ޑިމޮކްރެޓްސްގެ ރައީސަކަށް ހޮވުނީ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކަމަށް އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު ބާއްވާފައި ވަނީ އިއްޔެއެވެ. މި އިންތިޚާބުގައި އެޕާޓީގެ 5،888 މެންބަރުންގެ ތެރެއިން 3،209 މީހަކު ވޯޓުލާފައިވާ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
ޕާޓީގެ ރައީސް ކަމަށް ހަސަންއާ ވާދަކުރެއްވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓު އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާދައްކާ ގޮތުން ހަސަން ލަތީފަށް 1804 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމްރުއަށް ލިބިވަޑައިގަތީ 1300 ވޯޓެވެ. ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ޖުމްލަ 35 މަޤާމަށް މެންބަރުން އިންތިހާބުކުރިއިރު މިރޭ އިއުލާނުކޮށްފައި ވަނީ ބައެއް ނަތީޖާތަކެވެ.