ހ.ތިމާވެށި ގޭގެ ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ހ.ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި ބައެއް ތަކެތި ހޯދާފައިވާ ކަމަށެވެ.
މި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 26 ވަނަ ދުވަހުއެވެ. 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ.
މި ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު ހ.ތިމާވެށި ގެއިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، އެ ތަނުން އެކަކު ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށާއި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނޭއިރު މި ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.