މެލޭޝިއާގެ ކުރީގެ މާލީ ވަޒީރު، ޓުން ދައިމް ޒައިނުއްދީނުގެ އާއިލާގެ މިލްކުގައިވާ އިމާރާތެއްކަމަށްވާ ”އިލްހާމް ޓަވަރ“ މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ހިފައިފިއެވެ. 60
ބުރީގެ މި އިމާރާތް އަތުލުމަށް އަމުރު ނެރެފައިވަނީ ޑިސެންބަރު 18 ވަނަ ދުވަހުގައެވެ. އަދި މި އަމުރުވަނީ އެގައުމުގެ ނޫހެއްގައި އިޝްތިހާރެއްގެ ގޮތުގައި އިއްޔެ ޝާއިއުކޮށްފައެވެ.
އެމްއޭސީސީގެ ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަރ އަހްމަދު އަކްރަމް ޣާރިބް ސޮއިކޮށް ނެރުނު މިއަމުރަކީ ”އެމްއޭސީސީ އެކްޓް 2009“ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެރެފައިވާ އަމުރެކެވެ. އެގޮތުން، އެއަމުރު އެޑްރެސްކޮށްފައިވަނީ ލޭންޑްސް އެންޑް މައިންސް އޮފިސް އޮފް ދަ ފެޑެރަލް ޓެރިޓަރީސްގެ ޕްރޮޕަޓީ ރައިޓްސް ރެޖިސްޓްރާރަށެވެ.
މި އަމުރުގައި އެމްއޭސީސީ އެކްޓް 2009 ގެ 38 ވަނަ މާއްދާގެ (ބ) އާއި ހަވާލާދީ ބުނެފައިވަނީ، އެ އަމުރާއި ޚިލާފުވާ ނުވަތަ އެއަމުރާއި ދެކޮޅު އަމަލެއް ހިންގާ ކޮންމެ ފަރާތެއް ކުށްވެރިވާނެކަމަށާއި، 50،000 މެލޭޝިއާ ރިންގިޓަށްވުރެ މަދުނޫން އަދަދަކުން ޖޫރިމަނާކޮށް، ދެއަހަރުގެ މުއްދަތަކަށް ބަންދުވެސް ކުރާނެކަމަށެވެ.
އިލްހާމް ޓަވަރއަކީ މެލޭޝިއާގެ ކުއަލަ ލަމްޕޫރްގައި ހުންނަ ޕެޓްރޯނަސް ޓްވިން ޓަވަރުކައިރީގައި ހުންނަ އިމާރާތެކެވެ. މި އިމާރާތުގައި ހަތަރު ތަރީގެ ހޮޓަލެއް ހިންގާއިރު، އޮފީސްތަކާއި، ގެލެރީއެއްވެސް ހުރެއެވެ. ދައިމްގެ މާލީ އެޑްވައިޒަރުންނާއި ހަވާލާދީ ޗެނަލް ނިއުސް އޭޝިއާ (ސީއެންއޭ) ގެ ރިޕޯޓެއްގައި ލިޔެފައިވާގޮތުގައި އެމްއޭސީސީއިން ވަނީ އޭނާގެ މާލީ ބަޔާން ހިއްސާކުރުމަށް ނިމިދިޔަ މެއިމަހުގެ ތެރޭގައި ދައިމް އަށް އަންގާފައެވެ.
ނަމަވެސް އޭނާ މިކަމަށް އިންކާރުކުރިކަމަށާއި، އެމްއޭސީސީގެ އޮފިޝަލުން ތަހުގީގަށް ސުވާލުކުރުމުން، ރެނޮންގް-އީޔޫއެމް ޑީލްގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވާކަމަށް އެ ރިޕޯޓުގައިވެއެވެ. މި ވިޔަފާރި އެއްބަސްވުމުގެ ދަށުން އީޔޫއެމްއަށްވަނީ ރެނޮންގްގެ 33 އިންސައްތަ ހިއްސާ ކަށަވަރުކޮށްދީފައެވެ.
މިގޮތުން ދައިމް ބުނީ، އެއީ ދެކުންފުނީގެ ދެމެދުގައި ހިނގައިދިޔަ ވިޔަފާރި އެއްބަސްވުމެއްކަމަށާއި، އެދެކުންފުންޏަކީވެސް މުސްތަގިއްލު ބޯޑަކާއި މެނޭޖްމެންޓަކުން ހިންގާ ދެކުންފުނިކަމަށެވެ.
މެއި މަހު އެމްއޭސީސީއިން ”ޓާން ސްރީ“ ބޮޑު ވިޔަފާރިވެރިއަކާއި، ސަރުކާރުގެ އިސް ވަޒީރަކާއި ދެކޮޅަށް ތަހުގީގު ހުޅުވާލިކަން ޚަބަރުތަކުން ރިޕޯޓުކުރިއިރު، އެމީހުންގެ މައްޗަށް ކުރެވުނީ ދައުލަތުގެ ފައިސާގެ 2.3 ބިލިއަން މެލޭޝިއާ ރިންގިޓުގެ ޚިޔާނާތެއް ހިންގިކަމުގެ ތުހުމަތެވެ.
One Response
ތުން ދައިމްވެސް ދޯ؟ ހަމަ އެންމެންވެސް ހުރިހާދިމާލެއްގައިވެސް ރައްޔަތުންގެ ޓެކްސް ފައިސާ އިން ވަައްކަން ކޮށްގެން ދުނިޔެއަށް ނުފެތޭވަރުގެ
ވައްކަން ކުރަނިއްޔޭ ދޯ؟ ތިކަން ހުށްޓުވޭނެގޮތެއްވެސް ނެތެވެ. އެހެނީ ވެރިކަމަށް އަންނަންބޭނުންވާމީހާ ފައިސާފޮއްޗެއްދީފި ކޮންމެ މީހެއްގެ އަތުން ނަގަނީއެވެ. ދެން އެމީހާއަށް ވެރިކަން ލިބުނީމާ ދައުލަތުގެ ޔަޢުނީ ރައްޔަތުންގެ މުދަލުން ބައި އަޅަންވީއެވެ. ވީމާ ކަރަޕްޝަން ހުއްޓުވޭނެ ގޮތެއްނެތެވެ. ތައްޔަތުން ނިކުމެ އެމީހާ އަށް ގާބުރިއްއް އެއްލައިފިއްޔާ ތައްޔަތުމީހާ އަކީ ޓެރެރިސްޓަކަށް ހަދާ ހުރަގެއަށް އެއްލާލާނެއެވެ. ވީމާ މި ޙާލަތު ބަދަލުކުރާނެ ގޮތެއް ނުވިސްނެއެވެ!