ކެބިނެޓް މިނިސްޓަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލުމުން ރައްޔިތުން ހައިރާންކޮށްލައިފި

Loading

January 20, 2024
profile
Facebook
Twitter
WhatsApp

ކޮރަޕްޝަނާއި ދުރުވެ ސާފު ވެރިކަމެއް ކުރާކަމަށް ދައުވާކުރާ ސަރުކާރެއް އޮންނަ ސިންގަޕޫރުގެ ކެބިނެޓު ވަޒީރެއްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލުމުން ގައުމު ހައިރާން ކޮށްލައިފިއެވެ. 

މަދު ފަހަރަކު ނޫނީ ނުފެންނަ ކޮރަޕްޝަނުގެ މައްސަލައެއްގައި ސިންގަޕޫރުން ހައްޔަރުކޮށްފައިވަނީ ސިންގަޕޫރުގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު ސުބްރަމަނިޔަމް އިސްވަރަން އެވެ. ”އާންމު ޚިދުމަތްތެރިއެއްގެ ގޮތުގައި ހުރެ އަމިއްލަ މަންފާއެއް ލިބިގަތުމު“ ގެ ދައުވާ ހިމެނޭހެން އޭނާގެ މައްޗަށް 17 ދައުވާއެއް އުފުލާފައިވާއިރު، އެއިން އެއްވެސްކަމެއް ކޮށްފައިނުވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. 

އިސްވަރަން ވަނީ ބުރާސްފަތިދުވަހު އޭނާގެ މަގާމުން އިސްތިއުފާ ދީފައެވެ. އެއިރު ކޮރަޕްޝަންގެ ދައުވާތަކުގެ ޚަބަރު ސިންގަޕޫރު މީޑިއާތަކުގެ ފަލަސުރުޚީތަކަށް ވަނީ އަރާފައެވެ. 

ދައުލަތުން އުފުލު ދައުވާތަކުގެ ތަފްސީލު ހިއްސާކުރިއިރު ބުނެފައިވަނީ، ބިންވެރިޔާ އަދި މަހުޖަނު އޮންގް ބެންގް ސެންގްގެ މަސްލަހަތު އޮންނަ ވިޔަފާރިތައް ކުރިއަރުވައިދިނުމުގެ ބަދަލެއްގެ ގޮތުން އިސްވަރަންއަށް 160،000 ސިންގަޕޫރު ޑޮލަރު (119،145 އެމެރިކާ ޑޮލަރު) އާއި އެއްވަރަށް ފްލައިޓް ދަތުރުތަކާއި، ހޮޓެލް ޚަރަދާއި، ފޯމިއުލާ ވަންގެ ގްރެންޑް ޕްރިކްސް ޓިކެޓު އެކިފަހަރުމަތިން ދީފައިވާކަމަށެވެ. އަދި ވެސްޓް އެންޑް މިއުޒުކަލްތަކާއި، ފުޓުބޯޅަ މެޗުތަކުގެ ޓިކެޓުވެސް އޭނާ ހޯދާފައިވާކަމަށް ވަނީ ދައުވާކޮށްފައެވެ. 

އޮންގް އާއި އެކުގައި އިސްވަރަން ހައްޔަރުކޮށްފައިވާއިރު، އިސްވަރަންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއްގައި ހެން ރިޝްވަތު ދިންފަރާތެއްގެ ގޮތުގައި ނަންގަނެވިފައިވަނީ އޮންގްއެވެ. 

އިސްތިއުފާ ދިންކަން އިއުލާނުކުރުމުގެ އިތުރުން އިސްވަރަން ބުނެފައިވަނީ އޭނާއަށް ޖަމާވި މުސާރަތަށްވެސް އަނބުރައި ސަރުކާރަށް ރައްދުކުރާނެކަމަށެވެ. ތަހުގީގު ކުރިއަށްދާތީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އިސްވަރަން ހުރީ މަގާމުގެ މަސްއޫލިއްޔަތުތަކާއި ދުރުކޮށްފައެވެ. ނަމަވެސް އޭނާއަށް ކޮންމެ މަހެއްގެ މުސާރައިގެ ގޮތުގައި 8500 ސިންގަޕޫރު ޑޮލަރު ދިޔައީ ޖަމާވަމުންނެވެ. އަދި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ޖަމާވާ 15،000 ސިންގަޕޫރު ޑޮލަރާއެކު، އޭނާއަށް މަހެއްގެ މައްޗަށް ޖުމްލަ 23،500 ސިންގަޕޫރު ޑޮލަރު ލިބެމުން ދިޔައެވެ. 

ސިންގަޕޫރުގެ މަޖިލިސް މެންބަރުންނާއި ވަޒީރުންނަކީ ދުނިޔޭގެ އެންމެ ބޮޑެތި މުސާރަތައް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. އަދި މިއީ ކޮރަޕްޝަން ނައްތާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ބުނެ ހަމަޖައްސާފައިވާ މުސާރަތަކެކެވެ. 

ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ގެ ދުވަސްވީ މެންބަރެއްކަމަށްވާ އިސްވަރަން އަކީ އެތަކެއް ކުންފުނިތަކެއްގެ ޑިރެކްޓަރުގެ މަގާމު ފުރާފައިވާ ފަރާތެކެވެ. އަދި ބޮޑުވަޒީރު އޮފީހާއި، ހޯމް އެފެއަރސްއާއި، މުވާސަލާތާބެހޭ ވުޒާރާއާއި، ފަތުރުވެރިކަމާ ބެހޭ ވުޒާރާ ހިމެނޭހެން ސަރުކާރުގެ އެކި މަގާމުތަކުން އޭނާ ފެނިފައިވާއިރު، އޭނާއަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓްރީގައި މަސައްކަތްކުރުމުގެ ތެރޭގައެވެ. 

ސިންގަޕޫރުގައި އެންމެ ފަހުން ވަޒީރެއްގެ މައްޗަށް ރިޝްވަތުނެގުމުގެ ދައުވާ އުފުލާފައިވަނީ 1986 ވަނަ އަހަރުގައެވެ. އަދި ތަހުގީގު ފުރިހަމަކޮށް އެއްވެސް ދައުވާއެއް ސާބިތުވުމުގެ ކުރިން އޭނާވަނީ އަމިއްލައަށް ދަންޖެހިފައެވެ. 

Loading

2 Responses

  1. ސިންގަޕޯރުގައި ގާނޫނުގެ ދިގު އަތް ނުފޯރާނެ ހަމަ އެކަކުވެސް ނުހުންނާނެކަން މިއިން އެނގިގެންދިޔައީ. އަޅުގަނޑުމެންނަށްވާ ގޮތަކީ ރިހާރުކު ސަމުސަލެއް ވަގަށްނެގީމާ އެމީހާ ކޮންމެހެންވެސް މުޖުތަމާއަށް ނުރައްކާތެރިމީހަކަށް ވަާނީ. ގާނޫނީ ބޭފުޅަކުވެސް ހިޔަނި އެޅެންވެސް ބޭނުންފުޅެއް ނުވާނެ. މިލިއަނުން ވައްކަން ކުރީމާ ނަސޭހަތްތެރިވުމުން ފުދޭނެ.

Leave a Reply to ނުރަބޯ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް