އެމެރިކާގެ ދިފާއީ ވުޒާރާގެ ކާރގޯއައިއެކު ދަތުރުކުރި ދެ ބޯޓަށްވެސް ޙަމަލާ ދީފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ދިދައިގެ ދަށުން އެމެރިކާގެ ދިފާއީ ވުޒާރާއަށް މުދާ ބަރުކޮށްގެން ދަތުރުކުރި ދެ ބޯޓަކަށް މިދިޔަ ބުދަ ދުވަހު  ޔަމަނުގެ ޙަމަލާތަކާ ކުރިމަތިލާންޖެހިއްޖެއެވެ.

މިޙަމަލާއިން ކޮންޓެއިނަރ އުފުލާ ދެބޯޓު މާރސްކް ޑެޓޮރެއިޓާއި މާރސްކް ޗެސާޕީކެ އަށް ޙަމަލާ ދިނުމުން ބާބުލް މަންދޫބްގެ ތެރެއިން ދަތުރު ކުރުމުގައި ނުރައްކާއޮތް މިންވަރު ހާމަވެގެން ހިނގައްޖެއެވެ.

ރެޑްސީގެ ތެރޭގައި ޙަރަކާތްތެރި ވަމުން ގެންދާ އެމެރިކާއާއި އިނގިރޭސި ވިލާތުގެ ކަނޑުސިފައިންގެ ބާރުތަކުން އެ ޙަމަލާތައް ހުއްޓުވަން ވަރަށް ގަދަޔަށް ރައްދު ޙަމަލާދެމުން ގެންދިޔަ ކަމަށާއި އޭގެތެރެއިން ބައެއް ޙަމަލާ މަތަކުރެވުނުކަމަށްވެސް އެމެރިކާގެ އޮފިޝަލުން ހާމަކުރިއެވެ. 

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިޙަމަލާތަކުގެ އިލްޒާމް އަޅުވަނީ ޔަމުނުގެ ހޫތީޖަމާޢަތުގެ ބޮލުގައެވެ. އަދި އެ ބޯޓުފަހަރަށް 3 ބެލިސްޓިކް މިސައިލުން ޙަމަލާދީފައިވާ ކަމަށާއި އެތަނުން އެއްމިސައިލް ދެބޯޓުކައިރިން ކަނޑަށް އަމާޒުވި ކަމަށާއި އަނެއް ދެ މިސައިލް ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދާ އެމެރިކާގެ ޑެސްޓްރޯޔަރުން ޙަމަލާދީ ޙަލާކުކޮށްލީ ކަމަށްވެސް ބުނެފައިވެއެވެ.އެސޯޝިއޭޓެޑް ޕްރެސްއިން ކުރި އިތުރު އެއްވެސް ސުވާލަކަށް ސެންޓްރަލް ކޮމާންޑުން ޖަވާބެއް ނުދިނެވެ.               

ޑެންމާކުގެ މާރސްކް ޝިޕިންގ ކުންފުނިން އެސޯޝިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި ޔަމަނުގެ ޙަމަލާދެމުން ގެންދިޔަ އިރު އެ ދެބޯޓު ދަތުރުކުރަމުން ގެންދިޔައީ އެމެރިކާ ނޭވީންގެ އުޅަނދުތަކާވެސް އެކުގައެވެ.ޙަމަލާތަކުގެ ސަބަބުން ދަތުރު ކުރިއަށް ނުގެންދެވިގެން އެމެރިކާގެ މަނަވަރުތަކާއެކު ދެބޯޓު އަބުރާލާފައި ގަލްފު އޮފް އަދަނަށް މިސްރާބު ބަދަލުކުރީއެވެ. ދެ ބޯޓާއި ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.        

