ފަތުރުވެރިކަން ކުރިއެރުވުމަށް ”ވިޒިޓަރ އިކޮނޮމީ ކައުންސިލު“ގެ ނަމުގައި ސަރުކާރުން އައު ކައުންސިލެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޕަބްލިކް ޕޮލިސީ، މުޙައްމަދު ފިރުޒުލް ވިދާޅުވީ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ޚާއްސަ ފޯކަސްއެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އެހެންކަމުން ވިޒިޓަރ އިކޮނޮމީ ކައުންސިލަކީ އެ މަސައްކަތުގެ ތެރެއިން، އެކަމަށް ޚާއްޞަ ފޯކަސްއެއް ދެއްވުމުގެ ގޮތުން އެކުލަވާލައްވާފައިވާ ކައުންސިލެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ވިޒިޓަރ އިކޮނޮމީ ކައުންސިލު ޗެއާ ކުރައްވާނީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ.
ހަމަ އެހެންމެ މި ކައުންސިލުގެ މެންޑޭޓުގައި ފަތުރުވެރިކަމުގެ ދާއިރާ ޑައިވަރސިފައި ކުރުން ހިމެނޭ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
One Response
އޮފީސްތައް އިތުރުކުރުން މިއީ ހަމަ އެންމެ މޮޅުގޮތް ބާވައޭ ހިތަށް އަރަނީ. އަބަދުވެސް މި ދައްކަނީ ސިޔާސީ މަގާމުތައް ގިނަވެ ކުރަންޖެހޭ ޚަރަދުތަކާހެދި ގައުމު ދަރަނިވެރި ވަމުންދާ ވާހަކަ. މިހާރު ހުރި ވުޒާރާތަކުން އެކަންތައްތައް ނުކުރެވެންޏާ ސުވާލު އުފެދޭނެ ޖާގަ ހުޅުވިގެން އެދަނީ. ބައެއް ބޮޑެތި ގައުމުތަކުގެ ބޮޑެތި ވުޒާރާ ތަކުގައި އެފްރިކާ އާއި ބެހޭ ބަޔަކާއި އޭޝިޔާއާއި ބެހޭ ބަޔަކާއި މިކަހަލަ ބައެއް ގޮފިތައް ހުންނަވާހަކަ އަޑު އިވޭ.
އަޅުގަނޑުމެންގެ ރާއްޖެއަށް ޑިމޮކްރެސީ ތަޢާރުފް ވުމާގުޅިގެން ގިނަ ވުޒާރާތަކެއް އުފެދި އަދި އެ ވުޒާރާތަކުގައި ސަރުކާރުގެ މިނިސްޓަރަކާއި ދައުލަތުގެ ވަޒީރުން ތަކަކާއި ވަޒީރުންގެ ނައިބުންތަކަކާއި ވަޒީރުންގެ އެޙިތެރިންތަކަކާއި މިކަހަލަ އެތައް ބައިވަރު ބޭފުޅުންނެއް ސިޔާސީ މަގާމުތަކުގައި އެބަތިއްބަވާ. ގިނަ ބޭފުޅުންނަށް މުސާރަ ހަލާލު ކުރެވޭ ވަރުގެ މަސައްކަތެއްވެސް ނޯވޭ.
މިއީ ވިސްނާލަން ޖެހޭ ކަމެއް.