ދަ ހިޗްހައިކާސް ގައިޑް ޓު ދަ ގެލެކްސީއިން މިސާލު ނަގައިގެން އީލޮން މަސްކް ފަރުމާކޮށްފައިވާ ”ސިޔާސަ“ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ”ގްރޮކް“ ތައާރަފު ކޮށްފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސަކީ އިންސާނިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ބުނެ އިންޒާރުދިން ޓެސްލާގެ ސީއީއޯ، އީލޮން މަސްކް ބުނެފައިވަނީ، ތަހުލީލީ މަރުހަލާ ނިމުނުހައި އަވަހަކަށް ޗެޓްޖީޕީޓީގެ ވާދަވެރި މި ޗެޓްބޮޓް އޭނާގެ ”އެކްސް“ ޕްލެޓްފޯމްގެ ޕްރީމިއަމް ސަބްސްކްރައިބަރުންނަށް ބޭނުންކުރެވޭ ގޮތަށް ނެރޭނެ ކަމަށެވެ.
”އެކްސް“ގައި ލިޔެފައި ހުންނަ ޕޯސްޓުތައް ގްރޮކްއަށް ބެލޭނެ ކަމަށާއި، މި ޗެޓްބޮޓަކީ މަޖާޒީ މިޒާޖެއްގެ ޗެޓްބޮޓެއް ކަމަށް އީލޮން މަސްކް ބުނެފައިވެއެވެ. އެގޮތުން، މަސްކްވަނީ ގްރޮކްގެ ފަރާތުން ލިބޭނެ ރައްދުތަކުގެ މިސާލުތަކެއް ހިއްސާކޮށްފައެވެ.
މަސްކް ބުނެފައިވާ ގޮތުގައި، ގްރޮކް އަދިވެސް އޮތީ ތަހުލީލީ މަރުހަލާގެ ފުރަތަމަ ފިޔަވަހީގައެވެ. އަދި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މި ޗެޓްބޮޓް ރިލީޒްކުރުމުގެ ބަދަލުގައި، ގްރޮކް ބޭނުންކުރެވޭނީ އެކްސްގެ ޕްރީމިއަމް ޕްލަސްއަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައެވެ.
”ގްރޮކް“ މި ލަފްޒަކީ ރޮބްރޓް އޭ ހެއިންލީން ކޮއިންކުރި ލަފްޒެކެވެ. އަދި މި ބަހުގެ ލަފުޒީ މާނައަކީ ”ރަނގަޅަށް ދެނެގަނެ ފަޙުމްކުރުން“ މިއެވެ.
ގްރޮކް ތައްޔާރުކޮށް ފަރުމާކޮށްފައިވަނީ އީލޮން މަސްކްގެ އޭއައި ކުންފުނި، އެކްސްއޭއައި އިންނެވެ. އަދި އެކުންފުނިން ހިއްސާކުރި ބްލޮގްޕޯސްޓެއްގައި، ގްރޮކްއަކީ ޑަގްލަސް އެޑަމްސްގެ ދަ ހިޗްހައިކާސް ގައިޑް ޓު ދަ ގެލެކްސީ އިން މިސާލު ނަގައިގެން ފަރުމާކުރެވުނު ޗެޓްބޮޓެއްކަމަށެވެ.
”މަޖާޒީ ރައްދުތައް ކަމުނުދާ ފަރާތްތަކުން ގްރޮކް ބޭނުންކުރާކަށް އަޅުގަނޑުމެންނަށް ނުފެނޭ.“ އެކްސްއޭއައި ޓީމުގެ ބްލޮގް ޕޯސްޓުގައި ލިޔެފައިވެއެވެ.