މާތްކަލާންގެ ރަސްކަންފުޅަށް ޓަކައި ކަލޭ ވެރިކަމުން ފައިބައި މިތަނުން ދާށެވެ!އެހެންނޫނީ މި ގައުމު ފެންނާނީ ކުރިއަށް އޮތް އެތައް އަހަރަކަށް ފަލަސްތީނު ގައްޒާގެ ކިސަޑުތަކުގެ ތެރެއަށް ގެނބިފައި ވަނިކޮށެވެ.
މިއީ އިސްރާޢީލުގެ މިލިޓްރީގެ އެންމެ މަތީ ކުލަތައް ޙާސިލު ކުރައްވާފައިވާ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހުދު ބަރަކް މިހާރުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އާއި މުޚާތަބުކޮށް މިހިނގާ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިންވެސް އިސްރާއީލު ބޭރަށް ނިކުންނަން ޖެހޭ ވަގުތުވެސް މާބޮޑަށް ލަސްވެއްޖެ ކަމަށާއި މިބާވަތުގެ ދެކޮޅުވެރި ކަމުގައި ސަތޭކަ ދުވަސް ހޭދަވެގެން ދިއުން އިސްރާޢީލުގެ ރައްޔިތުންވެސް ގަބޫލުކުރަމުން އައި އުސޫލުތަކާ ޚިލާފު ކަމަށް ވިދާޅުވެ ވަރަށްބޮޑަށް ނުރުހުން ފައުޅުކުރައްވައިފިއެވެ.
1937 ން 1040 ށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި ނެވައިލް ޗޭމްބަރލިއަންގެ ސިޔާސަތަށް އަލިއަޅުވާލަމުން ނަތަންޔާހޫ އާއި ދިމާލަށްމަލާމާތުގެ ރާގަކަށް އިހުދު ބަރަކު ވިދާޅުވީ ޗޭމްބަރލިއަން މަސައްކަތް ކުރެއްވީ މާތްކަލާންގެ ރަސްކަންފުޅަށްޓަކައި ސުލްޙަ ގާއިމް ކުރާށެވެ. ޗެމްބަރލިއަން އަކީ ނަތަންޔާހޫގެ ވިސްނުމާއި އެންމެ ބޮޑަށް ފުށޫ އަރާ ސިޔާސަތެއް ގެންގުޅުއްވިލީޑަރެވެ.
ސަބަބަކީ ޗެމްބަރލިއަންގެ ވިސްނުންފުޅުގައި ކުރިއަށް ދެވިދާނެ މަގު ބަންދުވެދާނެ ކަމަށް ވިސްނިވަޑައި ގަންނަވާ ހިސާބުން މައްސަލައިގައި ގޮތް ދޫނުކުރައްވައި ހަނގުރާމަކޮށް މިގޮތަށް ލޭއޮހޮރުވައި ހެދުމަށްވުރެން ކަމާއިބެހޭ ފަރާތްތަކުގެ މެދުގައި އެއްބަސްވެވޭ ގޮތެއް އިޚްތިޔާރުކުރުމަކީ އެންމެ ފައިދާހުރި ގޮތްކަމުގައި ނިންމަވައެވެ.
ނަތަންޔާހޫގެ ވިސްނުމަކީ ވެލިކާންޖެހުނަސް ގޮތް ދޫނުކޮށް ހިފޭއްޓުމެވެ.ޗޭމްބަރލިއަން އަށް މަގާމު ގެއްލުނީ އެބޭފުޅާގެ ސުލްޙަވެރި ސިޔާސަތު ދަމަހައްޓަން މަސައްކަތް ކުރެއްވުމުންނެވެ.
އިނގިރޭސި ވިލާތުގެ ތާރީޚު އެބޭފުޅާއަށް މިއަދުވެސް ތަޢުރީފް ކުރެއެވެ.ނަތަންޔާހޫ އިސްރާއީލުގެ ތާރީޚުގައި ލިޔެވިގެންދާނީ އަމިއްލަ އެދުމައިގެން ގޮތް ދޫނުކޮށް ބައިނަލް އަގްވާމީ ދުނިޔޭގެ ކުރިމަތީ އިސްރާއީލުން ކުޑަކަކޫ ޖެއްސުވި ޣައްދާރެއްގެ ގޮތުގައެވެ.
ނަތަންޔާހޫ އިސްތިއުފާ ދޭންޖެހޭ ދުވަހަކީ އިސްރާއީލުގެ އިންޓެލިޖެންސް އޭޖެންސީ ތަކަކީ ފޭލިވެފައި އޮތް މިންވަރު އެނގޭނެ ދުވަހެއެވެ. އެގޮތުންއޮކްޓޯބަރ 7 ވަނަ ދުވަހު އިސްރާއީލުގެ ރައްޔިތުންނަށް ހާމަވެގެން ދިޔަ އެކަމެވެ. މަގާމުން ވަކިވުމުން އެކަމާއި ޒިންމާ ނެގުވޭނެކަން ޔަގީންކަމުގައެވެ.
މިހާރުވެސް ގަބޫލުކުރަން ޖެހެނީ އިސްރާއީލުން ޙަމާސް ޖަމާޢަތް ނެތިކޮށްލައި ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމެވެ.
އެ ކާމިޔާބީ ޙާސިލެއް ނުކުރެވޭނެކަން މިހާރުވެސް އެނގެން ޖެހެއެވެ. ޙަމާސްގެ ލީޑަރ ޔަޙްޔާ ސިންވާރު މަރާލިއަސް އެއީ އިސްރާއީލަށް ނަސްރު ލިބުމެއްނޫނެވެ. އެތައް އެތައް ޔަޙްޔާ ސިންވާރެއް ޙަމާސް އިން އުފަން ކުރުވާނެއެވެ. ޙަމާސްއަށް ބޭނުންވަނީ ހަމައެކަނި ހިފާއްޓާލުމެވެ. އެއީ އެމީހުންގެ ކާމިޔާބީއެވެ. އެކަން އެގެންދަނީ އެގޮތަށް ދަމަހަށްޓަމުންނެެވެ.
މިގައުމުގައި ވެރިކަންކުރެއްވި ޑޭވިޑް ބެންގޫރިއަން އާއި ޔިޒްހަކް ރަބީންފަދަ ބޭފުޅުން އިސްކުރައްވާފައި ވަނީ ގައުމިއްޔަތެވެ. ނަތަންޔާހޫގެ ހަމައެކަނި ވިސްނުމަކީ އޭނާއެވެ. ނަތަންޔާހޫ ދެކޭގޮތުގައި ޓްރަމްޕުގެ އަމުރަށް އެމެރިކާގެ ކެޕިޓަލް ހިލްއަށް ވަދެގަނެ ތަޅާފޮޅުން ހިންގި ޕްރައުޑް ބޯއީޒް އަކީ ހީރޯ އިންނެވެ.
އެފަދަ ވިސްނުމުގެ ދަށުން އިސްރާއީލުގެ ކެބިނެޓުގައި މާލީ ވަޒީރަކަށް ފާރ-ރައިޓުގެ ބެޒާލެލް ސްމޯރިޗް އަދި ގައުމީ ސަލާމަތާ ބެހޭ ވަޒީރަކަށް ފަލަސްތީނުން އަތުލާފައިވާ ބިމުގައި ދިރިއުޅެމުން ގެންދާ އިތާމާރ ބެން ގްވިރ އެހުރީ އައްޔަންކޮށްފައެވެ.
އެކަމަކު ޓްރަމްޕުގެ އެންގުމަށް ކެޕިޓަލް ހިލް އަށް ވަދެގަތް ޕްރައުޑް ބޯއީސް އަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ވަޒީރުކަމާއި ޓްރެޝަރީގެ ވަޒީރުކަން ދީފިނަމަ އެމެރިކާއަށް ވާނީ ކިހެނެއް ހެއްޔެވެ؟ އެކަން އެމީހުން ނުކުރެއެވެ. އިސްރާއީލަށްވެސް ދިމާވެގެން މިއުޅެނީ ހަމަ އެ މައްސަލައެވެ. ތަސައްރުފް ނުފުދޭ ބަޔަކަށް މަގާމު ދިނީމާވާނެ ހައެތި ވެގެން ދަނީއެވެ.

އިސްރާއީލުގެ މޫނުމަތި ދުނިޔޭގެ ކުރިމަތީގައި ދެމެހެއްޓުމަށްޓަކައި އަވަސް ޢާންމު އިންތިޚާބެއް ބޭއްވުން ނޫން އެހެންގޮތެއް ނެތެވެ. އިސްރާއީލުގެ ގިނަ ރައްޔިތުންނާއި ޑިމޮކްރެސީއަށް ލޯބިކުރާ ގައުމުތަކާއި ޖަމާޢަތް ތަކުންވެސް ބުނަމުން އެ ގެންދަނީ ދެ ދައުލަތް އުފެއްދުމަކީ ދެގައުމުގެ ރައްޔިތުން ނަށްވެސް ހަމަޖެހިލައިގެން ދިރި އުޅުމަށް ލިބޭނެ ހަމައެކަނި ފުރުސަތި ކަމަށެވެ.
އެކަމަކު ނަތަންޔާހޫއަށް އެކެން ގަބޫލުކުރާނެ ހިތްވަރެއް ނެތްކަމަށެވެ. އާޚީރު ނަތީޖާއަކަށްވަނީ ނަތަންޔާހޫ އަށް ކުރިއަށް ދެވޭނެ މަގުވެސް ބަންދުވުމެވެ. އަދި އޭނާގެ އަރިސް މެޝޫޖެންނާ (ޔިދިޝް ބަހުން މޮޔަމީހުންނަށް އިންސަލްޓް ކުރަން ބޭނުންކުރާބަހެއ ) (ސްމޯރިޗާއި ބެން ގްވި) ވެސްގެއްލޭނީއެވެ.
ކުރީގެ ޖެނެރޭޝަން ތަކުގެ މީހުން ކާމިޔާބު ދެކޭގޮތަކީ މިހާރުގެ ޒުވާނުން ކާމިޔާބު ދެކޭ ގޮތެއް ނޫނެވެ. މިހާރުގެ ޒުވާން ޖީލުތަކަށް ކާމިޔާބަކީ ނަސްރު ލިބުމެވެ. ޙަމާސްގެ ގިނަ ބަޔަކު މަރާފީމުއެވެ. އެކަމަކު ޙަމާސް މަރައެއް ނުލެވޭނެކަން ދައްކައިފި އެވެ.
އެހެންވީމާ ނަސްރު ލިބުނީ ކަމަކަށް ނުބަލާނެއެވެ. ކުރިއަށްވުރެން މާބާރުގަދަކޮށް ޙަމާސް އެނބުރި އަންނާނެއެވެ. މިހަގީގަތް ގަބޫލު ނުކުރާނީ މޮޔައިން ކަމުގައި އޭނާ ބުނެފައިވެއެވެ.
އެމެރިކާއިން އަހަރެމެންނަށް ފޫކޮޅު ދެއްކުމުގެ ކުރިން އާންމު އިންތިޚާބެއް ބާއްވައި ސަރުކާރު ހިންގުން އެހެން ގައުމުތަކުގެ (ޚާއްސަކޮށް އެމެރިކާގެ) ރުހުންލިބޭ ގޮތަކަށް އަލުން ބައްޓަން ކުރުމަކީ އެންމެ އަވަހަށް ކުރަންޖެހޭ ކަންތަކެވެ.
އެންމެ ފަހުން ނެގި ނެތަންޔާހޫ ސަރުކާރުގެ ޕޮޕިއުލަރިޓީ ދެނެގަތުމުގެ ވޯޓުގައި %80 އޮތީ އޭނަޔާއި ދެކޮޅަށެވެެ. މިއިން ހާމަވެގެން ދަނީ އިސްރާއީލަށް ހެޔޮވިސްނުމުގެ ލީޑަރޝިޕެއް ވަރަށް އަވަހަށް ބޭނުން ވެފައިވާކަމެވެ.
އިހުދު ބަރަކުގެ ވާހަކަތަކަށް ނަތަންޔާހޫގެ ރައްދު ދިނުމުގައި ބުނެފައިވަނީ އުމުރުން 81 އަހަރުވެ ލޯބޯ ކޮށިވީމާވެސް އިހުދު ބަރަކު ހީކުރަނީ ދުނިޔޭގެ ކުރިމަތީގައި އިސްރާއީލަށް ބޭނުންވަނީ އިހްދު ބަރަކު ކަމަށެވެ.
އެކަމަކު ޙަގީގަތަކީ މިވަގުތު އިސްރާއީލަށް ބޭނުންވަނީ ހުޅަނގުގެ މަދަދު އަދިވެސް ލިބިދާނެކަމަށް ބެލެވޭ ކުރިއަށްއޮތް ކުޑަދުވަސް ކޮޅުގައި އަހަރެމެންބޭނުންވާގޮތަށް ކަންތައް ނިންމާލުމެވެ.
One Response
އިހްދު ބަރަކް މެންނަށްވެސް ރަނގަޅުގޮތް އެނގެއެވެ. އެކަމަކު ވެރިކަމުގެ ގޮޑީގައި އިށިންދެވުނީމާ ދެންވަނީ އެހެން ގޮތެކެވެ. އެއްވާމަކަށް ހިފާއްޓާލާކަށް ނޭގެއެވެ. އަހަރުދުވަސް ނުވަނީސް ވެރިކަމުން ބާލާފިއެވެ. ވެރިކަންކުރުމަކީވެސް ތަޖްރިބާތަކަކުން ހާސިލުކުރެވޭނެ ހުނަރެކެވެ. އެނގުމާނޭގުމާއި މިއީ މުޅިން ތަފާތު ކަމެކެވެ. މަށަށްވެސް ކުރެވޭނެއޭ ގޮވުމަކުން އެއީ ތަޖްރިބާ ހާސިލުކުރެވުނީކީ ނޫނެވެ. މިލިޓްރީ ކުލަތައް ލިބުނީމާ ސިޔާސަތަށް ވަދެގެން ކާމިޔާބުކުރެވޭ މީހުންގެ މިސާލެއް އަވަށްޓެރި ގައުމަކުން އެހުރީ ފެނިފެނިއެވެ. އަހަރެމެންގެ ތެރޭގައިވެސް ބޭފުޅަކު އެގޮތަށް ރަނގަޅުވާން އުޅުނެވެ. އެކަމަކު ހިފާއްޓައެއް ނުލެވުނެވެ. ބަޔަކުމީހުން ނިކުމެ ގޮނޑިން ވައްޓާލައިފިއެވެ. ވެއްޓުނުލެއް ބާރުކަމުން އަދިވެސް އެ އުޅެނީ އެނބުރުން ނުފިލައިގެންނެވެ.