2010 ވަނަ އަހަރު އެމެރިކާ އަސްކަރިއްޔާގެ ސިއްރު މައުލޫމާތުތަކެއް ހާމަކުރުމުގެ މައްސަލާގައި ވިކިލީކްސްގެ ބާނީ، އޮސްޓްރޭލިއާގެ އެޑިޓަރ އަދި އެކްޓިވިސްޓް އެއް ކަމަށްވާ ޖޫލިއަން އަސަންޖްގެ މައްޗަށް އެމެރިކާއިން އުފުލި ދައުވާތަކާއި ގުޅިގެން އޭނާ ހުރީ އިނގިރޭސިވިލާތުގެ ބެލްމާޝްގައި ހުންނަ ހައި-ސެކިއުރިޓީ ޖަލެއްގައި ބަންދުކޮށްފައެވެ. އަދި އެމެރިކާއިން އެދެނީ ބައިނަލްއަޤްވާމީ ގާނޫނުގެ ކުށްވެރިން ބަދަލުކުރުމުގެ ގާނޫނުގެ ދަށުން އަސަންޖެ ގެނެސް، 175 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
އަސަންޖްގެ ވިކިލީކްސްގައި ޝާއިއުކުރި ވީޑިއޯއެއްގައި ރޮއިޓާސްގެ ނޫސްވެރިން ކަމުގައިވާ ސައީދް ޝްމަޣް އަދި ނާމިރް ނޫރައްދީންގެ ގަޔަށް އެމެރިކާ އަޕާޗީ ހެލިކޮޕްޓަރަކުން ވަޒަން އަރުވާ މަންޒަރު ފެނެއެވެ. އަދި އެ ދެމީހުންނާއެކު އެހެން އެތައް ބަޔަކު ޤަތުލުކުރިއިރު، އެމެރިކާ ޕައިލެޓުން ހޭ އަޑު އިވެއެވެ. މި ވީޑިއޯ އާންމުކުރުމަކީ އަސަންޖްގެ މައްޗަށް އުފުލާފައިވާ އެއް ދައުވާއެވެ.
އަސަންޖްގެ މައްޗަށް އުފުލި ދައުވާތަކާއި، އޭނާ ހައްޔަރު ކުރުމަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ހަމަލާއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، އެމެރިކާ ސަރުކާރުން ބުނެފައިވަނީ އަސްކަރީ ސިއްރު މައުލޫމާތު އާންމުކުރުމަކީ އެތައް ބައެއްގެ ފުރާނައަށް ގެއްލުންވާނެފަދަ ކުށެއް ކަމަށެވެ.
އިނގިރޭސިވިލާތުން އޭނާ ހައްޔަރުކުރީ 2019 ވަނަ އަހަރުގައެވެ. ހައްޔަރުކޮށްފައި ހުންނަ ޖަލުގައި ތަހައްމަލުކުރަންޖެހޭ ދަތި ހާލަތްތަކާއި ގުޅިގެން އަސަންޖް ބަލިވެފައިވާއިރު، އެމެރިކާގެ ”އެކްސްޓްރަޑިޝަން“ ނުވަތަ ކުއްވެރިން ބަދަލުކުރުމަށް އެދުނު އެދުމާއި ދެކޮޅަށް އޭނާގެ ފަރާތުން ކޯޓަށް މައްސަލަ ހުށައަޅައި އެމައްސަލަ ކުރިއަށްދާތީ ޖަލު ބަންދުގައި އޮންނަތާ ހަތަރު އަހަރުވެއްޖެއެވެ.
އެމެރިކާއިންވަނީ އަސަންޖްގެ މައްޗަށް 18 ދައުވާއެއް އުފުލާފައެވެ. އަދި އެމެރިކާއަށް ގެނެސް އޭނާގެ މައްޗަށް މިކުށްތައް ސާބިތުވެއްޖެނަމަ، އަސަންޖްގެ މައްޗަށް 175 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
One Response
ކޮބާ ޑިމޮކްރެސީ އެންޑް ފްރީޑަމް އޮފް ޕްރެސް؟ އެމެރިކާގެ ދެފުއްކެރި ސިޔާސަތައް ނޯ އޭ ބުނަން ޖެހެއެވެ. އެމީހުން ބޭނުވާ ކޮންމެކަމެއް ބޭނުންވާގޮތަކަށް ނިމެންޖެހެއެވެ. އެހެޔޮ އެ ގައުމުތަކުގެ ގާނޫނު ތަންނުދިނަސް! ދުނިޔެއަށް ޖެހިފާއޮތް ބޮޑު މުސީބާތެކެވެ!