އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ތައިލެންޑް އަދި ޔޫއޭއީއަށް ބަލި މީހުން ފޮނުވަންކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ.
އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް މިހާރު ފޮނުވަމުން ދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށެވެ.
ނަމަވެސް ކުރިއަށް އޮތް ތަނުގައި ތައިލެންޑް އަދި ޔޫއޭއީއަށް ވެސް ސްކީމުގެ ދަށުން ބަލި މީހުން ފޮނުވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކުރެވެމުންދާ ކަމަށެވެ.
ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާ އަދި ލަންކާ ނޫން އެހެން ގައުމުތަކަށް ބަލި މީހުން ފޮނުވަން އެ ކުންފުނިން ދެކޮޅު ކަމަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވަނީ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މަޖިލިސް މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މި ޚިދުމަތް އިތުރު ގައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް އޭރު ނެތްކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމް އޮޅޭ ގޮތަށް ކަމަށާއި އޭރު ސަރުކާރުން މި ޚިދުމަތް ފުޅާކުރަން ނިންމާފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މިހާރު އެކަން ރަސްމީކޮށް އިއުލާނުކުރުމުން އޭގެ މާކުރިން ދެކެވިފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް މިއީ އެ ކުންފުނިން ދެކޮޅު ކަމެއްގެ ގޮތުގައި އާންމުންނަށް ސިފަވާހެން ޚަބަރު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަނަސްވަސްކަން އުފެދޭނެ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިފަދައިން ޚަބަރުތައް ގެނެސްދޭއިރު ކުންފުނީގެ ބަހެއް ހޯދައި ކަމުގެ ހަގީގަތް ސާފުވާނެހެން ޚަބަރުތައް ގެނެސްދިނުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.