިހާ ގެއްލުމަކާއި ބިރެއް އެންމެ ބޮޑަށް އުފުލަން ޖެހުނީ ގަލްފުގެ ގައުމުތަކުންނެވެ.
ހަނގުރާމަ ހުއްޓުވިދާނެ އެއްވެސް މަގެއް ފެނޭތޯ މިދަޔަ ހުކުރުދުވަހުވެސް ގަތަރުގެ އިސް ވަފުދެއް ވަނީ ތެހެރާނަށް ދަތުރުކުރައްވާފައެވެ.
ޚަބަރުތަކުން އެނގިފައިވާގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ހަމަލާތައް ދޭން ފެށުން ހުއްޓުވިދާނެ މަގެއް ހޯދަން ރައީސް ޓްރަމްޕް ވެސް ބޭނުންފުޅުވެއެވެ. މި ކަމަށްޓަކައި ނައިބު ރައީސް ވޭންސް އާއި ސްޕެޝަލް އެންވޯއި ސްޓީވް ވިކްޓޯފް އަދި ރައީސްގެ ދަނބި ދަރި ކުޝްނަރ އަދި ދިފާއީ ވަޒީރު ޕީޓްހެގްސެތު މިހާރުވެސް ތިބީގަތަރުގައެވެ. އެހެންނަމަވެސް އީރާނަށް ހަމަލާދޭން އަލުން ފެށުމަށް ދިފާއީ ވަޒީރު ހެގްސެތު ތާއީދެއް ނުކުރެއެވެ. އީރާނުގެ އޮފިޝަލަކު ހާމަކުރައްވާފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު މީގެ ކުރިން ދެކިފައިނުވާ ހާލަތެއް ޕަރޝިއަން ގަލްފުން ކުރިމަތިލާން ޖެހޭނެއެވެ. އެމެރިކާއިން ހޮރްމުޒް ކަނޑުއޮޅި ދަމައިގަނެ އީރާނުގެ އިގްތިސާދު އަދިވެސް ބޮޑަށް އިނދަ ޖައްސާލުމުގެ ފުރިހަމަ ބާރު އެމެރިކާއަށް ލިބިފައިވާކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވޯޝިންގޓަން ޕޯސްޓަށް ކިޔާދީފައި ވެއެވެ.
ފާއިތުވެގެން މިދާ ތިރީހަކަށް އަހަރު ގަލްފުގެ ގައުމުތަކުގެތެރެއިން ބަހްރައިންއަކީ އެމެރިކާގެ ފަސްވަނަ ފްލީޓުގެ މައި ޖަގަހައެވެ. މިހާތަނަށް ބަހްރައިނުން ތިބީ އެމެރިކާގެ ފަސްވަނަފްލީޓުގެ މައި ޖަގަހަ އެ ގައުމުގައި ބަޑަހަޖަހައިގެން ތިބުމުގެ ސަބަބުން ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވުނީ ކަމށެވެ. އެހެންނަމވެސް، އީރާނުންދިން އެތައް ސަތޭކަ ޑްރޯން ހަމަލާގައި ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތައް އެއްކޮށް އެވަނީ ބިމާހަމަވެފައެވެ. ބަޙްރައިންގައި ބަޑަހަޖަހައިގެން ތިބި ފަސްވަނަ ފްލީޓް ނައްތާލުމުގެ ސަބަބުންވެސް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުން އެމެރިކާއިން ވަނީ އުފުލަން ޖެހިފައެވެ.
އީރާނާއި އިރާގުވެސް ބައިވެރިކޮށްގެން ގަލްފު ސަރަހައްދުގެ މުސްތަގިއްލު ސެކިއުރިޓީ ނިޒާމެއް ގާއިމް ކުރުމަށް މިދިޔަ ހަފުތާގައި އޮމާނުގެ ޚާރިޖީ ވަޒީރު ބަދުރް އަކްބުސައިދީ ވަނީ ގަލްފުގެ ގައުމުތަކަށް ގޮވާލައްވާފައެވެ. އަދި ގަލްފުގެ ސަފުން އީރާން ބޭރުކުރުމުގެ ހިތި ނަތީޖާ މިދަނީ ފެންނަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ފެބުރުއަރީ މަހު ހަނގުރާމަ ފެށުނީއްސުރެން ގަލްފުގެ ގައުމުތަކުން ގެންދަނީ އެމެރިކާގެ އަގުބޮޑު ދިފާއީ ނިޒާމުތައް ގަންނަމުންނެވެ. އެކަމަކު އެމެރިކާގައިވެސް ބެލިސްޓިކް މިސައިލުން ދިފާއުވެގަތުގެ ނިޒާމް ހުސްވާން ގާތްވެފައި ވުމާއެކު ގަލްފުގެ ގައުމުތަކުގައި އީރާނުގެ ހަމަލާތަކުން ދިފާއު ވެވޭނެގޮތެއްވެސް ނެތެވެ.
ޔުނިވަރސިޓީ އޮފް އޮޓާވާގައި މެދުއިރުމަތީގެ ސެކިއުރިޓީ ހާލަތު ދިރާސާކުރަމުން ގެންދަވާ ޕްރޮފެސަރ ތޯމަސް ޖޫނޯ ދެކޭގޮތުގައި ބެލިސްޓިކް މިސައިލް އިންޓަރސެޕްޓަރ ދުނިޔޭގެ މިލިޓްރީ ބާޒާރުގައި މަދުވެފައިވާއިރު ގަލްފުގެ ގައުމުތަކުން އީރާނުގެ ހުރިހާ ހަމަލާތަކެއް ހުއްޓުވިދާނެކަމަށް ދުށުމަކީ ފެންޓަސީއެކެވެ. ހޫތީ މުޖާހިދުންގެ ހަމަލާތައް ސައޫދީ އެރޭބިއާއިން ނުހުއްޓުވިގެން އުޅުން ހެއްކަކަށްފުދެއެވެ.
ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައިގޮތުގެމަތިން އެމެރިކާގެ މިޑް ޓާރމް އިލެކްޝަނަށްފަހު އީރާނަށް އަލުން ހަމަލާދޭން ފަށައިފިނަމަ ގަލްފުގެ ގައުމުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށްވެސް މާ ބޮޑެތި ގެއްލުން ތަކާ ކުރިމަތިލާން ޖެހުމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.
އެމެރިކާގެ ސެނޭޓް ކްރިސް މާރފީ މިދިޔަ ބުދަ ދުވަހު މިޑްލް އީސްޓް އިންސްޓިޓިއުޓްގައި ވާހަކަ ދައްކަމުން އެމެރިކާއިން ދޭން ރާވައިފައިވާ ހަމަލާތަކުގައި އީރާނުގެ އާންމު ރައްޔިތުންގެ އިންފްރާސްޓްރަކްޗަރވެސް ހިމެނިފައިވުމަކީ މޮޔައަކުވެސް ނުކުރާނެ ކަމެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ވަރަށް ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލަންޖެހޭނެކަންވަނީ ހާމަކޮށްފައިވެއެވެ. ބަޙްރައިންގައި ބޭއްވުނު ސެކިއުރިޓީ ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުން އީރާނާ ދެކޮޅަށް އެމެރިކާއިން ރާވަމުންދާ ދެކޮޅުވެރިކަން ނައްތާލައި ސުލްހަވެރިކަން ގާއިމްކުރުމަށް ސަރަހައްދުގެ ގައުމުތަކުން އެކުގައި މަސައްކަތްކުރަމުން ގެންދާކަމަށް ސައޫދީ އެރޭބިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ވަލީދު އަލް ޚަރީޖީ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ގައުމުތަކުން މިކުރާ މަސައްކަތުގެ ނަތީޖާއަކީ ކޮބައިކަން ބުނެދޭކަށް ނޭންގެއެވެ. ހަމަ އެފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުން ވެގެންދާނީ މި ސަރަހައްދު ފަނަކުރަނިވި އަންޖާމަކާ ކުރިމަތިލާން ޖެހުން ކަމުގައި މިސްރުގެ ޚާރިޖީ ވަޒީރު އަބްދުއްލަތީ ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އެއްވެސް ފަރާތަކަށް ކާމިޔާބެއް ނުލިބޭނެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ރާވަމުންގެންދާ ހަނގުރާމައިގެ ދެވަނަ ބުރު ފެށިއްޖެނަމަ އެ ހަމަލާއައީ ކޮންމެ ސަރަހައްދަކުން ކަމަށް ވިޔަސް އެތަނެއް އަލުން ކޮޅަށް ނުނެގޭ ވަރަށް ބިމާ ހަމަކޮށްލުމަށާއި އެކަމުގައި އެއްވެސް އިސްތިސްނާއެއް އަދި އަހަރެންގެ އަމުރަށް ފަސްކުރުން ނޯންނާނެކަން އީރާނުގެ ބާރުތަކުގެ ވެރިންނަށް ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއި ވަނީ އަމުރު ކުރައްވާފައެވެ. އަދި އީރާނުގެ ނިއުކްލިއަރ މަޝްރޫއަށް އެމެރިކާ ނޫނީ އިސްރާއީލުން ހަމަލާ ދީފިނަމަ ނޮން-ޕްރޮލިފެރޭޝަން ޓްރީޓިން އީރާން ވަކިވެ ނިއުކްލިއަރ ބާރަކަށް ވެދާނެކަމުގެ ބިރުވެސް އޮތް ކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައިވެއެވެ.
ހަނގުރާމައިގެ އަލިފާންގަނޑު ހޫނުވަމުން ދަނިކޮށް ފުޅާ ދާއިރާއެއްގައި އެމެރިކާއިން މަޝްވަރާކުރަން ބޭނުންކަން ހާމަކުރުމަކީ ހެޔޮމަގަށް އެޅި ފިޔަވަޅެއްކަމަށް ވިދާޅުވަމުން މީގެ ކުރިން އީރާނުން ހުށައަޅާ ފައިވާ ޝަރުތުތައް އެމެރިކާއިން ގަބޫލުކުރުމުން މެނުވީ އީރާނުން މަޝްވަރާއަށް ތައްޔާރު ނޫންކަމަށް ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ވިދާޅުވެފައެވެ. އަލްޖަޒީރާއަށް ޚާރިޖީ ވަޒީރު މައުލޫމާތު ދެއްވިއިރު މަޝްވަރާތަކުގައި ބައިވެރިވުމަށް އީރާނުގެ މަންދޫބު ގަތަރަށް ވަޑައިގެންފިއެވެ. އެ މަޝްވަރާތަކުގައި އެމެރިކާއާއި އިސްރާއީލުގެ އުދުވާން ހުއްޓުވުމާއި އީރާނާ ދެކޮޅަށް އަޅާފައި ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމާއި ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާއި އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހިމެނިގެންދާނެއެވެ. މެދުވެރިން ބޭނުންކޮށްގެން މިހާރު ކުރެވެމުންދާ މަޝްވަރާތައް ނޫން އެހެން މަޝްވަރާތަކަކަށް އީރާނުން ތައްޔާރު ނޫންކަމަށާއި ކުރިއަށް އޮތްތަނުގައި އެމެރިކާއާއެކު ވާހަކަ ދައްކާނެ ގޮތަކާއި ވާހަކަ ދައްކާނެކަން ނުވަތަ ނޫންކަން އެއީ މާފަހުގެ ނިންމުމެއްކަމަށްވެސް ޚާރިޖީވަޒީރު ވިދާޅވިއެވެ.
އެމެރިކާއިން އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ މުހްސިން ރިޒާއީއަށް އަލަށް ފޮނުވި ހުށައެޅުމުގެ މަގްސަދު ރަނގަޅަށް އޮޅުން ނުފިލާކަމަށާއި އަދި އެ ހުށައެޅުން އީރާނުގެ އެންމެ އިސްވެރިން ބައްލަވާފައިވާ ކަމަށާއި އެމެރިކާގެ މަގްސަދަކީ އީރާނުގައި ބައިބައިވުން އުފެއްދުން ކަމަށް ވާނަމަ އަނެއްކާވެސް ޚިޔާރު އެކުރެވުނީ ނުބައި މަގެއްކަންވެސް ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ. އެމެރިކާއިން އަލަށް ފޮނުވި ހުށައެޅުން އުފަންވެފައިވަނީ އީރާނާ ދެކޮޅަށް އަލުން ހަމަލާތައް ދޭން ފެށުން ހުއްޓުވުމަށްޓަކައި ނައިބު ރައީސް ވޭންސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ކަމަށް ނިއު ޔޯރކް ޓައިމްސް އާއި ވޯލް ސްޓްރީޓް ޖާރނަލުން ބުނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް