އިންޑޮނޭޝިއާއާއި ސްލޮވޭނިއާއިން ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) ގައި އިޒްރޭލާއި ދެކޮޅަށް އިތުރުދައުވާއެއް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.
މިގޮތުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް އިޒްރޭލުން އަރައިގަނެފައިވާކަމަށް ބުނެ އުފުލާ މި ދައުވާ ކޯޓުގައި ހުށައެޅުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހުގައެވެ.
މިދެގައުމުން ހުށައެޅުމަށް ހަމަޖެހިފައިވާ ދައުވާގައި ބުނެފައިވަނީ، ފަލަސްޠީނު ހިޞާރުކޮށް އެގައުމު ކޮންޓްރޯލުކުރުމަށް އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކާއި ނިޒާމުތަކާއި ގުޅޭގޮތުން އެޑްވައިޒަރީ އޮޕީނިއަނެއް ނެރެދިނުމަށެވެ. އެކުވެރި ދައުލަތުގެ ޖެނެރަލް އެސެމްބްލީ، ޔޫއެންޖީއޭ އިންވެސް ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފު ސިޔާސަތުތަކެއްތޯ ބަލައިދީ އެޑްވައިޒަރީ އޮޕީނިއަނެއް ނެރެދިނުމަށް ޑިސެންބަރު 2022 ގައި ވަނީ އެދިފައެވެ.
”އެތަކެއް އަހަރުތަކެއް ވާންދެން އެސަރަހައްދުގައި ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދެވި، ބޮޑެތި ކުށްތަކަކަށް ވަނީ އަރައިގަނެފަ. ހިންގާފައިވާ ބިރުވެރި އެތައް އަމަލުތަކެއްގެ ހެކި މިއަދާއި ހަމައަށްވެސް އެހެރީ ފެންނަން.“ ސްލޮވޭނިއާގެ ޚާރިޖީ އަދި ޔޫރަޕިއަން އެފެއާރސްގެ ވަޒީރު، ޓާންޔާ ފަޔޯން ބުނެފައިވެއެވެ.
ފަޔޯން އިތުރަށް ބުނީ، ޣައްޒާއާއި ވެސްޓް ބޭންކުގައި މިފަހުން ކަންކަން ހިނގާފައިވާގޮތުން، ޔޫރަޕިއަން ޔޫނިއަނުގެ މެންބަރެއްގެ ހައިސިއްޔަތުން ސްލޮވޭނިއާއިން މިމައްސަލައިގައި ގެންގުޅޭ ޚިޔާލު ބައިންލްއަޤްވާމީ ކޯޓުގައި ހިއްސާކުރުމަށް ނިންމާފައިވާކަމަށެވެ. އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށައެޅުމުން މައްސަލައިގެ އަޑުއެހުންތައް މިހާރުގެ ގެންދަނީ ކުރިއަށް ގެންދަމުންނެވެ.
އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ރަތްނޯ މާސުދީ ވެސް ބައިނަލްއަޤްވާމީ ކޯޓުގައި އިޒްރޭލާއި ދެކޮޅަށް ބަޔާން ދެއްވުމަށްޓައި ބައިނަލްއަޤްވާމީ ޤާނޫނާއި ބެހޭ މާހިރުންގެ ފަރާތުން ލަފާ ހޯއްދަވަމުން ގެންދަވާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
2 Responses
އަހަރެމެންގެ މި ސަރުކާރުން ނުކެރޭ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަ ކާގުޅިގެން އެންމެ ކުޑަމިނުން ޕާސްޕޯޓު ބޮއިކޮޓް ކޮއްލާންވެސް ؟؟؟؟؟؟؟
މިފަހަރު ދޫ ނުދީ ހިފާއްޓާލާނެ ކަމަށް އުންމީދު ކުރެވެއެވެ.