އެޓޮމިކް އޭޖެންސީގެ އިންސްޕެކްޓަރުންގެ ކުރިމައްޗަށް ވަރުގަދަ ފާރެއް

Loading

Facebook
Twitter
WhatsApp


އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ބަލާ ފާސްކުރަން ހަވާލުކޮށްފައިވާ ޔުނައިޓެޑް ނޭޝަންންސްގެ އެޓޮމިކް އެނަރޖީ އޭޖެންސީގެ އިންސްޕެކްޓަރުންގެ ކުރިމައްޗަށް ވަރުގަދަ ފާރެއް ހުރަސްކުރުމަށްފަހު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިޔަށް ގެންގޮސް އެންމެ މަދުވެގެން 3 ނިއުކްލިއަރ ބޮން އުފެއްދޭވަރަށް ޔުރޭނިއަމް ފައްކާ ކޮށްފިކަމަށް އެޓޮމިކް އެނަރޖީ އޭޖެންސީގެ ރިޕޯރޓުގައި ފާހަގަ ކޮށްފައިވާކަމަށް ވިއެނާއިން ޚަބަރުދީފިއެވެ.

ރޮއިޓާރސް އިން ބުނިގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގައި ފަހަތަށް ދިއުމަށް ހުޅަނގުގެ ގައުމުތަކާއި އެޓޮމިކް އެނަރޖީ އޭޖެންސީން ތަކްރާރުކޮށްއަންގަމުން ދާއިރުވެސް އެއަޑު ނީވޭކަމަށް ހަދާފައި އެ ޕްރޮގްރާމައިގެން ކުރިއަށްގޮސް ނިއުކްލިއަރ ބޮން އުފެއްދޭ މިންވަރަށް ތަރައްގީކުރުމުން ހުޅަނގުގެ ގައުމުތަކަށް ބޮޑުވެގެންވާ ބޮލު ރިހުމަކަށް ވަނީވެފައެވެ. 

އެޓޮމިކް އެނަރޖީ އޭޖެންސީގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ގޮތުން އެޓޮމިކް ބޮން ހެދޭ ވަރަށް ޔުރޭނިއަމް ފައްކާ ކުރުމަށް ފަހުވެސް އެފަދަ ހަތިޔާރު  އުފައްދަން ބޭނުންނުވާ އަދި މިހާތަނަށް އުފައްދާފައިވެސް ނުވާ ހަމައެކަނި ގައުމަކީ އިރާނެވެ.

އީރާނުގައި ތަންކޮޅެއް ބާރުދަށް ގިނަ އަދަދެއްގެ ނިއުކްލިއަރ ބޮން އުފެއްދިދާނެ މިންވަރަށް ޔުރޭނިއަމް ފައްކާ ކޮށްފައި ހުރިކަމަށްވެސް އެޓޮމިކް އެނަރޖީއޭޖެންސީ ރިޕޯރޓުގައި ފާހަގަކޮށްފައިވެއެވެ. 

އެމެރިކާއާއެކު އީރާނުން ދައްކަމުން ގެންދާ ވާހަކަ ތަކާއި ރަހީނުން ބަދަލުކުރުމާއި ހިފާއްޓާފައި ހުރި ބައެއް ފައިސާ ދޫކުރުމާއި މިބާވަތުގެ އެތައް ކަމަކާގުޅިގެން މި ދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ޔުރޭނިއަމް ފައްކާކުރުމުގެ ދުވެލި ވަނީ އީރާނުން ތަންކޮޅެއް މަޑުކޮށްލާފައެވެ. 

އެމެރިކާގައި ކުރީގެ ރައީސް ޑޮލާންޑް ޓްރަމްޕަށް ތާއީދު ކުރާ ބައެއް މީޑިއާތަކުން ތުޙްމަތު ކޮށްފައިވަނީ އީރާނުގެ ކުރިމަތީގައި އެމެރިކާގެ ބޯ ގުދުކުރުވަނީ ކުރީގެ ރައީސް ބަރަކު އޮބާމާ ގެންގުޅުއްވާ ޓެރަރިސްޓުން ނަށް މަގުފަހިކޮށްދިނުމުގެ ވިސްނުންފުޅުގެ ދަށުންކަމަށެވެ. 

ބައެއް މީޑިއާތަކުން ބުނެފައިވަނީ މިހާރުގެ ރައީސް ބައިޑަންގެ ފަހަތްޕުޅުގައި ހުންނަވައިގެން ހުރިހާ ނުބައެއް ހެދުމުގެ މޭސްތިރިއަކީ ބަރަކް އޮބާމާއެވެ. އެބޭފުޅާގެ ރިޔާސަތުގައި ޕެންޓަގަން އަށްވެސް ޙަގީގަތް ހާމަކުރެއްވުމަކާ ނުލައި ބައެއްތަންތަނަށް ތަފާތު ވައްތަރުގެ ހަތިޔާރު ގެންގޮސް ބަހައްޓާފައި އަންނަން އަންގަވާފައިވާ ކަމަށާއި އެކަމާމެދު ސުވާލު ދެންނެވުމުން ލިބިގެންދިޔަ ޖަވާބަކީ “ އަމުރުކުރެވުނު ކަންތައް ކުރެވުނީމާ ކަލޭމެންގެ މަސްއޫލިއްޔަތު ނިމުނީ ކަމަށާއި ސުވާލުކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ“.                                      

އެޓޮމިކް އެނަރޖީ އޭޖެންސީގެ ރިޕޯރތުގައި ފާހަގަ ކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޔުރޭނިއަމް އުފަންދަން އީރާނުން ބޭނުންކުރަމުން ގެންދާ ސެންޓްރިފިޖްގެ ޙަރަކާތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި ބަދަލުވެ އިތުރުވެގެން ދިޔައީ ހަމައެކަނި އެޓޮމިކް އެނަރޖީ އޭޖެންސީގެ އިންސްޕެކަޓަރުން ނަށް އިތުރު ބޮލުރިހުމެކެވެ.            

އެޓޮމިކް އޭޖެންސީގެ ދެވަނަ ރިޕޯރޓުގައި ބުނެފައިވަނީ އެ އޭޖެންސީގެ އިންސްޕެކްޓަރުންނަށް އެއްބާރުލުން ދިނުންއެދި އެ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފައިލް ގްރޮއްސީ ފޮނުއްވި ސިޓީއަށްވެސް އީރާނުން ދީފައިވަނީ ތިޔަކަމާ އެބަ ވިސްނަމޭ ބުނެ ވަރަށް ފިނި ޖަވާބެއް ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ދެފުށް ފެންނަގޮތަކަށް ކުރިޔަށް ގެންދިއުމަށް އަމުރުކޮށް ޔުނައިޓެޑް ނޭޝަންސްގެ ކަމާބެހޭ ގުޅުން ހުރި 35 ގައުމުން ފާސްކޮށްފައިވާ ގަރާރަށްވެސް އީރާނުން ޙުރުމަތްތެރިކޮށް ނުހިތާކަމަށެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އީރާނަށް ބިރުދެއްކުމުގެ އިތުރު ގަރާރެއް ފާސްކުރުމުގެ ވިސްނުން ހާމަކުރަމުން ގެންދިޔަނަމަވެސް ސިޔާސީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ދެން އެކަމެއް ނުކުރެވޭނެއެވެ. އަދި މިއަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޓޮމިކް އެނަރޖީ އޭޖެންސީގެ ބައްދަލުމުގައި އީރާނުގެ މައްސަލައާއި ދޭތެރޭ ވާހަކަދައްކަން ތާވަލް ކުރެވިފައި އޮތްނަމަވެސް އެވާހަކަތަކުގައި ހަރުދަނާ ކުލައެއް ޖުހުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އެބޭފުޅުންނަށްވެސް އެނގިވަޑައި ގަންނަވާ ކަމަށް ބުނެފައިވެއެވެ.                  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް