ގައުމަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާލާކުރުމަކީ ލާޒިމު ކަމެއް ކަމަށާއި އެހެން ނޫންނަމަ ގައުމެއް ގައުމެއްގެ ގޮތުގައި ދިރުވޭނެ ތަނެއް ނުފެންނާނެ ކަމަށް އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބާގައިި ޕީއެސްއެމްއިން ގެނެސްދިން ”ދިވެހީންގެރާއްޖެ“ ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައި ސެމްބެ ވިދާޅުވީ ގައުމީ އަބުތާލުން ގައުމަށްޓަކައި ވެވަޑައިިގެންފައިވާ މަތިވެރި ގުރުބާނީގެ އަގުވަޒަންކޮށް އެބޭފުޅުންގެ ޒިކުރާ އާކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.
އެގޮތުން ނަޞްރުގެ ދުވަހުގައި ގައުމަށްޓަކައި އަބްޠާލުންތަކެއް ފުރާނައިން ގުރުބާން ވެގެންދިޔަކަން ފާހަގަކުރައްވައި ސެމްބެ ވިދާޅުވީ އެ ބަތަލުންގެ ޒިކުރާ އާލާކުރުމަކީ މިއަދު ނުކޮށް ދޫކޮށްލެވޭނެ ކަމެއްނޫން ކަމަށާއި އެހެން ނޫންނަމަ ގައުމެއް ގައުމެއްގެ ގޮތުގައި ދިރުވޭނެ ތަނެއް ނުފެންނާނެ ކަމަށެވެ. އަދި ގައުމުގެ އެއްބައިވަންތަ ކަމުގެ ރޫހު އާލާ ނުކުރެވޭނެ ކަމަށާއި ގައުމެއްގެ ބަހާތައް ދިރުވޭނީ މިފަދަ ދުވަސްތައް ފާހަގަކޮށްގެން ކަަމަށް ވެސް ސެމްބެ ވިދާޅުވިއެވެ.
ސެމްބެ ވިދާޅުވީ ނަޞްރުގެ ދުވަހާއި, ޝަހީދުންގެ ދުވަހާއި, ގައުމީ ދުވަސްފަދަ ދުވަސްތަކަކީ ދައުލަތުގެ އެންމެ މަތީވެރިޔާއާއި ހަމައިން ފެށިގެން މުޅި ސަރުކާރާއި ރައްޔިތުންގެ އެކަމުގައި ޝާމިލުވާ ގޮތަށް ފާހަގަކުރަންޖެހޭ ދުވަސްތަކެއް ކަމަށެވެ.
މިފަދަ ދުވަސްތައް ފާހަގަ ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިކަން ވެސް ސެމްބެގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދަކީ މީގެ 35 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގައިލަން ދިވެހިންގެ ޚާއިނުންގެ މަދުބަޔަކާއި ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި ދިވެހި ސިފައިން ދިވެހި ގައުމަށް ނަޞްރު ހޯދައިދިން ދުވަހެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ހަމަލާގައި 19 ދިވެހިން ޝަހީދުވިއިރު އޭގެތެރޭގައި ސިފައިންގެ 08 ބޭކަލަކު ހިމެނެއެވެ.