ޣައްޒާގެ މެދުގެ ސަރަހައްދުކަމުގައިވާ ސެންޓްރަލް ޣައްޒާގައި ދިރިއުޅޭ ރައްޔިތުންވެސް ޣައްޒާގެ ދެކުނުގެ ހިސާބުތަކަށް ބަދަލުވުމަށް އިސްރާއީލުގެ ނިރުބަވެރި ސިފައިން އަންގައިފިއެވެ.
މިއީ 2.3 މިލިއަން ރައްޔިތުންގެ އާބާދީއެއް އޮންނަ ޣައްޒާ ސްޓްރިޕްގެ ރައްޔިތުން ހިޞާރުކޮށް، އެމީހުން ދިރިއުޅުމަށް އޮންނަ ސަރަހައްދު އަތުލައި، އިޒްރޭލުން ބޮމުގެ ހަމަލާތައް އަމާޒުކުރާ ސަރަހއްދު ފުޅާކުރުމަށް އެގައުމުން އަންގާފައިވާ އެންމެ ފަހުގެ އެންގުމެވެ.
މީގެކުރިން އިޒްރޭލުންވަނީ އުތުރު ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ދެކުނުގެ ހިސާބުތަކަށް ދިޔުމަށް އަންގާފައެވެ. އެހެންމަވެސް، އެގޮތަށް އެންގުމަށްފަހުގައިވެސް އިޒްރޭލުންވަނީ ޣައްޒާގެ ދެކުނަށް ބޮމުގެ ހަމަލާދީފައެވެ.
އޮކްޓޫބަރު 7ގެ ފަހުން އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ ގިނަ ފަލަސްތީނު ރައްޔިތުންނާއި، ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދަތުރުކުރި ފަރާތްތަކަށް މި އެންގުން ވެގެންގޮސްފައިވަނީ ދިމާވެފައިވާ ތަކުލީފުތަކުގެ މައްޗަށް އިތުރު ތަކުލީފަކަށެވެ.
އެގޮތުން، މީގެ ކުރިން ރައްކާތެރި ސަރަހައްދުކަމަށް އަދި ރައްކާތެރި މަގުތަކެއްކަމަށް ބުނެ ޣައްޒާގެ އުތުރުގެ ރައްޔިތުން ދަތުރުކުރުމަށް ދެއްކި މަގުތަކަށްވެސް އިޒްރޭލުން ބޮން އަޅާފައިވާއިރު، ދަތުރުކުރުމަށް ރައްކާތެރިކަމަށްބުނި ޣައްޒާގެ އެއްކޮޅުން އަނެއްކޮޅަށް ދެމިފައިވާ މަގެއްކަމަށްވާ ސަލާހުއްދީން މަގަށް ގިނަ ބަޔަކު މިހާރު ކިޔައި އުޅެނީ ”ޑެތް ކޮރިޑޯރ“ ގެ ނަމުންނެވެ.
އިޒްރޭލުން ހުކުރުދުވަހު އެންގި އެންގުމާއެކު ގިނަ ބަޔަކު ފައިމަގުގައި، އަތުން ހިފެން އޮތް އެއްޗެއް ހިފައިގެން އަދި އެނުލައި އުޅެވޭ އެއްޗެއްނަމަ ދޫކޮށްލާފައި ރައްކާތެރި ހިސާބުތަކަށް ދަތުރުވަނީ ފަށާފައެވެ. މީގެ ތެރޭގައި، ބޮމުގެ ހަމަލާތަކުގައި އަނިޔާވެފައިވާ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭއިރު، އެކިވަރުގެ ޒަޚަމްތަކާއެކުވެސް ހިޖުރަކުރުން ނޫން އެހެން ގޮތެއް ނެތްކަމަށް އެމީހުން ގަބޫލުކުރެއެވެ. އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި މިހާރު އިޒްރޭލުގެ ނިރުބަވެރި ސިފައިނާއި، މުޖާހިދުންގެ ކުރިމަތިލުންތައް ކުރިއަށްދަނީ ޣައްޒާގެ އުތުރުގައި އާއި ޣައްޒާގެ މެދުގެ އަވަށްތަކުގައެވެ.