ބޯޓުގެ ވެރިފަރާތުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ދެ ބޯޓުވެސް ބަރުކޮށްފައިވަނީ އެމެރިކާގެ ދިފާއީ ވުޒާރާއާއި ޚާރިޖީ ވުޒާރާއާއި އަދި ސަރުކާރުގެ ބައެއް އެހެން އިދާރާތަކަށް ބޭނުންވާ މުދަލެވެ. އަދި ދެ ބޯޓުވެސް ބާބުލް މަންދޫބު ކަނޑުއޮޅިން ދަތުރު ކުރަމުން ގެންދިޔައީ އެމެރިކާ ކަނޑުސިފައިންގެ ޚާއްސަ ރައްކާތެރިކަމާއި އެކުގައެވެ.

ދެބޯޓަށް މެދުވެރުވި ޙާދިސާއާއި ގުޅުން މާރސްކް ލައިންގެ ބޯޓުފަހަރު މިދުވަސްވަރު ރެޑްސީ އިން ދެން ދަތުރު ނުކުރާގޮތަށް ވަނީ ނިންމާފައެވެ.                                                  

ޔަމަނުގެ ފަރާތުން އެންމެފަހުން ލިބިފައިވާ ރެކޯރޑް ކޮށްފައިއޮތް ބަޔާނެއްގައި އެ ޖަމާޢަތުގެ ލީޑަރ ޔަޙުޔާ ސަރީ ވިދާޅުވެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ހިންގަމުން ގެންދާ ޢުދުވާނާއި ޖަރީމާތައް ހުއްޓާލަންދެން އިސްރާޢީލާއި އެމެރިކާއާއި ގުޅުން ހުރި އުޅަނދުފަހަރަށް ބާބުލް މަންދޫބާއި ރެޑްސީ ގައި އަމާން ކަމާއެކު ދަތުރު ނުކުރެވޭނެ ކަމަށެވެ. މީގެ ފަހުން އިނގިރޭސި ވިލާތާއި ގުޅުން ހުރި އުޅަނދު ފަހަރުވެސް މީގެ ތެރޭގައި ހިމެގެން ދާނެއެވެ.                                                                  

ޔަމަނުގެ ޙަމަލާތަކުގެ ސަބަބުންދެން އެންމެބޮޑަށް ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަކުރަމުން ގެންދަނީ ގަތަރުގެ ލިކުވިފައިޑް ނެޗުރަލް ގޭސް އެކްސްޕޯރޓް ކުރުމަށް ޔަމަނުގެ ޙަމަލާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތަކެވެ. ގަތަރަކީ މުޅިދުނިޔޭ ގައިވެސް އެންމެ ގިނައިން އެލް. އެން. ޖީ. އެކްސްޕޯރޓްކުރާގައުމެވެ. 

އެހެންނަމަވެސް ރެޑްސީ ތެރެއިން ދަތުރުކުރުމުގައި ދިމާވަމުންދާ ނުރައްކަލުގެ ސަބަބުން ގަތަރުން ޔޫރަޕުގެ ގައުމުތަކަށް އެކްސްޕޯރޓްކުރާ އެލް. އެން. ޖީ. އުފުލާ ބޯޓުތައް ކިތަންމެ ބޮޑު ޚަރަދެއް އުފުލަން ޖެހުނުނަމަވެސް މިހާރުމިސްރާބު ޖަހަމުންގެންދަނީ ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕާ ދިމާލަށެވެ.                            

Loading

One Response

  1. މިއިން އެނގޭ އެއްޗަކީ ކިތަންމެ ބާރުގަދަ މީހާއަށްވެސް ނުކުރެވިދާނެ ކަންތައްތަކެއް ހުރެދާނެކަމެވެ. ބޯތުގެ ވެރިފަރާތުން އަލުުން ރެޑްސީ ރެތެއިން ލާފާ ދަތުރުކުރާކަށް އެއްބަހެއް ނުވެއެވެ. މިސްރާބުހުރީ ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕަށެވެ.

Leave a Reply to ކިއުންތެރިއެއް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް