ދުނިޔޭގެ ސަމާލުކަން: ފަލަސްތީނު ހަނގުރާމައަށް އީރާނުގެ އަމާޒު ނިއުކްލިއަރ ހަތިޔާރަށް

Loading

Facebook
Twitter
WhatsApp

އީރާނުގެ ބުޝައިރު ސަރަޙައްދުގެ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް 2019 ވަނައަހަރުން ފެށިގެން ޔުނައިޓެޑް ނޭޝަންސްގެ ހަކަތައާބެހޭ އޭޖެންސީގެ ފާރަވެރިންނަށް ނުވަދެވޭގޮތަށް ވަނީ ބަންދުކޮށްފައެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަދުވަހު ފަލަސްތީނުގެ ޙަމާސް މުޖާހިދުން އިސްރާއީލަށް ދިން ކުއްލި ޙަމަލާއަކީ މަޝްހޫރު ހޮލޯކާސްޓްގެ ފަހުން އިސްރާއީލަށް ކުރިމަތިލާންޖެހުނު އެންމެ ނުރައްކާތެރި ޙާލަތެވެ.

އީރާނުން ތަމްރީނުކޮށް އަދި ފައިސާގެ އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށް ހުޅަނުގެ ގައުމުތަކުން ތުޙުމަތު ކުރަމުންދާ ޙަމާސްގެ ޖަމާޢަތުގެ ޙަމަލާތަކާއިގުޅިގެން މުޅިދުނިޔޭގެ ސަމާލުކަން އެ ހަނގުރާމައަށް ދަމާގެންފައިވާ އިރު ފުރުސަތުގެ ބޭނުން ކޮށްގެން އީރާނުން ގެންދަނީ އެގަމުގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަޝްރޫޢު އެންމެ މަތީ ގިއަރުގައި ކުރިއަށް ގެންދިއުމަށެވެ.          

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އީރާނުން ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ރައީސް ބައިޑްން ސަރުކާރުގެ އޭރުގެ ދިފާއީ ސިޔާސަތާބެހޭ އަންޑަރ ސެކްރެޓަރީ ކޮލިން ކާލް ވަނީ ބުނެފައެވެ. އެމެރިކާއިން އީރާނާބެހޭގޮތުން ތެދެއްނުހަދާނެކަން ދެނެތިބި ބައެއް އެހެން ގައުމުތަކުންވެސް އީރާނުގެ ނިއުކުލިއަރ ހަތިޔާރު އެއީ ޙަގީގަތެއްކަމަށް ބުނެފައިވެއެވެ.

ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ އީރާނަކީ މެދުއިރުމަތީގައ އިސްރާއީލަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި އެމެރިކާއާއި ބައިވެރިންނަށް ގަބޫލުކުރެވުނަސް މިވަގުތު އެމެރިކާއާއި ބައިވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިސްރާއީލާއި ގައްޒާގެ ހަނގުރާމައެވެ.

އެހެން ގޮތަކަށް ބުނާނަމަ އިސްރާއީލުގެ ދިފާޢީ ބާރުތަކުން ޙަމާސް އާއި ހިޒްބުއްލާ އާއި އަދި އެހެނިހެން މުޖާހިދު ޖަމާޢަތްތައް ވުޖޫދުން ނެތިކޮށްލުމަށް ކުރަމުންގެންދާ މަސައްކަތުގައި ވާގިވެރިވެ ދިނުމެވެ. އަދި އެމެރިކާއިން ދެކޭގޮތުގައި އިޒްރާޢީލުން ބާރުއެޅިނަމަވެސް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ފަހަތުން ދުވަން އަދި ލަހެއް ނުވެއެވެ.

އޮކްޓޯބަރ 7 އާ ހަމަށްވެސް އީރާނުގެ ނިއުކްލިއަރ މަޝްރޫއު އޮތީ އެމެރިކާއިން ބޭނުންވާގޮތަކަށް ޙާލަތު ބަދަލުކުރެވިދާނެ ގޮތެއްގައޭ ބުނެވިދާނެއެވެ. ޖާރެދް ކުޝްނަރގެ މާސްޓަރ ޕްލޭންގެ ދަށުން ސަޢޫދީ އެރޭބިޔާއާއި އިސްރާއީލުގެ ސިޔާސީ ގުޅުން އޮތީ އެމެރިކާއިން ބޭނުންވާގޮތަށް ބައްޓަންކުރެވި ސިއްކަ ޖެހުމާ ހަމައިގައެވެ.

ޙަމާސް އިން އިސްރާއީލުގެ އެތެރެއަށް ކުއްލިއަކަށް ވަދެގަތުމުންކަމުގައި ބުނެ ފެށިގެން މިއުޅޭ ފަލަސްތީނުގެ  ނަސްލު ނައަތާލުމަށް ޒައަނިސްޓުން ފަށައިގެން ގެންދާ ފަނާކުރުންތައް މިއީ ސަޢޫދީ އިޒްރާޢީލުގެ އެއްބަސްވުން ސިއްކަ ޖެހުން ލަސްވެގެންދާ މައިގަނޑު ސަބަބުކަމުގައި ބެލެވިދާނެއެވެ.

ސަޢޫދީ އެރޭބިޔާއާއި އިސްރާއީލުގެ ގުޅުމަކީ އީރާނުގެ ލީޑަރޝިޕަށް އުފުލޭ ވަރުގެ ކަމަކަށް ނުވާނެއެވެ. މިގޮތަށް މެދުއިރުމަތީގެ ވެށި ބަދަލުކޮށްލުމުން މިވަގުތަށް އެމެރިކާއިން އީރާނާދޭތެރޭ ގެންގުޅޭ ވިސްނުން ވަގުތީ ގޮތުންނަމަވެސް އެހެންދިމާލަކަށް ބަދަލު ވެގެންދާނެކަމަށް އީރާނުގެ ލީޑަރޝިޕުން ގަބޫލު ކުރާނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް އިސްރާއީލްގެ ބާރު ކަނޑުވާލުމަށްފަހު މެދު އިރުމަތީގައި ގަދަ ބާރަކީ އީރާން ކަމަށް ވުމުގެ ފުރުސަތު އެމެރިކާއިންނުދޭނެއެވެ.

އިސްރާއީލުންވެސް ގަބޫލުކުރާ ގޮތުގައި ގަލްފުގެ ގައުމުތަކުގެ ރައްޔިތުންގެ ނުރުހުން އިސްރާއީލަށް އަމާޒުވެފައިވަނީ މިއަދަކު ނޫނެވެ. އެއީ ފާޅުކަން ބޮޑު ޙަގީގަތެކެވެ. އަމުދުން މިދުވަސްވަރު ކުރެވެމުންދާ ހަނގުރާމައިގެ ޚަބަރުތައް ފެތުރެމުންދާ އިރު ގަލްފު ގައުމުތަކުގެ ރައްޔިތުންގެ ޝުއޫރުތަކަށް ފައިން އަރާފައި އެގައުމުތަކުގެ ވެރިންނަށް އިސްރާއީލާއެކު ސުލްޙަގާއިމު ކުރުން ފަސޭހަކަމަކަށް ނުވާނެއެވެ. އެކަމަކު މުސްތަގްބަލްގައި އެއީ ވާނެ ކަމެކެވެ. އީރާނުގެ ވެރިންނަށް މިކަން އަންދާޒާ ނުކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އީރާނުގެ ވިސްނުމަކީ އިސްރާއީލު މެދު އިރުމަތިން ފައްސާލުމެވެ.

ފާއިތުވެގެން މިދާ އަހަރުތަކުގައި އީރާނުން ޔުރޭނިއަމް ފައްކާކުރަމުން ގެންދިޔަ މިންވަރު މިއަދު އެއޮތީ ޔުނައިޓެޑް ނޭޝަންސްގެ ރާޑަރަށް އަރާފައެވެ. ހަމައެކަނި 1 ދުވަހުގެ ތެރޭގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަންމިހާރު ލިބިފައިވާކަން އެއީ ޙަގީގަތެކެވެ.

ބައިނަލް އަގްވާމީގޮތުން ހަކަތައަށް ފާރަލުން ޙަވާލުކޮށްފައިވާ އޭޖެންސީ އައި. އޭ. އީ. އޭ. އަށްވެސް މިކަން ރަނގަޅަށް އެނގެއެވެ. ނިއުކްލިއަރ ހަތިޔާރު އުފައްދަން ޔޫރޭނިއަމް ފައްކާކުރަން ބޭނުންވާ %90 ގެތެރެއިން މިހާރުވެސް އީރާނުގައި %84 އަށް ވަނީ ތައްޔާރު ކޮށްފައެވެ. އަދި އީރާނުން ބެލިސްޓިކް މިސައިލް އުފެއްދުން މަނާކުރި ޔުނައިޓެޑް ނޭޝަންސްގެ ގަރާރު މުއްދަތު ހަމަ ވީއިރުވެސް އެއްވެސް ގައުމަކުން އަޅައެއް ނުލިއެވެ.

އެހެން އިބާރާތަކުން ބުނާނަމަ އިސްރާއީލުގެ ޓެލް އަވީވާއި ހައިފާއަށާއި އަދި ޔޫރަޕްގެ ބައެއް ގައުމުތަކަށް ސީދާ ޙަމަލާދެވޭވަރަށް އީރާނުގެ ބެލިސްޓިކް މިސައިލްތައް ވަނީ ތައްޔާރުކުރެވި ޓެސްޓްވެސް ކޮށްފައެވެ. މިއަކީ އީރާނުގެ ޢަދުއްވުންނަށް މިހާރަކު ސިއްރެއްވެސް  ނޫނެވެ. އިސްލާމީ ދުނިޔޭގައި، އީރާނު ފިޔަވާ އަމިއްލަ އުފެއްދުން ބޭނުންކޮށްގެން ދުޝްމަނުންނާއި ހަނގުރާމައެއް ކޮށްލެވޭނެ އެހެން ގައުމެއްނެތޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. އީރާނުން ބުނާގޮތުގައި ދުޝްމަނުން އީރާނަށް ސިދާ ޙަމަލައެއްދީފިނަމަ މެދުއިރުމަތީގެ ޗާޓް ބަދަލުވެގެން  ދާނެއެއެވެ.

އީރާނުން ދެމުންގެންދާ ނިއުކްލިއަރ އިންޒާރުތަކުގެ ބިރުވެރިކަން އެނގޭއިރު އީރާނުގައި ނިއުކްލިއަރ ހަތިޔާރު އުފައްދާފައި ހުރުމުން ދުނިޔޭގައިތިބި އީރާނުގެ ދުޝްމަނުން އިޙްސާސް ކުރަން ޖެހޭނެ ބިރުވެރިކަމާ މިއަދު މިއޮތީ ޙަގީގަތުގައިވެސް ކުރިމަތިލާން ޖެހިފައެވެ.

އިސްރާއީލުން ގައްޒާ ހިސާރުކުރުން ދިގުދެމިގެން ދާނަމަ ނުވަތަ ޙިޒްބުއްލާޖަމާޢަތުގެ ޙަމަލާތަކުގެ ސަބަބުން އިސްރާއީލުން ލެބަނަން ޙަމަލާދީ އާ ހަނގުރާމައެއް ފެށިއްޖެނަމަ އީރާނުން އެމީހުންގެ ކުލަވަރު ދައްކާލާނެ ކަމާއިމެދަކު ޝައްކެއްނެތެއެވެ. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރުވެސް ފެންނަމުންދަނީ އިރާގުގައި ތިބި އެމެރިކާގެ ސިފައިންނަށް އީރާނުގެ މަދަދު ލިބެމުންދާ ޖަމާޢަތްތަކުގެ ހަމަލާތައް އަމާޒުވުމުންވެސް އެމެރިކާއިން ރައްދު ދެމުންގެންދަނީ އީރާނު ރަތަށްނާރާވަރު ބަލައިގެންނޭ ބުނުން އެއީ އެންމެ ރަނގަޅުގޮތެވެ.

އެމެރިކާއާއި އިސްރާއީލުން ގެންދަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓުވަން ބައިނަލް އަގްވާމީ ހުރިހާ ޕްލެޓްފޯމެއްގައި ގޮވަމުންނެވެ. އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ބޮޑެތި ގެއްލުން ދެވިނާއެވެ. އެކަމަކު އެއީ ޙަގީގަތަކަށް ވެދާނެ ބާވައެވެ. ޙަނގުރާމައިގެ ބައެއް މާހިރުން ދެކޭގޮތުގައި އެކަންވާނީ ކުޅަދުރު ހަތަޔަކަށް އޮށްގާއުން ކަމުގައެވެ. ނަތީޖާ ވަރަށް ހިތިވާނެކަމަށެވެ.

މިހާތަނަށް ފެންނަމުންދާ މަންޒަރ ުތަކަށް ބަލާއިރު މި ހިނަގަމުންދާ ފަލަސްތީނު އިޒްރާޢީލުގެ ހަނގުރާމަ ފުޅާވެގެން ހިނގައިދާނެތީ އީރާނުން ރުޅިގަދަވެދާނޭ ފަދަ އެއްވެސް ކަމެއް ކުރާކަށް އެމެރިކާއިން ބޭނުމެއް ނުވާކަހަލައެވެ. އަދި ހަމައެއާއެކު އީރާނުގެ މަދަދު ލިބޭ ޖަމާޢަތްތަކުގެ ފަރާތުން އެމެރިކާގެ ވަސީލަތްތަކާއި ސިފައިންނަށް ދެމުންގެންދާ ޙަމަލާތަކަށް ވަގުތުން ރައްދު ނުދޭ ސަބަބަކީވެސް މިއީ ކަމުގައި ބެލެވިދާނެއެވެ.

އީރާނުގެ ލީޑަރޝިޕުން ދެމުންގެންދާ ނިއުކްލިއަރ އިންޒާރުތަކަކީ އަޅާނުލާދޫކޮށް ނުލެވޭނެ އިންޒާރު ތަކެއްކަމުގައި ދުޝްމަނުން ބުނެއެވެ. ހަމަ އެއާއެކު އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއަރ މަޝްރޫއަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެއޭ ކިތަންމެވަރަކަށް ގޮވިޔަސް ސިޔާސީގޮތުން އެ މަޝްރޫޢު ދެން ހުއްޓުވިދާނެތޯ ސުވާލު އުފެދެއެވެ.

ޙަގީގަތަށް ބުރަވެހުރެ ބުނާނަމަ އީރާނުގައި ނިއުކްލިއަރ ބޮން އުފެއްދޭ ވަރަށް ޔުރޭނިއަމް ފައްކާ ކުރެވިފައި ހުރިނަމަވެސް  އެ ޕްރޮގްރާމް ހުއްޓުވާލެވިދާނެއެވެ. އެކަމަކު އެމެރިކާއަށް ވެސް މިއީ ފަސޭހަކަމަކަށް ނުވާނެއެވެ. އެމެރިކާއިން އެންމެ ފުރަތަމަ އަޅަން ޖެހޭނެ ފިޔަވަޅަކީ އެއްވެސް މިންވަރަކަށް އީރާނުގެ ތެލާއި ގޭސް އެކްސްޕޯރޓް ކުރުމުގެ މަގު ބަންދުކުރުމެވެ. 

މިއީވެސް ނުކުރެވޭނެ ކަމެކޭވެސް ބުނެވިދާނެއެވެ. ހަމަ އެއާއެކު އައި. އޭ އީ. އޭ. އިން އީރާނުގެ ނިއުކްލިއަރ މަޝްރޫއަށް ފާރަލުން މިހާރަށްވުރެން ހަރުދާނާކުރަން އެމެރިކާއިން ފިޔަވަޅު އެޅުން ވަރަށް ބޭނުމެވެ. މިއީވެސް މިއޮއްހުރިހާދުވެހުވެސް ނުކުރެވިފައި އޮތް ކަމެކެވެ.    

މިދިޔަ ސެޕްޓެމްބަރ 4 ވަނަދުވަހު އައި. އޭ. އީ. އޭ. އިން ނެރެފައިވާ ރިޕޯރޓުން ފާހަގަކޮށްފައިވާ ގޮތުގައި ބޮޑެތި ގައުމުތަކާއެކު ވެވިފައިވާ ނިއުކްލިއަރ އެއްބަސްވުމާއި ގުޅިގެން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ފާރަލަން ބަހައްޓާފައިވާ އާލާތްތައް ނެގުމަށް އީރާނުން އެންގުމުން ސުލްޙަވެރި ގޮތެއްގައި ދެން މިކަން ޙައްލުނުކުރޭވެކަން ގަބޫލުކުރަން އެބަޖެހެއެވެ.                                      

ދެން ބަލާލަން ޖެހެނީ އީރާނާއެކު އެއްބަސްވެވުނު ނިއުކްލިއަރ އެއްބަސްވުމުގެ އެއް މޭސްތިރިއަކު ކަމުގައިވާ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯންކެރި 2016 ވަނައަހަރު ދުނިޔޭގެ ކަންކޮޅު ތަކުގައި އެމެރިކާއިން ހިފާއްޓާފައިހުރި އީރާނުގެ ފައިސާގެ ތެރެއިން 150 ބިލިއަން އެމެރިކާ ޑޮލަރު އަނބުރާ އީރާނަށް ދިނުމުން އީރާނުގެ ނިއުކްލިއަރ މަޝްރޫއުގެ ބިރުކެނޑި ދުނިޔެއަކީ އަމާންތަނަކަށް ވެދާނެކަމުގެ އިޙްސާސްތައް ކުރެވެން ފަށާނެކަމަށް ވިދާޅުވެފައިވާ ވިދާޅުވުމެވެ.

އެހެންގޮތަކަށް ބުނާނަމަ އީރާނުވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ ސަފަށް ގެނައުން ބުއްދިވެރިކަމަށް ކުރެއްވި އިޝާރާތެވެ. އެކަމަކު އެއީ ފެންދީފާ ކަތިލުންކަމަށް ދިވެހިންބުނެއުޅޭ ފަލްސަފާއެވެ. އޮޅުކޮށްގެން ކައިރިކޮށްފާ ދެން ކަތިލުމެވެ. އީރާނުން މިފަދަ ނިންމުންތަކަށް މާ ބޯހަރެވެ.                      

އެމެރިކާގެ ސިޔާސަތުގެ ބަދަލުނުވާނެ ފަލްސަފާއަކީ އިސްރާއީލަށް ބޭނުންވާ ހުރިހާ އެހީ އަކާއި ރައްކާތެރި ކަމެއް ފޯރުކޮށްދެމުން ގެންދިއުމާއި އެކުވެސް އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދައި އަދި އީރާނަކީ މެދުއިރުމަތީގައި ގޮތްކިޔޭ ފެންވަރެއްގައި އޮތް ގައުމަކަށް ވެގެން ނުދިއުމެވެ.

މިހާރު ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ ޚަބަރުތަކުންވެސް ހާމަވެގެންދާ ޙަގީގަތަކީ މެދުއިރުމަތީގައި އިސްރާއީލާ ދެކޮޅަށް ޙަރަކާތްތެރިވަމުން ގެންދާ ޖަމާޢަތްތަކާ ދިމާކުރުމަކީ ކިތަންމެ ބާރުގަދަ ގައުމަކަށްވެސް ފަސޭހަކަމަކަށް ނުވާކަމެވެ. 

އެ ޖަމާޢަތް ތަކުން ހަނގުރާމަ ކުރަމުން ގެންދާގޮތް މުޅިން ތަފާތުވެފައި އެކިދިމަދިމާލުން އެއްފަހަރާ ޙަމަލާތައް އަމާޒުވެދާނެކަމުގެ ބިރު އޮތީމައެވެ. އަދި ބޭނުންވާ ހަތިޔާރާއި މަދަދު އީރާނުން ފައުޅުގައި ދެމުންގެންދާތީއެވެ.               

Loading

2 Responses

  1. އީރާން ހަލާކުކޮށްލަން މިހާރުވެސް ގިނަ މަސައްކަތްތަކެއް ހުޅަނގުން ކުރަމުން ގެންދާކަން އެއީ ފާޅުކަންބޮޑު ހަގީގަޔެކެވެ. މިހާތަނަށްވެސް އެމީހުންނަށް ކާމިޔާބު ނުކުރެވި އޮތީ އީރާނުގެ ރައްޔިތުންގެ ކިބައިގާ އޮތް ޒަމާންވީ ގައުމިއްޔަތުގެ ސަބަބުންނެވެ.. ސިޔާސީ ފިކުރުގައި ކިތަންމެވަރަކަށް ތަފާތު ވިޔަސް ގައުމިއްޔަތުގައި އީރާނުގެ ރައްޔިތުންނަކީ އެއް ބައެކެވެ. އެމީހުންގެ މެދުގައި އަޅުގަނޑު ހޭދަކުރި މަދު ދުވަސްކޮޅުގައި އެކަން އޮތީ ވަރަށް ރަނގަޅަށް އެނގިފައެވެ.

  2. އިރާނަށް އެއްވެސް ބަޔަކަ ނުކުޅެވިގެން އުޅޭސަބަބަކީ އިރާނުގައި ތިބީމުޅިން ވެސްޝިއީންނަވުން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް