ފަލަސްތީނުގެ ބިންތައް ފޭރިގަނެ ކޮންމުދުވަހަކު ހިންގަމުންދާ ގަތުލުއާންމު-1

Loading

Facebook
Twitter
WhatsApp


އަޅުގަނޑު ދުނިޔެއަށް އުފަންވެ ވާނުވާ އެނގޭ އުމުރަށް އައިއިރުވެސް ޔަހޫދީން ފަލަސްތީނުގެ ބިންތަކަށް ވެރިވެގެނެ ފަލަސްތީނުގެ ރައްޔިތުން މަރަމުން ހިތުހުރިގޮތެއް ހަދަމުން ގެންދާ ވާހަކަ އަޑުއަހަމެވެ. 

އޭރު އެކަންތައް ހިނގާގޮތަކާއި ފެންވަރެއް ނޭގެއެވެ. އެނގޭނެ ގޮތެއްވެސް ނެތެވެ. އެކަމަކު އުމުރުގެ ދުވަސްތައް ފާއިތުވެގެންދިޔަ ވަރަކަށް ފަލަސްތީނުގެ ރައްޔިތުންނަށް މެދުވެރިވެފައިވާ ނިކަމެތި ޙާލަތު ވިސްނެން ފަށައިފިއެވެ.           

1973 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 6 ން އެ މަހުގެ 25 ށް ހިނގާދިޔަ ޔޮމް ކިއްޕޫރުގެ ހަނގުރާމަ  ނުވަތަ ރަމަޒާން ހަނގުރާމައިގެ ކުޑަތަންކޮޅެއް ނަމަވެސް ވަރަށް ކައިރިން ފެނުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. 

އެ ހަނގުރާމަ ހުއްޓާލުމުގެ ހަފްތާއެއްހާދުވަސް ކުރިން އަޅުގަނޑު މަސައްކަތްކުރަމުން ދިޔަ ދިވެހިންގެ މޯލްޑިވް ވިކްޓްރީއަށް އިސްރާއީލުގެ ސިފައިން އެރީ ސްޓްރެއިޓް އޮފް ތިރާންގެ ފަންސާހަކަށް މޭލު ކައިރިންނެވެ. ސްޓްރެއިޓް އޮފް ތިރާނަކީ ގަލްފު އޮފް އަގަބާއަށް ވަދެނިކުމެ ވެވެން އޮންނަ ވަރަށް ހަނި އަދި ހަމައެކަނި ކަނޑުއޮޅިއެވެ. 

ޔަހޫދީ ސިފައިން ބޯޓު ހުއްޓުވުމަށްފަހު ބޯޓަށް އަރައި ފަލްކާތަކުގައި ހުރި މުދަލާ އެމުދާ ގެންދެވޭ ތަނަކާއި މެނިފެސްޓްތަކާއި އެއްޗެހި ބަލާ ޗެކްކުރަމުން ސުވާލުކުރަމުން ގެންދިޔައިރު ބޯޓުގެ ކެޕްޓަނުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން ޖަވާބުދޭން ޖެހުނީވެސް އަޅުގަނޑަށެވެ. 

ކެޕްޓަނަށްވުރެން ތަންކޮޅެއް ރަނގަޅަށް އިނގިރޭސިބަހުން ދައްކާ ވާހަކަ އަޅުގަނޑަށް ފަހުމް ކުރެވޭތީއެވެ. ދެތިން ގަޑިއިރު ވަންދެން ބަލާއި ޗެކް ކުރުމަށްފަހު ސިފައިންގެ އުޅަނދު މޯލްޑިވް ވިކްޓްރީގެ ފަހަތުގައި އޮވެގެން އަޅުގަނޑުމެންގެ މަންޒިލް ޖޯރޑްންގެ އަގަބާ ބަނދަރަށް ދިއުމަށް ދޫކޮށްލައިފިއެވެ. 

އެ ހަނގުރާމައިގާ ގިނައަދަދެއްގެ ބޯޓުފަހަރު ސުއޭސް ކެނަލުގެ ތެރެއަށްވެސް ފައްތާލާފައި ހުރުމުގެ ސަބަބުން މިސްރަށް ލިބެމުންދިޔަ އާމްދަނީ ބޮޑު ބައެއް ގެއްލި ދުނިޔޭގަ މާރކެޓްގައި ތަކެތީ އަގުތައް އުފުލިގެން ދިޔައެވެ. ސަބަބަކީ ހުޅަނގުން އިރުމައްޗަށް ދަތުރުކުރުމުގައި ބޭނުން ކުރަމުން އައި މަގުކުރުކޮށްލުމުގެ ދޮރު ބަންދު ވެފާއޮތުމެވެ.

ސުއޭސްކެނަލް ސާފުކުރުމަށްފަހު ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލެވުނު ހަފްލާ އޮތީ 1975 ގެ ޖޫން މަހުގެ ކުރީކޮޅުގައެވެ. އެ މުނާސަބަތުގައި ފުރަތަމަ ދަތުރުކުރަން ރޭވިފައިއޮތީ މިސްރާއި އީރާނުގެ މަނަވަރުތަކުންނެވެ. އިއްތިފާގުން މިފަހަރު އަޅުގަނޑު މަސައްކަތްކުރި މޯލްޑިވް ވިކްޓްރީ އޮތީ މިސްރުގެ ސަފަގާ ބަނަދަރުގައެވެ. 

އެދުވަހު މިސްރުގެ ނޫސްތަކުގައި ކުއްލި ޚަބަރެއްގެ ގޮތުގައި ފާހަގަކޮށްފައިއޮތީ ސުއޭސްކެނަލް ހުޅުވުމުގެ ރަސްމިއްޔާ ފެށުމުގެ ހައެއްކަ ގަޑިއިރުކުރިން ކުއްލިއަކަށް ކެނެލްތެރޭން ހުއްދަނެތި ދަތުރުކުރަމުން ދިޔަ ކުޑަކުޑަ މަސްބޯޓެއް ކަހަލަ ބޯޓެއް އަތުލާގަތް ޚަބަރެވެ.  އެ ބޯޓުގެ ނަމަކަށް އޮތީ އަޅުގަނޑު ހަނދާންވާ ގޮތުގައި “ ބޭޓާ “ އެވެ. ބޯޓުގައި ނަގާފައި ހުރީ ދިވެހި ދިދައެވެ. 

އެހެންނަމަވެސް ބޯޓު އަތުލާ ގަތުމަށްފަހު ކުރި ތަޙްގީގުން އެއީ ހުއްދަ ނެގުމަކާނުލައި ސުއޭސް ކެނެލްގެތެރެއަށް ވަތް އިސްރާއީލުގެ އުޅަނދެއްކަން އެނގިގެން ދިޔައެވެ.                                                

އަޅުގަނޑުގެ މަގްސަދަކީ އެވާހަކަ ލިއުމެއްނޫނެވެ. ސުރުޚިގައި ބުނެފައިވާފަދައިން ފަލަސްތީނުގެ ބިންތައް ފޭރިގަނެ މިއަދު މިފެންނަ ހިތް ހަލާކުވެގެންދާ ކާރިސާތައް މެދުވެރި ކުރުވުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހެނީ ކާކު ހެއްޔެވެ؟ 

ތާރީޚީ ގޮތުން އެ ސުވާލުގެ ޖަވާބު ލިބޭތޯ ބަލާލަމާ ހެއްޔެވެ؟ އަޅުގަނޑު އަބަދުވެސް ގަބޫލު ކުރާގޮތުގައި ތާރީޚަކީ އެ ލިއުނު ބަޔަކު ބޭނުންވާ ގޮތަކަށް ބޭނުންވާ ކުލައެއް ޖައްސައިގެން ލިއުމުގެ ފުރުސަތު ހުޅުވާލެވިފާ އޮންނަ އެއްޗެކެވެ. 

މި ސަބަބަށްޓަކައި ތާރީޚުން އެނގޭ އެނގުމަކީ މުޅިން ތެދު ކަމަށް ނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް މާޒީގައި ހިނގާދިޔަ ކަންތައްތައް މުސްތަގްބަލްގެ ޖީލުތަކަށް ފޯރުކޮށް ދިނުމުގައި ތާރީޚް ނޫން އެހެން ވަސީލަތެއް ނެތޭ ބުނެވިދާނެއެވެ. އެހެންވީމާ ތާރީޚުން އެނގޭ އެނގުންތަކަށް އިތުބާރުކުރުމުގައި ތިމަތިމާމެން ވިސްނާ ފިކުރުކުރުން ބުއްދިވެރިއެވެ.                                         

ފަލަސްޓިނުގެ ތާރީޚަށް ބަލާއިރު ލަފާކޮށްފައިވަނީ  ބީ. ސީ. އީ. އިން ދިހަވަރަކަށް ހާސް އަހަރުގައިވެސް ފަލަސްތީނުގެ ބިމިގައި އިންސާނުން ދިރިއުޅެމުން ގެންދިޔަ ކަމެވެ. 

ބްރޯންޒް އޭޖް ކަމަށް ކިޔާ އުޅޭ ބީ. ސީ. އީ. އިން 3300 އާއި 2000 ވަނައަހަރާ ދޭތެރޭ ފަލަސްތީނުގެ ބިމުގައި ދިރި އުޅުނު މީހުންނަކީ މެސޮޕޮޓޭމިޔާ ( ދިޖްލަތު ކޯރާއި ފުރާތު ކޯރު ހިމެނޭ ސަރަހައްދު އަދި މިހާރުގެ އިރާގާއި ކުވޭތު ސީރިޔާއާއި ތުރުކީ ވެސް ހިމެނޭގޮތަށް ) ގެ ދަނޑުވެރިން ކަމަށް ލަފާކޮށްފައިވެއެވެ. ( ބީ. ސީ. އީ. ރަމްޒުކޮށްދެނީ އީސާގެފާނުގެ ކުރިން ނުވަތަ ބިފޯރ ކްރިސްޓިއަން އީރާ ) އެވެ.                                            

އަޅުގަނޑު ލިޔަން ބޭނުންވަނީ މިހާރުގެ ޙާލަތު މެދުވެރިވާން ޖެހުނު ގޮތް ކިއުންތެރިންނާއި ހަމަޔަށް ވަރަށް ޚުލާސާގޮތަކަށް ގެނެސްދިނުންކަމަށް ވީތީ އެ ޒަމާނުގެ ތާރީޚު ކޮންނަން ބޭނުމެއް ނޫނެވެ.

ތާރީޚީ އިލްމުން ފާހަގަކުރެވިފައިވާ ގޮތުގައި އިސްލާމީ ދައުލަތުގެ ދެވަނަ ޚަލީފާ ޢުމަރުގެ ފާނުގެ ޒަމާނަށްފަހު 1099 ވަނައަހަރު ޖުލައި މަހު 15 ވަނަ ދުވަހާ ހަމަޔަށް ފަލަސްތީނު އޮތީ މުސްލިމުންގެ ބާރުގެ ދަށުގައެވެ. 

އެ ދިގު ޒަމާނުގައި ފަލަސްތީނުގެ ބިމުގައި މުސްލިމުންނާއި އަދި ކިތަންމެ މަދުންނަމަވެސް ނަސާރާއިން ނާއި ޔަހޫދީން ދިރިއުޅެމުން ގެންދިޔައީ އެކުވެރިކަމާއި އެކުގައެވެ. 

…. ނުނިމޭ…

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް