އެކުއަޑޯގައި އޮންނަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު ގޭންގުގެ ލީޑަރު ޖަލުން ފިލުމާއި ގުޅިގެން އެގައުމުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
މިގޮތުން، ބަންދުގައި ހުރި އެޑޮލްފޯ މާކީއަސް، އާންމު ނަމުންނަމަ ފީޓޯ، އޭނާގެ ޖަލު ގޮޅިން ފިލާފައިވާކަމަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގައެވެ. އަދި އޭނާ ޖަލުން ފިލުމުގައި ޖަލު ބަލަހަށްޓަން ތިބި ދެ އޮފިސަރަކު ބައިވެރިވެފައިވާކަމަށް ޚަބަރުތަކުން ބުނެއެވެ. އަދި އެކުއަޑޯގެ ޕްރޮސެކިއުޓަރުން ވަނީ އެ ދެ އޮފިސަރުންނާއި ދެކޮޅަށް ކޯޓުގައި މައްސަލަވެސް ހުށައަޅާފައެވެ.
ލަ ރީޖަނަލް ޖަލުން ފިލައިގެން އުޅޭތީ ހޯދަމުންދާ ލޮސް ޗޮނެރޯސް ގޭންގުގެ ލީޑަރަކީ، ޑްރަގް ޓްރެފިކްކުރުމާއި، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، 34 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދިޔަ މީހެކެވެ.
އެކުއަޑޯ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އެގައުމުގައި ގޭންގުތަކުގެ މައްސަލަ ކޮންޓްރޯލްކުރެވޭ ވަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، އަވަށްޓެރި ލެޓިން އެމެރިކާގެ އެހެން ގައުމެއްކަމަށްވާ އެލްސެލްވަޑޯއިން ގޭންގުތަކުގެ މައްސަލާގައި ގެންގުޅޭ ”ނޯ-ނޮންސެންސް“ ސިޔާސަތުތަށް ބަލައިގަތުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
ޖަނަވަރީ މަހުގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު އެލްސެލްވެޑޯގައި ގަސްދުގައި މީހަކު މަރާފައިވާ މައްސަލައިގެ އަދަދު ވަނީ 57 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މީގެކުރިން ގައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އިތުރުކުރުމުގައި ބޮޑު ރޯލެއް އަދާކުރި ގޭންގުތަކުގެ މައްސަލަތައް ފެންމަތިވާ މިންވަރުވެސް ވަނީ ދަށަށް ގޮސްފައެވެ.
ވީމާ، އިކުއަޑޯއަށްވެސް އެގައުމުގެ ދާޚިލީ މަންޒަރު ހަމައަކަށް އަޅައި، އަވަށްޓެރި އެލްސެލްވެޑޯގެ ނަތީޖާއާއި ފައިހަމަކުރެވިދާނެ ހެއްޔެވެ؟