އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން މިނިސްޓްރީ އޮފް ހެލްތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު މި ހުކުމްކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކަކަށް މިނިސްޓްރީން ދައްކަންޖެހޭ ފައިސާތަކެއް ދައްކާފައި ނުވާތީ އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާތީއެވެ.
މި މައްސަލައިގައި ހެލްތު މިނިސްޓްރީން ބުނީ އޭޑީކޭއިން ހޯދާފައިވާ ހިދުމަތްތަކަކަށް 325،000 ރުފިޔާ އެ މިނިސްޓްރީން އޭޑީކޭއަށް ދައްކަންޖެހޭ ކަމަށެވެ.
ނަމަވެސް މި ފައިސާގެ ތެރެއިން ބައެއް ދައްކާފައިވާ ކަމަށާއި، ނުދައްކައި ބާކީ އޮތީ ޖުމުލަ 130،000 ރުފިޔާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން ހެލްތު މިނިސްޓްރީން ހޯދި ހިދުމަތްތަކުގެ އަގަށްވާ ފައިސާގެ ތެރެއިން ނުދައްކާ އޮތް ޖުމުލަ 130،000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްދިނުމަށް އޭޑީކޭއިން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.
އެހެންކަމުން އެ މައްސަލައިގައި މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން، އޭޑީކޭއަށް ޖުމުލަ 130،000 ރުފިޔާ ދައްކަން ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅާ ވަނީ ހުކުމް ކޮށްފައެވެ.