ބޮންއަޅައިގެން ޔަމަން މައިތިރިއެއް ނުކުރެވޭނެ

Loading

Facebook
Twitter
WhatsApp

މިލިޓްރީގޮތުން ދުނިޔޭގެ އެންމެބާރުގަދަ ގައުމު އެމެރިކާއާއި އެމެރިކާގެދަނބިދަރި އިސްރާއީލާ އަދި އެއްޒަމާނެއްގައި މުޅި ދުނިޔެ އިސްތިޢުމާރުކުރި އިނގިރޭސި ވިލާތްވެސް ހިމެނޭ ބިޔަ ކޯލިޝަނަކާ ދެކޮޅަށް މީގެ ދިހަވަރަކަށް އަހަރު ކުރިން އުފަންވި ބަނގުރޫޓު ކޮށްލާފައިވާ ޖިހާދީ ޖަމާޢަތަކުން ކުރިމަތިލުން ޢިއުލާން ކުރުމަކީ މިހާތަނަށް ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ ކަމެއް ނޫނެވެ.އަދި މިއީ އާދައިގެ ކަމެއްވެސް ނޫނެވެ. 

މި ލިއުމުގައި ގެނެސްދީފައި މިވަނީ ގައްޒާއާއި ރެޑްސީގައި ހިނގަމުންދާހަނގުރާމައާ ދޭތެރޭ ދުނިޔޭގައި ތިބި ވަކިފަރާތަކަށް ނުޖެހޭ ސިޔާސީ އަދި މިލިޓްރީ ތަޖްރިބާކާރުންގެ ވިސްނުންފުޅު ހުރިގޮތެވެ.

އަންސާރު ﷲ ގެ ނަމުން އެޖަމާއަތުގެ ނަން ލިބިގަނެފައިވާ ފަލަސްތީނުގެ ޙަމާސް އާއި ސީރިޔާގެ މިލިޝިޔާއާއި އިސްލާމިކް ޖިހާދާއި ލެބަނަންގެ ޙިޒްބު ﷲ އާއި އިރާގުގެ މޮބިލައިޒޭޝަން ޔުނިޓާއި ޔަމަނުގެ ހޫތީން އެކުލެވޭ އެކްސިސް އޮފް ރެޒިސްޓެންސް އިން ކުރިން މިބުނެވުނު ގަދަފަދަ ބާރުތަކަށް މިހާރުދެމުންގެންދާ ޙަމަލާތަކަކީ ތިންމަސްދުވަސް ފާއިތުވެގެން ދާއިރުވެސް ވަރުބަލިކަމެއް ނެތި ކުރިއަށް ގެންދާ ޙަމަލާތަކެއް ކަމުގައި ގަބޫލުކުރަން ޖެހެއެވެ. 

އެމީހުންނަށް އެފަދަ ހިތްވަރެއް ލިބެނީ އެމީހުންގެ ބަހުންނަމަ ފަލަސްތީނު މިނިވަން ކުރުމުގެ އަޒުމުންނެވެ.                                                              

މި ޖަމާޢަތުގެ ހިތްވަރާއި ކެރުމަށް އާނ! ބަސްބުނުމުގެ ހިތްވަރު ނެތް އެމެރިކާއާއި އިނގިރޭސި ވިލާތާއި އަދި އިސްރާޢީލުން ގަބޫލުކުރަނީ ބޮން އަޅައިގެން އެ ޖަމާޢަތް ހަމަބިމަށް ތިރިކުރެވިދާނެ ކަމަށެވެ.

މި ވިސްނުމުގައި މެދުކެނޑުމެއްނެތި ގެންދަނީ ބޮމާއި މިސައިލްތަކާއި ވިހަގޭސް ބޮން އަޅަމުންވެސް މެއެވެ. ކިހާ ދުވަހަކު ބޮންއެޅުން އެގޮތުގައި ހިފާއްޓާ ލެވިދާނެ ހެއްޔެވެ؟ މިހާރުވެސް މި ކުރިމަތިލުން ތަކުގައި އެމެރިކާއާއި ބައިވެރިން ދުވާލެއްގެ މައްޗަށް އެތައްމިލިއަން ޑޮލަރެއް ޚަރަދުކުރެއެވެ. އެމެރިކާގެ ހިމަން ރައިޓްސް މިނިވަން ޖަމާޢަތަކުން ބުނެފައިވާގޮތުގައި އެމެރިކާގެ ޓެކްފައިސާއިން ދުވާލަކު އެމެރިކާއިން އިޒްރޭލުގެ އުދުވާތަކަށް 285 މިލިޔަން ޑޮލަރު ޚަރަދު ކުރެއެވެ. 

މިފަދަ ބޮޑު ޚަރަދެއް ކިހާދުވަހަކު ކުރެވިދާނެ ހެއްޔެވެ؟ 

ހަނގުރާމައިގާ ބޭނުންކުރާ އުޅަނދުފަހަރުގައި ހުރި ހަތިޔާރު ހުސްވުމުން އިތުރު ހަތިޔާރު ގެނެވިދާނެ މަގުތައްވެސް އަމާނެއް ނޫނެވެ. ބަލަންތިބި ދުނިޔޭގެ އެހެން ގައުމުތައްވެސް އަބަދަކު ބަލާކަށްވެސް ނުތިބޭވޭނަކަން ގަބޫލުކުރަން ޖެހެއެވެ.                    

މިބުނި ބާރުގަދަ މިލިޓްރީއަށް ނޭގޭ ނުވަތަ ގަބޫލުކުރަން ބޭނުންނުވާ ހަގީގަތަކީ އެކްސިސް އޮފް ރެޒިސްޓެންސް ޖަމާޢަތުގެ އެއްބައިވަންތަކަމެވެ. އެއީ “ ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުންނެތޭ ބުނާގޮތަށް“ ހުޅަނގުން އެއްކޮށްލާކަހަލަ ވަގުތީ ކޯލިޝަނެއް ނޫނެވެ. 

މިވަގުތަށް އެ ޖަމާޢަތުގެ އޮތީ ހަމައެކަނި އެންމެ އަމާޒެކެވެ. ފަލަސްތީނުގެ ބިން މިނިވަންކުރުމެވެ. މުޅި ޖަމާޢާތުގެ އަޒުމަކީ އެއީއެވެ. އެ ޖަމާޢަތުން އިތުބާރުކުރާ ތަޖްރިބާރުންގެ އެހީގައި ކުރިއަށް ދިއުން ނޫން އެހެން ވިސްނުމެއް ނެތެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ތުޙުމަތުކުރާ ގޮތުގައި މާލީގޮތުން އެމީހުންނަށް އެހީވެ ދެމުންގެންދަނީ ފާއިތުވެގެން މިދާ ސާޅީހަކަށް އަހަރު އިގްތިސާދީ ދަތިކުރުންތައް މަތިމައްޗަށް ތަންފީޒުކުމުގެ ސަބަބުން އަމިއްލަ ގައުމުގެ އިގްތިސާދުވެސް އަނަރޫފަވެފައިވާ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުންނެވެ.

ދެން އެބުނަނީ އެ ޖަމާޢަތުގެ ބޭނުމަށް ބިމުގެ ވަސީލަތް ފޯރުކޮށް ދެމުން ގެންދަނީ ހަނގުރާމައިގާ ބިމާ ހަމަވެފައިވާ ސީރިޔާއިންނެވެ. ތަމްރީނު ދިނުމާއި ރައްކާތެރިވެ ތިބުމުގެ ފިލާވަޅުތައް ދަސްކޮށްދެނީ ވަންނާނެ ތަނެއްނެތް ޙިޒްބު ﷲ އެވެ. 


ފާއިތުވެގެން މިދާ ސަތޭކަ އަހަރުގެ ބޮޑު ޖޯކޭ ނޫނީ މިއަށް ދޭނެ ނަމެއް އެބަ އޮތް ހެއްޔެވެ؟ 2013 ވަނައަހަރު އެކްސިސް އޮފް ރެޒިސްޓެންސް އުފެދުނީ ސީރިޔާ ސަރުކާރަށް މަދަދު ފޯރުކޮށް ދިނުމަށެވެ. 

ހިޒްބު ﷲ އިން އެ ހަނގުރާމައި ގެތެރެއަށް ވަނުމަށްފަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ބައިވެރިވުން ހޯދިއެވެ. އެއަށްފަހު އިރާގުގެ ޕީ. އެމް. ޔޫ. ގެ ބައިވެރިވުން ލިބިގެންދިޔައެވެ. ސީރިޔާގައި ސަރުކާރާ އެއްކޮޅަށް ހަނގުރާމައިގާ ބައިވެރިވަމުން އިރާގުގައި އިސްލާމިކް ސްޓޭޓާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޕީ. އެމް. ޔޫ. އާއިއެކު ބައިވެރިވުން ކުރިއަށް ގެންދިޔައެވެ. 

މިޖަމާޢަތުގައި އެންމެފަހުން ބައިވެރިވި ޔަމަނުގެ ހޫތީންނަށް އީރާނުން މިލިޓްރީ އަދި ސިޔާސީ ގޮތުން އެއްބާރުލުން ދިނުމާއެކު 2015 އިން ފެށިގެން އެމެރިކާގެ އެނހީލިބިދޭ ސަޢޫދީ ލަޝްކަރުތަކާއި ދެކޮޅަށް ހަނގުރާމަކުރުމުގެ ހުނަރާއި ތަމްރީނު ދިނުމަށް ހިޒްބު ﷲ އިން ޙަވާލުވިއެވެ.

އެކްސިސް އޮފް ރެޒިސްޓެންސްގައި ހިމެނޭ ޖަމާޢަތްތަކުގެ ރޫޙާނީ ގުޅުމަކީ މިއީއެވެ. އެ ޖަމާޢަތުގެ މިއަދުގެ މައިގަނޑު އަމާޒަކީ އސްރާޢީލުން ފަލަސްތީނުގައި ހިންގާ ހަނގުރާމައާއި ޖަރީމާތައް އެއްވެސް ޝަރުތަކާ ނުލައި ހުއްޓުވުމާއިއެކު އެމެރިކާގެ ސިފައިން އިރާގުންނާއި ސީރިޔާއިން ބޭރުކުރުމެވެ.

އެ ޖަމާޢަތުގެ މި އަމާޒަށް ވާސިލުވުމުގައި އީރާނުގެ މަގުދެއްކުމަކަށް ނޭދެއެވެ. އެ ޖަމާޢަތުގެ އަމާޒަށް ވާސިލުވުމުގެ މަގު އޮތީ ހާމައަށް ފެންނާށެވެ. ކުރިމަތިވެއްޖެ ކޮންމެ ހުރަހެއް ގިރާކުރުމުގެ ފުރިހަމަ އަޒުމުގައެވެ. އީރާނުން ފޯރުކޮށްދޭ އެއްވެސްއެހީއަކީ އޭގައި ވާގަނޑެއް ޖަހާފައި ފޮނުވާއެއްޗެއް ނޫނެވެ.                                                        

މިބުނެވުނީ އެކްސިސް އޮފް ރެޒިސްޓެންސް ޖަމާޢަތުގެ އެއްބައިވަންތަ ކަމާއި ގުޅުމާއި ބެހޭގޮތުން އެމެރިކާގެ މަޝްހޫރު އިންޓެލިޖެންސް އޮފިސަރ ބްރައިއަން ކަޒް ގެ ވިސްނުން ހުރި ގޮތެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ އެކްސިސް އޮފް ރެޒިސްޓެންސް  އަކީ ހަމައެކަނި އީރާނުގެ އުފެއްދުމެއް ނޫނެވެ. 

އެއީ މިހާރު އަމިއްލަ ވިސްނުމައިގެން ހިންދަމާލާފައިވާ ވަކި ފަލްސަފާއެއްގައި ޙަރަކާތްތެރި ވަމުން ގެންދާ މިނިވަން މިލިޓްރީ ދިފާޢީ އަދި ސިޔާސީ އުސޫލުތަކެއްގެ މައްޗަށް ގާއިމްވެފާއޮތް ޖަމާއަތެކެވެ. އެއީ މިޒަމާނުގައި މިއުޅޭ ވަކިބަޔަކު ބުނީމާ އެގޮތް ރަނގަޅުކަމަށް ދެކިގެން ޖަމާޢަތް ހަދައިގެން އުޅޭ ވައްތަރުގެ ކުޅޭކުޅޭ ޖަމާއަތެއް ނޫނެވެ.

މީގެ އެންމެފަހުގެ މިސާލަކީ އޮކްޓޯބަރ 7 ގައި ޙަމާސްއިން ކުއްލިއަކަށް އިސްރާއީލުގެ ތެރެއަށް ވަދެގަނެ ދިފައިވާ ވަރުގަދަ ޙަމަލާއެވެ. އެމެރިކާއާއި އިސްރާއީލުގެ ޖަސޫސުން ޔަގީން ކޮށްދެމުން ގެންދާ ގޮތުގައި އެ ޙަމަލާ ދިނުމުގެ އެއްވެސް ހިސާބަކުން އިރާނުގެ އަތެއް ފޯރާފައެއް ނެތެވެ. އެއީ ޙަމާސްގެ މިނިވަން ނިންމުމެކެވެ.

ތަންފީޒުކުރީވެސް އެހެން ބައިވެރިއަކާއި ނުލައި ޙަމާސް އިންނެވެ. އެކަމަކު އެ ޖަމާޢަތުގެ ރޭވުން ތަންފީޒު ކުރަމުންދާ ގޮތަށް ބަލާއިރު ފުރަތަމަ ދުވަހުއްސުރެން އިންތިޒާމްތައް ރާވާފައިއޮތީ ޙަމާސްއިން އިސްރާޢީލުގެ ތެރެއަށް ވަދެގަތުމާއިއެކު ޙިޒްބު ﷲ އިން ދިފާއީ މިންގަނޑުން ޙަރަކާތްތެރި ވުމާއި ޕީ އެމް ޔޫ ގައި ހިމެނޭ ގުރޫޕްތަކާއި ހޫތިން ޙަމަލާތައް ދަމަހައްޓަން ރާވާފައި އޮތްކަން ގަބޫލުކުރެ ވެއެވެ.

މިއީ ޙަމާސްއަށް ބޭނުންވާގޮތެވެ. މިއީ އާދައިގެ ވިސްނުމެއްގެ ސްޓްރާޓެޖީއަކަށް ވުރެން ހަނގުރާމައިގެ މަޝްހޫރު ތަޖްރިބާކާރުން ބާރުގަދަ ގައުމުތަކުގެ މިލިޓްރީ ހެޑްކުއާޓަރު ތަކުގައި ރާވަމުންގެންދާ ވަރުގެ މާސްޓަރ-މައިންޑް ރޭވުމެއް ކަމުގައި ގަބޫލުކޮށްފިއެވެ.       

މިރޭވުން ބެހިފައިވާގޮތަށް ބަލާއިރު ފެންނަ ޙަގީގަތަކީ ޙިޒްބު ﷲ އިން ހަނގުރާމައިގެ މައިދާނުގެ އެއްފަރާތުން ޙަމަލާތައް ބަދަލު ކުރަމުން ދާއިރު ގައްޒާ ފިޔަވައި އެހެން ތިން ސަރަޙައްދަކުން އިސްރާއީލަށާއި އެމެރިކާގެ ވަސީލަތްތަކަށް ޙަމަލާތައް އަމާޒުކުރެވިގެން ދާނެގޮތަށެވެ.

ޕީ އެމް ޔޫ އިން އިރާގާއި ސީރިޔާގައި ހުންނަ އެމެރިކާގެ ވަސީލަތްތަކަށް ޙަމަލާ ދެމުންގެންދާ ނެއެވެ. ޔަމަނުގެ ހޫތީން ރެޑް ސީގެ ދަތުރުތަކަށް ހުރަސް އަޅަމުން ގެންދާނެއެވެ. ހަނގުރާމައިގެ މި މައިދާން ތަކުގައި އޮތީ އެއްވިސްނުމެއްގައި އެއް އަމާޒަކަށް ވާސިލުވުމެވެ. 

އިސްރާއީލުގެ ޙަމަލާތައް ހުއްޓާލާފައި ފަލަސްތީނުގެ ބިމުން ފޭބުމާއިއެކު އެ ޖަމާއަތްތަކުގެ ޙަމަލާތައް ވަގުތުން ނިމުމަކަށް ގެންނާނެއެވެ. ކޮމާންޑް ސެންޓަރ ހުރިތަނެއް އެނގޭ އިންސާނަކު ނެތެވެ. ރޭވުންތެރިކަމާއި ހިތްވަރުގެ ގަދަފަދަ ކަމުގެ  މިސާލެކެވެ.                         

މިވަރގެ އެއްބައިވަންތަ ކަމަކާއި މަތީފެންވަރުގެ ރޭވުންތަކެއްގެ މައްޗަށް ބިނާކޮށް ޙަރަކާތްތެރި ވަމުންގެންދާ ޖަމާޢަތަކަށް ބޮން އެޅުމަކުން ކުރާނެ ފައިދާއެއް ނޯންނާނެކަމަށް އެބައިމީހުންގެ ރިޓަޔަރޑް މިލިޓަރީ މާހިރުން އެބުނަނީއެވެ. 

އެމެރިކާގެ ބައިވެރިން ކާމިޔާބީއަށް އެދޭނަމަ އެންމެފުރަތަމަ ރޭވުންތައް އެކްސިސް އޮފް ރެޒިސްޓެންސް އާއި އެއް ފެންވަރެއްގައި ރޭވުން މުހިންމުކަމުގައެވެ. އެކަމުގައި އެމެރިކާގެ ބައިވެރިންގެ މެދުގައިވެސް އެކްސިސް އޮފް ރެޒިސްޓެންސް ފަދަ ބަދަހި އެއްބައިވަންތަ ކަމެއް އުފައްދަން ޖެހޭނެއެވެ. އެކަމަކު އެއީ ނުވާނެ ކަމެކެވެ. އެކަން ރެޑް ސީ ގައި އެކުލަވާލި އެމެރިކާގެ ބައިވެރިންގެ ފަރާތުން އެވަނީ ފެނިފައެވެ.

މިހާރުވެސް ފެންނަމުންދާ މަންޒަރުތަކުގައި ޔޫރަޕިއަން ޔޫނިއަނުންވެސް އެ އުޅެނީ އެއްވެސް ކަމެއްގައި ވިސްނުން އެއްގޮތް ނުކުރެވިގެންނެވެ. އިނގިރޭސި ވިލާގެ ދިފާއީ ބޭފުޅުން ވަރަށް ހާމަގޮތެއްގައި ވިދާޅުވަމުން އެގެންދަވަނީހަނގުރާމައެއް ފެށިއްޖެނަމަ އެމެރިކާއިން ޔޫރަޕް ދިފާއިކޮށް ނުދޭނެ ކަމަށެވެ.މިސާލަކީ ޔޫކުރެއިންގެ ހަނގުރާމައެވެ.                                                               

ރެޑް ސީގެ ޙަމަލާ ތަކަށް އަލިއަޅުވާލާއިރު ފެންނަ ގީޙަގަތަކީ މިނިވަންކަމާއި އެކު ބައިނަލް އަގްވާމީ ދަތުރުތަކަށް ރެޑް ސީ އަކީ އަމާން ތަނެއް ކަމުގައިހަދަން އެކުރާ ހަނގުރާމައަކީ ދުވަހަކުވެސް ކާމިޔާބު ކުރެވޭނެ ހަނގުރާމައެއް ނޫނެވެ.

ކިހާދުވަހެއް ވަންދެން ހަތިޔާރު ހުސްނުކޮށް ޙަމަލާތައް ދެމެހެއްޓިދާނެ ހެއްޔެވެ؟އެއީ މިއަދު އެމީހުންގެ ބޮޑުން އުފައްދާ ސުވާލެކެވެ.  ރިޕްލޭސްމަންޓް ސަޕްލައި ފޯރުކޮށް ނުދެވޭނަމަ މަނަވަރުތަކާއި އެއަރކްރާފްޓް ކެރިއަރ ތަކާއި އަދިވެސް ނަންކިޔޭ ހުރިހާ އުޅަދެއްގައިހުރި ހަތިޔާރުތައް ހުސްވުމުން ދެން ހަދާނީ ކިހެނެއް ހެއްޔެވެ؟ 

ސަޕްލައި ފޯރުކޮށް ދެވެންއޮތް ހަމައެކަނި މަގު އެއޮތީ ބަންދު ވެފައެވެ. އިއްޔެ އެމެރިގެ ދިފާޢި ވުޒާރާގެ ބޭނުމަށް މުދާ ބަރުކޮށްގެންއައި ދެ ކޮންޓޭނަރ ކެރިއަރ އެމެރިކާގެ ނޭވީންގެ އެސްކޯޓުގައި ރެޑްސީގެ ތެރެއަށް ވަންނަން ދިމާކުރުމުންވީގޮތް ދެކިބަލާށެވެ. އަނބުރާލާފައި އައިކޮޅަށް ދާންޖެހުނީ އަނިޔާތަކެއް ލިބިގެނެވެ.                                           

ތެދުތެދަށް ބުނާނަމަ އެމެރިކާއާއި އިނގިރޭސި ވިލާތުން ރެޑްސީގެ ތެރެއަށް ވަނުމުން މުޅިދުނިޔެއަށް ކުރިމަތި ކުރުވާފައި މިވަނީ އިގްތިސާދީ ނުކުޅެދުންތެރިކަމެކެވެ.

ޒައަނިސްޓް އެންމެ ގައުމެއްގެ ގޮތް ދުނުކުރާ ވެރިޔަކު ޙިމާޔަތް ކުރުމަށްޓަކައި މުޅި ދުނިޔޭ ގުރުބާންކުރަން ތައްޔާރުކޮށްފާ އޮތް ކަންބަޅިއަކަށް ހެދީއެވެ. އިސްރާއިލުގެ ރައްޔިތުންގެވެސް ނުރުހުމުގައެވެ. އެމެރިކާގެ ރައްޔިތުންނާއި އިނގިރޭސި ވިލާތުގެ ރައްޔިތުންގެވެސް ނުރުހުމުގައެވެ. މިޙާލަތުގައި ޔަމަން ހޫތީންގެ މައްޗަށް އެމެރިކާއާއި އިނގިރޭސިން ކާމިޔާބު ހޯދާނެގޮތެއް ވިސްނޭނެ ވީހަކު ނެތިއްޖެއެވެ. 

އެމެރިކާއާއި އިނގިރޭސި ވިލާތަށް ބަލަދު އަރާފައިވާ އިސްރާއީލުން ބަސްނާހާއިރު އެމިހުންނާއި ދެކޮޅަށް ޙަރަކާތް ތެރިވުމަށް އަޒުމް ކޮށްގެންތިބި ހޫތީން ނުވަތަ އެކްސިސް އޮފް ރެޒިސްޓެންސް ނުވަތަ އަންސާރު ﷲ ފަދަ ޖަމާއަތަކުންއެމެރިކާގެ ބައިވެރިން ރުއްސަން އެމީހުންގެ ވިސްނުން ބަދަލު ކުރާނެ ހެއްޔެވެ؟ނުކުރާނެއެވެ!        

 

Loading

3 Responses

  1. އިސްލާމީ އުންމަތުގައި މިފަދަ އެކުވެރިކަމެއް އުފެދޭނެ ނަމަ ހާދަ ރަނގަޅޭ ހިތަށް އަރައެވެ. ލިއުންތެރިޔާ ވިދާޅުވެފައިވާފަދައިން ބަނގުރޫކޮށްލާފައިވާ ގައުމެއްގައި ބަނޑުހައިހޫންކަމުގައި އަހަރުތައް ގުނަމުން ގެންދާ ޖަމާއަތަކުން ކުރަމުންގެންދާ ހިތްވަރަށް ސާބަސް ދޭން ބޭނުމެވެ.

    1. އަޖައިބުކުރުވަނިވި ކަމެއްދެއްތޯﷲ
      އާރާއި ބާރާ ފައިސާ އާމުއްސަނދި ކަމުގެ ކުރިމަތީ ގައި
      ﷲއަށްއޮތް އީމާންތެރި ކަމާއި ޔަޤީންކަން
      އެގެންގުޅޭ ނިއުކުލިއަރ ހަތިޔާރު ތަކަށް ވުރެ މާބާރުގަދަވާނެ!
      އަދި އިސްލާމީޤަވްމުތަކުގަތިބި މުނާފިޤްވެރިން ފިޔަވާ އާއްމުންގެ
      ދުޢާ މާބާރުގަދަވާނެ!

  2. Mi hurihaa kameh badhala vanum fennnamu dhaairu saudhee hey vattaalalfa ulhenee mulhi ehen kameh ga..islaamu Hanaan ve dhaairu ethah bayaku baduhai hoonu kamuga maruve dhaairu muslimun ge hithakaha asreh nukuraa
    .thee hama ajaibunvan

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް