ފުލެޓުތަކާމެދު ޢަމަލު ކުރާނެ ގޮތެއް އޭސީސީއިން 20 ދުވަސްތެރޭ އަންގަނީ

Loading

Facebook
Twitter
WhatsApp

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފުލެޓްތަކާމެދު އަމަލުކުރާނެ ގޮތެއް 20 ދުވަހުގެ ތެރޭގައި އަންގާނެކަމަށް އެންޓި ކޮރަޕްޝަން (އޭސީސީ) އާއި ހަވާލާދީ ހައުސިން މިނިސްޓަރު ޢަލީ ޙައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން އިޢުލާން ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓްތަކަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. ނަމަވެސް އޭގެތެރެއިން ފުލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭފުލެޓްތައް ވެސް ވަނީ ކަނޑައަޅާފައެވެ. މިކަން ކުރިގޮތާމެދު ހިތްހަމަނުޖެހިގެން 7،000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވަނިކޮށް ފުލެޓް ދޫކުރުމުގެ ކަންކަން ހުއްޓާލުމަށް އެސީސީ އިން ވަނީ އަންގާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ހައިދަރު ވިދާޅުވީ އޭސީސީގެ ތަޙުގީގުގެ ފުރަތަމަ މަރުޙަލާއަށް 20 ދުވަސް ހޭދަވާނެ ކަމަށް އަންގާފައި ވާކަމަށެވެ. ނަމަވެސް އެ ތަޙުގީގުގެ ތެރެއިން ޖިނާޢީ ތަޙުގީގެއް ހިންގަން ޖެހިއްޖެނަމަ އެއަށްވުރެ ގިނަދުވަސް ވެދާނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފައެވެ.

ހައިދަރު ވިދާޅުވީ މި ސަރުކާރުން ވެރިލަމާ ޙަވާލުވިއިރު އެ މަސައްކަތް ހުއްޓުވަން އޭސީސީއިން އަންގާފައިވާތީ އެކާމެދު ކަންބޮޑުވުން ފާޅުކޮށްފައި ވާނެކަމަށާއި އެކަން އަލުން ފެށޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

“އަޅުގަޑުމެންގެ އަތްބަނދެވިފައި މިއޮތީ އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރު އޭސީސީއިން އެކަން ހުއްޓުވާފައި އޮތީމާ“

އޭސީސީގެ ތަޙުގީގަށް ބޭނުންވާތީ ފުލެޓް ޕޯޓަލްގެ ހުރިހާ ފޯމުތަކާއި ލިޔެކިއުންތަކެއް ފެންނަގޮތަށް އޭސީސީއަށް އެކްސެސް ދީފައިވާނެ ކަމަށާއި އުނިއިތުރު ނުގެނެވޭ ގޮތަށް އެކަން ހަމަޖައްސައި ދީފައިވާނެ ކަމަށް ވިދާޅުވިއެވެ. ވިދާޅުވީ ޢަމަލުކުރާނެ ވަކޮގޮތެއް އެނގޭނީ އޭސީސީގެ ތަޙުގީގު ނިމުން ކަމަށެވެ.

އެއްވެސް ބައެއްގެ ފުލެޓް އަތުލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އޭސީސީއިން އަންގާ ގޮތަކަށް ޢަމަލު ކުރާނޭ ކަމަށާއި ޝަރުތުހަމަވޭތޯ ނުވަތަނޫންތޯ ބައްލަވާނީ އޭގެ ފަހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ކޮމެޓީގައި އެމްޑީޕީގެ ގިނަމެންބަރުން ވަނީ ފުލެޓް ދޫކުރުން ހުއްޓާލުމަށް އެންގުމުގެ ބާރު ނުލިބޭ ކަމަށާއި އެކަން ކޮށްފައިވަނީ ގާނޫނާޚިލާފަށް ކަމަށް ސިފަކޮށްފައެވެ. އަދި އެކަމަށް ހައުސިންގ މިނިސްޓްރިއިން އެއްބާރުލުންދޭތީ ސުވާލު އުފައްދައިފައެވެ. އެ ސުވާލުތަކަށް ތަކުރާރުކޮށް ޖަވާބު ދެއްވަމުން ހައިދަރު ވިދަޅުވީ އޭސީސީއިން އެކަން ނިންމާފައިއޮތީ މިދިޔަ ސަރުކާރުގައި ކަމަށާއި އެކަމާމެދު ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

ފުރަތަމަ 4،000 ފުލެޓްލިބޭ މީހުން ކަނޑައެޅުމުން އެކަން ހުއްޓާލުމަށް އޭސީސީއިން އެންގި ފަހުން ވެސް ކުރީ ސަރުކާރުން ވަނީ އެކަން ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުންވަނީ އެކަން ހުއްޓުުވިކަން އިޢުލާނު ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް