ޔަމަނުގެ ހޫތީންގެ ޙަމަލާތަކާއި ހުޅަނގުގެ ރައްދު

Loading

Facebook
Twitter
WhatsApp

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ކުރެވެމުން ގެންދާ ހަނގުރާމައިގެ ތެރެއަށް ޔަމަނުގެ ހޫތީން ވަނުމުން އުފެދުނު ނުރައްކާތެރިކަން މިހާރުވަނީ އޭގެ ބޮއިލިންގ ޕޮއިންޓަށް އަރައިފިއެވެ. 

ހަމައެއާއެކު ރެޑްސީގައި ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް ހޫތީން ދެމުންގެންދާ ޙަމަލާތައް މައިތިރިކުރަން އެމެރިކާއާއި ހުޅަނގުގެ ބައިވެރިން ރައްދު ދީފިނަމަ އެއީ އަނދައަނދާހުރި އަލިފާންގަނޑަކަށް ޕެޓްރޯލް އެޅުންނޫންކަމަކަށް ނުވާނެކަމަށް ސަރައްޙައްދީ ބައިވެރީންވެސް އެއްބަސްވެއެވެ.  

މި ޙަމަލާތަކަށް ދެވޭ ރައްދުގެ ސަބަބުން މުޅި މެދުއިރުމަތީގައި ބޮޑުވެގެންވާ މުސީބާތެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރުވެރި ކަމާއި ކަންބޮޑުވުން މިހާރު ވަނީ މުޅިދުނިޔެއަށް ފެތުރިގެން ގޮސްފައެވެ. އިސްރާއީލާއި ފަލަސްތީނާއި ދެމެދު ކުރެވޭ ހަނގުރާމަހުއްޓާލުމަށް ކުރެވިދާނެ އެއްވެސް ކަމެއް ނުވަތަ ހުޅުވިދާނެ މަގެއްއަދި ފެންނާކަށް ނެތެވެ. 

އެމެރިކާއިން މިހާރު މި ހަނގުރާމަ ހުށްޓާލަން ބޭނުމޭބުނެ ސަރަޙައްދުގެ ލީޑަރުންނާއި ބައްދަލުކޮސް މަޝްވަރާތަކެއް ކުރެވުމުން ދިޔަނަމަވެސް އެމެރިކާގެ ޖިގިރީ ދޯސްތްކަމުގައިވާ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭތާ އެންމެ ގާތް އެކުވެރިޔާ އެމެރިކާގެ ބަސް އަޑުއަހާކަށްވެސް ބޭނުމެއް ނުވާކަމަށްވެސް ބުނެފިއެވެ. ނަމަވެސް އެމެރިކާ ބޭނުންނަމަ އިޒްރާއީލު ހުށްޓުވޭނެކަމަށް ގަބޫލުކުރަން ޖެހެއެވެ. އެހެނީ އިސްރާއީލުން ފަލަސްތީނަށް އަޅަމުންގެންދާ ބޮންތަކުގެ ބޮޑު ބަޔަކީ އެމެރިކާއިން އެހަނގުރާމަޔަށް ދެމުންގެންދާ ބޮންތަކެވެ. އަދި އޭގެ އިތުރުން ސީދާ އެމެރިކާގެ ސިފައިން ބައިވެރިވާ ހަނގުރާމައެއްކަން ފަޅާއަރާފައިވާތީއެވެ!

އެމެރިކާގެ އެންމެ އިސް ޑިޕްލޯމެޓް މިހާރު ގެންދަވަނީ ހަނގުރާމަ ހުއްޓުވޭނެ މަގެއް ފެނޭތޯކަމަށް ބުނެ އަރަބި ލީޑަރުންނާއިއެކު މަޝްވަރާ ކުރަމުންނެވެ. އަރަބި ގައުމުތަކަކީ މި ހަނގުރާމައިގެ ބައިވެރިން ނޫންކަން އެމެރިކާއިން ގަބޫލުކުރަން ބޭނުން ނުވާކަހަލަ އެވެ. 

އިސްރާއީލަކީ މިހަނގުރާމައިގެ ސީދާ ބައިވެރިއެކެވެ. އެކަމަކު އިސްރާއީލުން ލައްވާ ހަނގުރާމަ ހުއްޓުވަން ބާރު އެޅުމުގެ ބަދަލުގައި މިކަމުގައި ފެންނަނީ މުނާފިގު ކަމުގެ ސިފަތަކެވެ. ދާދިފަހުން ހަނގުރާމަ ހުއްޓާލުން އެދި ސަޢޫދީ އެރޭބިޔާ މެދުވެރިކޮށް އީރާނަށްވެސް އެމެރިކާގެ ފަތްކޮޅެއް ފޮނުވި ޚަބަރު މީޑިއާގެ ފަލަ ސުރުޚީތަކުން ފެނުނެވެ. އީރާނުގެ ޖަވާބު ވަރަށް ސާދާއެވެ. “ އީރާނުން އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމައެއް ނުކުރަމެވެ. މެދު އިރުމަތީގައި ހިނގާ ހަނގުރާމައިގެ ބައިވެރިންނާ ވާހަކަ ދައްކާށެވެ ”.                                        

ޔަމަނަކީ ދިހަ އަހަރުދުވަހުގެ ދިގު ހަނގުރާމައަކަށް ފަހު މިހާރުވެސް ބަނގުރޫޓުވެ ބަނޑަށް ޖައްސާފައިވާ ގައުމެކެވެ. އެހެންނަމަވެސް ޔަމަނުގެ ހޫތީ ނަސްލުގެ މީހުން ތިބީ ފަލަސްތީނު މިނިވަންކުރުމުގެ ޖިހާދުން އެކަހެރިވާގޮތަކަށް ނޫނެވެ. އެމީހުންވަނީ ފަލަސްތީނު މިނިވަންކުރަން މަރުދޭނެކަމަށް ހުވާކޮށްގެނެވެ.

އިސްރާއީލުން ފަލަސްތީނާއި އާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމާ ހަމަޔަށް ބާބުލް މަންދޫބުގެ ތެރެއިންލާފާ އިސްރާއީލާ ގުޅުން ހުރި އެއްވެސް އުޅަނދަކުން ރައްކާތެރިކަމާއި އެކު ދަތުރުނުކުރެވޭނެކަން ޔަމަނުން ގެންދަނީ މުޅި ދުނިޔެއްށް އިއުލާން ކުރަމުންނެވެ. އަދި ބާބުލް މަންދޫބުގެ ބޭނުން ނުކުރެވޭނެކަން އެމީހުންނަށް ލިބިފައިވާ މަދު ވަސީލަތްތަކުގެ ބޭނުން ކޮށްގެން ގެންދަނީ ސާބިތުކޮށް ދެމުންނެވެ.             

ހޫތީންގެ ޙަމަލާތައް މިހާރު އޮތީ ޙަގީގަތުގައިވެސް އެންމެ ނުރައްކާތެރި މަރުޙަލާގައެވެ. އެމީހުންގެ ޙަމަލާތައް މިލިޓްރީގޮތުން ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމަށް ސީދާ އަމާޒު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަދުވަހު އެމެރިކާގެ ހަނގުރާމަމަތީ ހެލިކޮޕްޓަރުތަކާއި ދެކޮޅަށް ހޫތީން ވަނީ ކުރިމަތިލާފައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމާ ދެކޮޅަށް ނިކުތުމުގެ ނަތީޖާ ރަނގަޅު ނުވާނެކަން އެނގޭ ޙާލުގައެވެ.                

މިދިޔަ ބުދަ ދުވަހު އެމެރިކާ އާއި އެމެރިކާގެ ބައިވެރިން އޮތީ ހޫތީ ހަނގުރާމަވެރިން ހަތިޔާރު ބެހެއްޓުމަށް އެންމެ ފަހުގެ މުޙުލަތު ދީފައެވެ. އަދި އެ އަމުރަށް ތަބާ ނުވެއްޖެނަމަ އެމެރިކާއާއި ބައިވެރިންގެ ޙަމަލާތައް ހުރިހާ ދިމާލަކުން ހޫތީންނަށް އަމާޒުވެގެން ދާނެއެވެ. އެކަމެއް ގައިމުވެސް ނުކުރިއެވެ. 

އެހެނަސް ހޫތީންގެ އިންޒާރުތަކުގެ ސަބަބުން ދުނިޔޭގައި އެއްތަނުން އަނެއްތަނަށް މުދާ އުފުލާ ވަރަށް ގިނަ ބޯޓުފަހަރުގެ ދަތުރުތައް މިހާރު ވަނީ ސުއޭސް ކެނެލް ހުރަސްކުރުމުގެ ބަދަލުގައި އެފްރިކާ ބައްރުގެ ދެކުނަށް މިސްރާބު ޖަހާފައެވެ. މި ދަތުރުތަކަށް ނަގާނެ ދުވަސްތަކާއަދި ހިނގާނެ ޚަރަދަށްވުރެން ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބޭނުމުގައެވެ. ޕާޝިއަން ގަލްފް ކަނޑުގައިވެސް އީރާނާއި އެމެރިކާގެ ދެބަސްވުމާއި ޙަރަކާތްތައް ދަނީ ގޯސްވަމުންނެވެ. އެމެރީކާގެ ހަތިޔާރު ހިފައިގެން އިރާގުގެ އެމެރިކާގެ ބޭސްއަށް ދަތުރުކުރި ބޯޓެއް އީރާނުންވަނީ އަތުލައިގަނެ އީރާނަށް ގެންގޮސްފައެވެ.                                                      

ރެޑްސީގެ ނުރައްކަލުގެ ސަބަބުން ކޭޕްޓައުން ވަށާލާފަ ބޯޓުފަހަރުގެ ދަތުރުކުރަން ހޭދަކުރަން ޖެހޭ ދުވަސްތައް ގިނަވުމުގެ ސަބަބުން އާންމު ވިޔަފާރިއަށް އުފުލާ މުދަލުގެ އަގު ބޮޑުވުމުގެ އިތުރުން އެމެރިކާއާއި ބައިވެރިން އިސްރާއީލަށް ތާއީދުކުރުމުގައި ބޮޑު އަގެއް އަދާކުރަންވެސް މިއޮތީ މަޖުބޫރު ކުރުވާފައެވެ. 

އަދި އެމެރިކާއާއި ބައިވެރިން ޔަމަނަށް ޙަމަލާދިނުމުން މުޅި ސަރަޙައްދު ފަނާކޮށްލުން ފިޔަވާ ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެކަންވެސް އެނގެއެވެ. ޔަމަން އިތުރަށް ވީރާނާ ކުރާނެ އެއްޗެއް ނުވަތަ ހާލުގައި ޖައްސާނެ އިންސާނަކު ނެތެވެ. 

އެހެންނަމަވެސް އެމެރިކާއާއި އިނގިރޭސި ވިލާތުން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ނިކުތުމުން މުޅި މެދުއިރުމައްޗަށް ހަނގުރާމަ ފެތުރިގެންދާނެކަން މިހާރު ކަށަވަރު ވެއްޖެއެވެ. ހޫތީންގެ ކޮމާންޑަރު ވިދާޅުވެފައިވަނީ ޔަމަނަށް އެމެރިކާއިންދޭ އެއްވެސް ޙަމަލާއެއްގައި ސަރަޙައްދުގެ ގައުމަކުން ބައިވެރިވެއްޖެނަމަ ރައްދު ދޭނޭކަމަށެވެ. އެގޮތުން އިމިރެޓްސް އާއި ސަޢޫދީ ޢަރަބިޔާއަށް އެމެރިކާގެ ދަލުގައި ނުޖެހުމަށް އިންޒާރު ދީފައިވެއެވެ.

މަންޒަރުގެ އަރިމަތިން މިހާރު ފެންނަމުންދަނީ އެމެރިކާއާއި ބައިވެރިން އީރާނަށް ނުފޫޒު ފޯރުވައިގެންނަމަވެސް ހަނގުރާމަ ހުއްޓުވިދާނެ މަގެއް ފެނޭތޯ ސީރިއަސްކޮށް މަސައްކަތްކުރަމުންގެންދާތަނެވެ. އީރާނަކީ ފާއިތުވެގެންމިދާ ގިނަ އަހަރުތަކެއްގައި ހޫތީން ބޭނުންވާ އެހީތައް ފޯރުކޮށްދެމުން ގެންދާ ގައުމެކެވެ.

ހަމައެފަދައިން ހޫތީންނަކީ ފަލަސްތީން މިނިވަންކުރަން މަސައްކަތްކުރުމުގައި ފުރިހަމަ ބައިވެރިއެކެވެ. ހަމަ އެއާއިއެކު ހޫތީންގެ ރެޑް ސީ ޙަމަލާތައް ހުއްޓުވަން އީރާނުން މަސައްކަތް ކުރިނަމަވެސް ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދެވިދާނެ ކަމަކަށް މިހާރު ގަބޫލުކުރަން ދައްޗެވެ. ހޫތީ ހަނގުރާމަ ވެރިންނަކީ އެމީހުންގެ އަމިއްލަ އެޖެންޑާއެއްގެ ދަށުން ޙަރަކާތްތެރި ވަމުންގެންދާ ޔަމަނުގެ މިނިވަން ޖަމާޢަތަކެވެ. އެމީހުންގެ ނިންމުންތަކަށް އެއްވެސް ފަރާތަކުން ފާޑުކިއުމުގެ ފުރުސަތު ނުދެއެވެ.                                                         

ހޫތީންނާދެކޮޅަށް ބާރުގަދަ އެމެރިކާއިން ޙަމަލާތަކެއް ފަށައިފިނަމަ މިހާރުވެސް ގަލްފު ސަރަޙައްދުގައި ފަސޭހަނުވެ ހުރި ޒަޚަމްތަކެއް އަލުން ފާރުވާން ފަށާފާނެ ކަމުގެ ބިރުވެސް ކުޑައެއް ނޫނެވެ. މިހެންވެ ސަޢުދީ އެރޭބިޔާއިން ޔަމަނުގައި ހަނގުރާ މަކުރުމަށްޓަކައި އެމެރިކާއިން ހަތިޔާރު ގަތުމަށާއި އެމެރިކާ ސިފައިން ބޭނުން ކޮށްގެން ސަޢޫދީ ސިފައިން ތަމްރީނުކުރުމަށް މަހަކު ގާތްގަނޑަކަށް 6 ބިލިއަން އެމެރިކާ ޑޮލަރ ޚަރަދުކުރަން ޖެހުނެވެ. އެމެރިކާއަށް ވަރަށްބޮޑު ފައިދާއެކެވެ. 

އެކަމަކު ސަޢޫދީ ސިފައިންނަށް ޖެހުނީ އެނެމެފަހުން ހޫތީންގެ ކުރިމަތީގައި ނާކާމިޔާބީ އާއި ކުރިމަތިލާށެވެ. ސުލްޙައިގެ ވާހަކަތައް ރަނގަޅަށް ނުނިމެނީސް މިހާރު މިއޮތީ ރެޑް ސީގެ ޙަމަލާތައް ފެށިފައެވެ. ޔުނައިޓެޑް ނޭޝަންސްގެ ކަމާބެހޭ އޭޖެންސީތަކުގެ އަންދާޒާތަކަށް ބަލާއިރު ސަޢޫދީ އާއި ޔަމަނުގެ ހަނގުރާމާގައިޔަމަނުގެ 377،000 މީހުން މަރުވިއެވެ. 

މި ޒަޚަމްތައް ޔަމަނުގެ ރައްޔިތުންގެ ހަނދާނުން އަދި ފޮހެވިގެން ނުދާކަމަށްވެސް ބުނެފާވެއެވެ. ރެޑް ސީ ގައި އެމެރިކާއިން ޙަމާލާތަކެއް ފަށައިފިނަމަ ހޫތީންގެ އަމާޒުތައް ސަޢޫދީ އާއި އެމިރޭޓްސް ނުފެތުރިނުދާނެއެވެ. ފަހަރެއްގައި އެމެރިކާއާއި އިސްރާއީލުގެ ބޭނުމަކީ ހޫތީންގެ ބޭނުންކޮށްގެން ސަޢޫދީ އާއި އެމިރޭޓްސް ފަނާކޮށްލުން ކަމަށްވެސް ވެދާނެއެވެ. 

ސިޔާސީ ބައެއް ތަޖްރިބާ ކާރުން ހާމަ ކުރައްވާފައިވާ ގޮތުގައި ސޮވިއެޓް ޔޫނިއަން ރޫޅާލުމަށްފަހު ދުނިޔޭގައި ޑިމޮކްރެސީއާއި އިންސާނުންގެ ހަމަހަމަކަން ކަށަވަރު ކުރުމުގެ ނަމުގައި އެމެރިކާއިން މަސައްކަތް ކުރަން ފެށިތަން ފެނިގެން ދިޔައެވެ. 

މިއަދާ ހަމަޔަށް އައިއިރު އެ ޙަރަކާތަތައް ބަދަލުވެފައިވަނީ ގައުމުތައް ވީރާނާ ކުރުމަށާއި ގައުމުތަކުގެ މުއްސަނދިކަން ފޭރިގަތުމަށާއި ގައުމުތަކުގައި ދާޚިލީ އަރާރުން އަށަގެންނެވުމަށް ކަމުގައި އެބޭފުޅުން ގެންދަވަނީ ޚަބަރުދާރު ކުރުވަމުންނެވެ.    



Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް