ޔަމަނުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުން

Loading

Facebook
Twitter
WhatsApp


މެދު އިރުމަތީގައި ޙަރަކާތްތެރި ވަމުން ގެންދާ އެމެރިކާއާއި އެމެރިކާއަށް ތާއީދުކުރަމުން ގެންދާ އޮފިޝަލުން ސެމާފޯރއަށް މައުލޫމާތު ދީފައިވާގޮތުގައި އީރާނުގެއިސްލާމިކް ރިވޮލިއުޝަނީ ގާރޑުންގެ ކޮމާންޑަރުންނާއި މުޝްތަޝާރުން ޔަމަނުގައި އެބަތިއްބެވެ.

ޔަމަނުން ރެޑް ސީ ގައި ދަތުރުކުރަމުން ގެންދާ ބޯޓުފަހަރަށް ޙަމަލާތައް ދޭންވީ ގޮތުގެ ޖާސޫސީ މައުލޫމާތާއި އިރުޝާދާއި އަދި ތަމްރީނު ދެމުން އެބަގެންދާ ކަމަށް ބުނެފައު ވެއެވެ. 

އަދި އީރާނުގެ ގުދުސް ފޯސް އިން ޔަމަނަށް ޑްރޯނާއި ކުރޫޒް މިސައިލާއި އަދި މެދު ރާސްތާގެ ބެލިސްޓިކް މިސައިލްވެސް ފޯރުކޮށް ދެމުން ގެންދާކަން ވަނީ ތުޙުމަތު ކޮށްފައެވެ.

މިދިޔަ ހޯމަދުވަހު އެމެރިކާގެ ޕެންޓަގަނުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ކޮންޓެއިނަރ އުފުލާ ބޯޓު ޖިބްރޯލްޓަރ އީގަލް އަށް ޔަމަނުންގެ ޙަމަލާއެއް ވަނީ އަމާޒުވެފައެވެ.

އެކަމަކު ބޯޓުގެ ދަތުރު ހުއްޓޭ ވަރުގެ ގެއްލުމެއް ނުލިބޭ ކަމަށާއި ޔަމަނުންގެ ދެވަނަ ޙަމަލާ އެ ބޯޓާ ހަމަޔަށް އައުމުގެ ކުރިން ހަލާކުކޮށްލެވުނު ކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ ޔަމަނުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުން ތަމްސީލު ކުރައްވަމުން ގެންދަވަނީ 2020 ވަނައަހަރު ރައީސް ޓްރަމްޕުގެ ވެރިކަމުގައި ޝަހީދުކޮށްލަން ރާވައިގެން އުޅުނު ޖެނެރަލް އަބްދުލް ރިޒާ ޝަހްލާއި އެވެ. 

އެމެރިކާގެ ޖާސޫސީ އިދާރާއިން ދެކޭ ގޮތުގައި ޖެނެރަލް ރިޒާއަކީ އީރާނުން މުޖާހިދުންގެ ކަންތައްތަކުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ގުދުސް ފޯސްގެ ޑެޕިއުޓީ ކޮމާންޑަރެކެވެ.

ޖެނެރަލް ރިޒާއާއި ބެހޭ މަޢުލޫމާތު ދިން ފަރާތަކަށް އެމެރިކާގެ ޖަސްޓިސް ޑިޕާރޓްމެންޓުން 2019 ވަނަ އަހަރު 15 މިލިއަން ޑޮލަރުގެ އިނާމެއް ވަނީ ހުށައަޅާފައެވެ. މި ހުސްވި މަހު ޔަމަނުގައި ޙަރަކާތްތެރި ވަމުންގެންދާ އެމެރިކާގެ ޖާސޫސުންގެ ފަރާތުން އެމެރިކާއަށް ލިބުނު ޖާސޫސީ މަޢުލޫމާތު ތަކުގައި ވެސް ޖެނެރަލް ރިޒާއާއި ބެހޭ މައުލޫމާތެއް ނެތްކަމަށް ބުނެފައިވެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުން ޔަމަނުގައި ތިބެގެން ހުޅަނގުގެ އަމާޒުތަކަށް ޙަމަލާދިނުމަށް ޔަމަނުގެ ހޫތީން ޖަމާޢަތަށް  މަގުފަހި ކޮށްދިނުމަކީ އިސްރާއީލާއި ފަލަސްތީނު ހަމާސް ޖަމާޢަތުގެ ހަނގުރާމަ ކުރިއަށްދާ މިދުވަސްވަރުގައި،އެމެރިކާއިން ދެކޭގޮތުގައި އެމެރިކާއާއި ދެކޮޅަށް ހަނގުރާމައިގެ އަލިފާންގަނޑަށް ތެޔޮ އެޅުންކަހަލަ ކަމެކެވެ. 

ބައިޑަން އެޑްމިނިސްޓްރޭޝަނުން އިރާނާއި ދެކޮޅަށް ހަނގުރާމައަކަށް ދާން ބޭނުންނުވާކަން ގެންދަނީ ހާމަކުރަމުންނެވެ. އެހެންނަމަވެސް ތަޖްރިބާކާރުންގެ ނަޒަރުގައި ޕެންޓަގަނުންނާއި ހުޅަނގުގެ ބާރުތަކުން ޔަމަނާއިދެކޮޅަށް ޙަމަލާތައް އަމާޒުކުރުމަކީ އީރާނުގެ ރިވޮލިއުޝަރަރީ ގާރޑްންނަށް ޙަމަލާދިނުން ކަމުގައި އީރާނުން ބަލާފާނެއެވެ.

އެމެރިކާއާއި މެދު އިރުމަތީގެ އޮފިޝަލުން ބުނަމުން ގެންދާ ގޮތުގައި އީރާނުން ޔަމަނަށް މަދަދުކުރަން ފެށީ 2010 ގައި ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސް އިންއެމެރިކާގެ ބައިވެރިވުމާއި އެކު ޔަމަނުގެ ހޫތީ ޖަމާޢަތާއި ދެކޮޅަށް ހަނގުރާމަކުރަން ފެށި ދުވަސްވަރު ގައެވެ. 

މިހާރު ޔަމަނަކީ ބެލިސްޓިކް މިސްއިލާއި ޑްރޯނާއި އަދި ކްރޫޒް މިސައިލް ފަދަ ޒަމާނީ ހަތިޔާރުތައް ލިބިފައިވާ ބައެކެވެ. އިސްރާޢީލަށް ދަތިކުރުމުގެ ފިޔަވަޅުދަށުން ސުއޭޒް ކެނެލް އަދި ބާބުލް މަންދޫބުގެ ދަތުރުތަކަށް ހުރަސް އެޅުމާއިއެކު އިސްރާއީލުގެ އިލާތުގެ ބަނދަރަށް ސީދާ ޙަމަލާތައް އަމާޒުކުރުމުގެ ގާބިލުކަން މިއަދު ޔަމަނަށް ލިބިފައިވާ ކަމަށް ގަބޫލުކުރަން ޖެހެއެވެ.

ކުރިއާއި އަދި މިހާރުގެ އެމެރިކާގެ ރަސްމީ އިދާރާ ތަކުންވެސް ގަބޫލުކުރާ ގޮތުގައި މެދުއިރުމަތީގައި އީރާނުގެ ނުފޫޒާއި ބާރު ގަދަކުރަން އުފައްދާފައިވާ އެކްސިސް އޮފް ރެޒިސްޓެންސްގައި ވަރަށް މުހިންމު ދައުރެއް ޔަމަނުގެ ހޫތީން އަދާކުރަމުން ގެންދެއެވެ.

އޭގެ އިތުރުން ފަލަސްތީނުގެ ބިމުގައި ޙަމާސް ޖަމާޢަތް، ލެބަނަންގައި ހިޒްބުއްލާއަދި އިރާގައި ސީރިޔާގެ މިލިޝިޔާއަކީވެސް  މެދުއިރުމަތީގައި އީރާނުގެ ބާރު ތަމްސީލ ުކުރަމުން ގެންދާ ބާރުގަދަ ޖަމާޢަތް ތަކެކެވެ.

މެދުއިރުމަތީގައި އޮތް އެމެރިކާގެ ބާރުތަކުގެ ކުރީގެ ކޮމާންޑަރ ކެނެތު މެކަންޒީ މިދިޔަ ހަފުތާގައި އޮތް މެދުއިރުމަތީގެ ފޯރަމެއް ވާހަކަ ދައްކަމުން ބުނެފައިވަނީ އީރާނަކީ މިހާރު ދުރުގައި ތިބެގެން އެމީހުން ބޭނުންވާ ގޮތަކަށް މެދުއިރުމަތީގެ މަސްރަޙް ބަދަލުކޮށް ލެވިދާނެ ބައެއްކަމަށް ޢިއުތިރާފުވާން ޖެހެއެވެ.

ޔަމަނުގެ ހޫތީންގެ ވާހަކަ ދައްކާނަމަ ބަލިނުވެ އެތައް އަހަރަކު ސަޢޫދީ އާއި އެމިރޭޓްސްގެ ބާރުތަކާއި ދެކޮޅަށް އެމެރިކާގެ އެނހީގައި ހަނގުރާމަ ކޮށްފިއެވެ. މިއަދު ރެޑް ސީ ގައި ދަތުރުކުރުން އެއޮތީ ނޭވާހޮޅިއަށް އަޅުވާފައެވެ. 

ފާހަގަކޮށްލަން ޖެހެނީ މިވަރުގެ ބާރުގަދަ ޖަމާޢަތަކަށް (އެމެރިކާގެ ރެޑް ސީގެ ބައިވެރީންނަށް) ޔަމަނުގެ ހޫތީން ޙަމަލާތަށް ބަދަލުކުރަމުން އެ ގެންދަނީ ވަރަށް ކުޑަ އަގެއް ގައެވެ. އެ ޖަމާޢަތުގެ ސަތޭކަ ވަރަކަށް ޑޮލަރުގެ އަގުހުރި އެންމެ ޙަމަލާއެއް ދިފާއު ކުރުމަށްޓަކައި ހުޅަނގުގެ ބާރުތަކުން މިލިއަނުން ގުނާލެވޭވަރަށް ޚަރަދު ކުރަން ޖެހުނީކަމުގައެވެ.  

އެމެރިކާއިން ގަބޫލުކުރާ ގޮތުގައި 1980 ގެތެރޭގައި އެމެރިކާގެ ޑިޕްލޯމެޓަކަށް ޖާނުންފިދާ ވުމުގެ ޙަމަލާއެއް ދިނުމާއި ލެބަނަންގައިހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް ޙަމަލާތައް ދިނުމުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ އަތެއް ވެއެވެ. އަދި އީރާގުގައި އައި. އީ. ޑީ. އެސް. ބެނުން ކޮށްގެން އެމެރިކާގެ ސިފައިން މަރަމުން ގެންދިއުމުގައިވެސް އީރާނާ ގުޅުން އެބަހުއްޓެވެ. 

މި ޙަމަލާތަކާއި އަދި 2007 ގައި އީރާނުގެ ރިވޮލިއުޝަނަރީން ކަރުބަލާގައި އެމެރިކާ ސިފައިން 5 މީހަކު މަރާލުމުގައި ޖެނެރަލް ރިޒާ އިސްދައުރެއް ވަނީ އަދާ ކޮށްފާކަމަށްވެސް ބުނެއެވެ.

ޔަމަނުގެ ހޫތީންނަކީ އެކްސިސް އޮފް ރެޒިސްޓެންސްގެ ބައިވެރިއަކަށް ވީތީ އީރާނުގެ މަދަދު ލިބެމުން ދިއުމަކީ ސުވާލު އުފެދޭ ކަމެއްނޫނެވެ. އެހެންނަމަވެސް ފަލަސްތީނުގެ ހަމާސް އާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައާ ގުޅޭ އެއްވެސް ކަމެއް އީރާނުގެ ސީދާ ބައިވެރިވުމެއް ނޯންނާނެކަމަށް އީރާނުންނާއި ޔަމަނުންވެސް ގެންދަނީ ބުނަމުންނެވެ.           

