އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓުގައި އިސްރާއީލާއި ދެކޮޅަށް ހިނގަމުންދާ މައްސަލާގައި، ފަލަސްތީނާއި އެއްކޮޅަށް އަރައި މެދުއިރުމަތީގެ ޤަތަރާއި އޮމާނުންވެސް ބަޔާނެއް ހުށައަޅައިފިއެވެ.
މި ދެގައުމުން އައިސީޖޭއަށް ބަޔާނެއް ހުށައަޅާފައިވަނީ ލިޔުމުންނެވެ.
ޤަތަރުގެ ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ ގާނޫނުގެ ދަށުން އިސްރާއީލުން ފަލަސްތީނުގެ ބިން ހިޞާރުކޮށްފައިވާ ކުރިން މިހާރުން މިހާރަކަށް ނިމުމަކަށް ގެންނަންޖެހޭކަމަށާއި، ހަމަލާތައް ހުއްޓާލައި، ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް ބައިނަލްއަޤްވާމީކޯޓުން އމުރު ނެރެދޭންޖެހޭކަމަށެވެ.
އޮމާނުގެ ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ޑިޕްލޮމެޓިކް އަދި ގަނޫނީ ހައްގުތަކާއި އެއްގޮތްވާގޮތުގެ މަތީން، އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަތުމުގެ މައްސަލާގައި އައިސީޖޭއިން އެޑްވައިޒަރީ އޮޕީނިއަނެއް ނެރެދިނުމަށް ގޮވާލާކަމަށެވެ.
އިސްރާއީލުން ހަމާސް މުޖާހިދުން ނައްތާލުމަށް ކަމަށްބުނެ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތަކަކީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާއި ޚިލާފު އަމަލުތަކެއްކަމަށް ގަބޫލުކުރާކަމަށާއި، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފުވެފައިވާކަމަށް ނިންމައި އަމުރެއް ނެރެދިނުމަށް ދެކުނު އެފްރިކާއިން އައިސީޖޭގައި އެދެފައިވަނީ ޑިސެންބަރު މަހުގެ ފަހުކޮޅުގައެވެ.
އައިސީޖޭ ނުވަތަ ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓަކީ، ދެގައުމުގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށްޓަކައި އެކުވެރި ދައުލަތުން އެކުލަވާލާފައިވާ މުއައްސަސާއެކެވެ.
ހުށަހެޅުނު މައްސަލައިގެ ރައްދެއްގެ ގޮތުން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، އެމައްސަލައަކީ ”އެއްވެސް އަސާސެއް ނެތް“ މައްސަލައެއްކަމަށެވެ.
އިސްރާއީލުން ގެންދަނީ ވައިގެ މަގުންނާއި، ކަނޑުގެ މަގުންނާއި، ފައިގެ މަގުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 10،000 އަށްވުރެ ގިނަ ތުއްތުކުދިން ޝަހީދުކޮށްލާފައިވާއިރު، މީގެކުރިން ބައިނަލްއަޤްވާމީ ފެންވަރެއްގައި އެއްވެސް މުސްލިމް ގައުމަކުން ފަލަސްތީނުގެ ދިފާޢުގައި ބަސްބުނެފައެއް ނުވެއެވެ.