ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް ދިވެހި ދައުލަތަށް އިންޒާރުދީފިއެވެ.
ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކުރުމަށްފަހު ހެކްކުރި ގުރޫޕުން ބުނީ އެ މީހުންނަކީ “ބާރަތިޔާ ހެކަރސް“ ކަމަށާއި ވެބްސައިޓް ހެކްކުރީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށް ބަދުބަސް ބުނެ ފަތުރާފައިވާ ވާހަކަތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި ޙަސަން ޒިހާންގެ ނަން ފާހަގަކޮށް އެ ބޭފުޅުންގެ ވާހަކަތަކަކީ ހަމައެކަނި ލަދުވެތި ވާހަކަތަކެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ޑިޕްލޮމެސީއަށް ގެއްލުންހުރި ވާހަކަތަކެއްކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން އިންޑިއާގެ ފަރާތުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކުރުމަކީ މުހިންމުކަމެއް ކަމަށާއި އިންޑިއާގެ ސަގާފަތާއި ދެކޮޅަށް އިހާނެތި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ޝިއުނާމެންފަދަ ބޭފުޅުން ތިއްބެވުމުން ދައްކުވައިދެނީ ރާއްޖެ އޮތް ނިކަމެތި ހާލުކަމަށް ވެސް ބުނެފައިވެއެވެ.
ވެބްސައިޓު ހެކްކުރުމަކީ އިންޒާރެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ވާހަކަތައް ދައްކާނަމަ އެކަން ބަލައިނުގަންނާނެކަމަށް ވެސް ބުނެފައިވެއެވެ.
އަދި ރާއްޖޭގެ ސައިބަރ ސްޕޭސްއަށް އަސަރުކުރާނެ ފަދަ ފިޔަވަޅު އެޅުމުގެ ގާބިލުކަން އިންޑިއާއަށް ލިބިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ހަމަނުޖެހުން އިތުރުވެފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިދިޔަ ހަފުތާގައި ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކާ ގުޅިގެން މޯދީއަށް އިހުތިރާމު ކުޑަވާ ގޮތަށް މި ސަރުކާރުގެ އިސް އޮފިޝަލުންތައް ފާޑުވިދާޅުވި މައްސަލާގައެވެ.