މިހުސްވިމަހު ވޯލްސްޓްރީޓް ޖާރނަލްއަށް ވާހަކަދެއްކި ޔަމަނު ހޫތިންގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި އަހަރެމެންގެ އަމިއްލަ އިންޓެލިޖެންސް އޭޖެންޓުން އެބަ ތިއްބެވެ. އަހަރެމެން މިގެންދަނީ އެކަން ސާބިތުކޮށް ދެމުންނެވެ. ދުނިޔޭގެ ބާރުތަކުން އަހަރެމެން ކުރާކޮންމެ ކަމެއް އީރާނުގެ މައްޗަށް ފޫޅުކަނޑަމުން ގެންދަނީ އީރާނަކީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމުކަމުގައި އެމެރިކާއާއި ހުޅަނގުން ގަބޫލު ކުރަނީހެއްޔެވެ!                  

އީރާނުން އެމެރިކާ އާދެކޮޅަށް ސިދާ ހަނގުރާމައަކަށް ހިނގައިދާނެތޯ މިޑްލް އީސްޓް އިންސްޓިޓިއުޓުގެ އެލެކްސް ވަޓަންކާ ސުވާލުކުރުމުން ލިބުނު ޖަވާބަކީ “ އެމެރިކާއިންނާއި ހުޅަނގުގެ ގައުމުތަކުން އިސްރާއީލުން ބޭނުންވާ ހުރިހާ އެހީ އަކާއި ޚިދުމަތެއް ފޯރުކޮށް ދެމުން ގެންދާއިރު އެހެން ގައުމުތަކުން ދެއަތް އުރާލައިގެން ތިބޭނެކަމަކަށް ނުބުނެވޭނެއެވެ ”.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި ކަމަށް ރޮއިޓާރސް އިން ރިޕޯރޓް ކޮށްފައިވަނީ އިސްރާއީލާއި ފަލަސްތީނުގެ ދެކޮޅުވެރިކަމަށް ސުލްޙަވެރި ޙައްލެއް އީރާނުން ވެސް ބޭނުންވާ ކަމަށެވެ. 

އެކަމަކު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ފަލަސްތީނާއި ދެކޮޅަށް އިސްރާއީލަށް ބޭނުންވާ ހުރިހާ އެހީތަކެއް ފޯރުކޮށް ދެމުންގެންދާއިރު އެހެންގައުމުތަކުން ކުޅިބަލަން ތިބެން ބުނެގެން ނުވާނެއެވެ. އެކަމެއް އެހެނެއް ނުވާނޭކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރާއިއެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާއަށް ގޮވާލެއްވީ ވެއްޓެމުންދާ އިސްރާޢީލު ބޮޑުވަޒީރު ނަގަހައްޓަން ވިއްދާ މުޑިއަކަށް އެމެރިކާގެ ގައުމީ ސަލާމަތާއި ރައްކާތެރިކަން ގުރުބާން ނުކުރުން ބުއްދިވެރި ވާނެކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޔަމަނުގެ ޙަމަލާތައް ރެޑް ސީ ގައި ގައްޒާގެ ހަނގުރާމަ ހިނގަމުންދާހާ ދުވަހަކު ނުހުއްޓި ކުރިއަށް ދާނެ ކަމަށެވެ. މިކަން ޔަމަނުގެ ލީޑަރޝިޕުން އަހަރެމެންނަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

ހަމައެއާއިއެކު ރެޑް ސީ ގެ އާންމު ދަތުރު ފަތުރަށް އެއްވެސް ކަހަލަ ނުރައްކަލެއް ޔަމަނުގެ ފަރާތުން ކުރިމަތި ނުވާނެ ކަމަށާއި އަމާޒަކީ ހަމައެކަނި އިސްރާޢީލުގެ ޢުދުވާން ހުށްޓުވުން ކަމަށްވެސް ބުނެފައިވެއެވެ.                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް