އެމެރިކާގެ މިލިޓްރީ ސިއްރުތަކެއް ފަނަރަހާސް ޑޮލަރަށް ވިއްކާލައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާ ކަނޑު ސިފައިންގެ ޕެޓީ އޮފިސަރަކު ޗައިނާއަށް ޖާސޫސް ކޮށްދިނުމުގެ ކުށުގައި 5500 އެމެރިކާ ޑޮލަރުން ޖުރިމަނާކޮށް 27 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލައިފިއެވެ. 

އެމެރިކާގެ މިލިޓްރީ ތަމްރީނު ތަކަކާއި ރާޑަރ ބުލޫ ޕްރިންޓް ތަކެއް 26 އަހަރުގެ ވެންހެންގް ޒާއޯ  ޗައިނާއަށް ވިއްކާލީ ފަނަރަހާސް އެމެރިކާ ޑޮލަރުގެ ރިޝްވަތެއް ނަގާފައި ކަމަށް ސަރުކާރުގެ ވަކީލުން ކޯޓުގައި ބުނެފައިވެއެވެ. ޒާއޯ ނުވަތަ ތޯމަސް މަސައްކަތްކުރަމުން ގެންދިޔައީ  ކެލިފޯރނިޔާގެ ވެންޗޫރާ ކައުންޓީގެ ކުޑަ ބީޗް ސިޓީއެއްގައެވެ. 

ބިޒްނަސް އިންސައިޑަރސް އަށްވެސް ފެނިފައިވާ އެ ލިއެކިއުންތަކުގައި ޗައިނާގެ ސިއްރު އޭޖެންޓަކާއި ގުޅިގެން މަސައްކަތްކުރި ކަމަށާއި ރިޝްވަތު ނެގިކަމަށް އޭނާ ވަނީ އިޢުތިރާފް ވެފައެވެ.

ޖަސްޓިސް ޑިޕާރޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ފައިސާ ނަގާފައިވަނީ 14 ފަހަރެއްގެ މަތިންނެވެ. އޭގެ ބަދަލުގައި އިންޑޯ-ޕެސިފިކްގައި ހިންގަން ރާވާފައިވާ ވަރަށް ބޮޑު މިލިޓްރީ ތަމްރީނަކާ ބެހޭ ސިއްރު މަޢުލޫމާތު ތަކަކާއި ޖަޕާނުގެ އޮކިނާވާގައި ހަރުކޮށްފައިހުރި ރާޑަރ ސިސްޓަމެއްގެ ބުލޫ ޕްރިންޓާއި ކުރެހުންތައް ޗައިނާގައި ހުރި އޭނާގެ ކޮންޓެކްޓަށް ވަނީ ފޮނުވާފައެވެ.

ސަރުކާރުގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ ޒާއޯ އާއި އޭނާގެ ކޮންޓެކްޓް ޗައިނާގެ ސިއްރު އޭޖެންޓް މުވާސަލާތު ކޮށްފައިވަނީ އެންކްރިޕްޓެޑް މެސޭޖިންގގެ ވަސީލަތުން ކަމަށެވެ.

ޒާއޯގެ ކުށުގެ ތެރޭގައި އެލިއެ ކިއުންތައް ނައްތާލަން މަސައްކަތް ކޮށްފައިވުމާއި ހިންގާފައިވާ މުވާސަލާތީ ގުޅުންތައް ނެތިކޮށްލަން މަސައްކަތް ކުރުންވެސް ހިމެނެއެވެ. ޒާއޯ ދިރިއުޅެނީ ކެލިފޯރނިޔާގެ މޮންޓޭރޭ ޕާރކް ގައެވެ.                                   

އެފް. ބީ. އައި. ގެ ސަލާމަތާއިބެހޭ ގޮފީގެ އެގްޒެކެޓިވް އެސިސްޓެންޓް ޑިރެކްޓަރ ލަރިއްސާ ނެޕް ބުނެފައިވަނީ އެމެރިކާގެ ވަރަށް ސިއްރު މަޢުލޫމާތުތަކެއް އެހެން ގައުމަކަށް ފޯރުކޮށްދިނުމަކީ ޒާއޯ ކޮށްފައިވާ ހުވަޔާ ޚިލާފަށް ގައުމަށް ޣައްދާރުވުން ކަމުގައެވެ.

އެމެރިކާ ނޭވީގެ އެހެންމީހަކުވެސް ވަނީ ހަމަ މިބާވަތުގެ ތުޙުމަތެއްގައި ހަމަ އެދުވަސްވަރު ހައްޔަރު ކޮށްފައެވެ. އޭނާގެ ނަމަކީ ޖިންޗާއޯ ވެއި ނުވަތަ ޕެޓްރިކް އެވެ. އުމުރުން 22 އަހަރުގެ ޕެޓްރިކް މަސައްކަތް ކުރަމުން ގެންދިޔައީ ޔޫ. އެސް. އެސް. އެސެކްސް ގެ މެކޭނިކެއްގެ ވަޒީފާގައެވެ.

އޭނާއަށް ކުރާ ތުޙުމަތުތަކުގެ ތެރޭގައި ޔޫ. އެސް. އެސް. އެސެކްސް އާއި އެހެން އުޅަނދުފަހަރު މަރާމާތު ކުރުމާއިގުޅޭ ވީޑިއޯތަކާއި ފޮޓޯތައް ޗައިނާގެ ޖާސޫސީ އިދާރާއަށް ފޮނުވުން ހިމެނެއެވެ. 

އޭނާގެ މައްސަލައިގާ ހިނގަމުންދާ ޝަރީއަތުގައި އޭނާ މިހާތަނަށްވެސް އެއްބަހެއް ނުވެއެވެ. ސަރުކާރުގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ ޕެޓްރިކް ޗައިނާއަށް ޖާސޫސް ކޮށް ދޭން ފެށީ އޭނާގެ މަންމަގެ އެދުމުގެ މަތިން ކަމަށެވެ. އެއީ ޗައިނާގެ ކޮމިއުނިސްޓް ޕާރޓީން އޭނާއަށް ރަނގަޅު މަގާމެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ވޯޝިންގްޓަންގައި ހުންނަ ޗައިނާގެ ސަފީރު އޮފީހުން މި މައްސަލަ ތަކުގައި މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކައެވެ.                                                                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް