އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އަޅަން ގޮވާލައްވައި މަޖިލީހަށް ގަރާރެއް

Loading

Facebook
Twitter
WhatsApp

އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަކާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް, އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އަޅަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ގަރާރު ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މި ގަރާރަކީ އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް, އެ ހަމަލާތައް ވަގުތުން ހުއްޓުވާލުމަށާއި, ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލައި ފަލަސްޠީނުގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށް, އިޒްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ އެންމެހައި ބިންތަކުން ފައިބާ އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައި ހުށަހަޅުއްވާފައިވާ ގަރާރެކެވެ.

މި ގަރާރުގައި ވަނީ އިޒްރޭލުން ފަލަސްޠީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ޚިލާފަށް ހިންގާ ޓެރަރިސްޓު ހަމަލާތަކެއް ކަމާއި އަދި އެއީ ފަލަސްޠީނުގެ މުސްލިމް ދަރިފަސްކޮޅު ނައްތައިލުމަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާއެއް ކަން ފާހަގަކުރައްވައިފައެވެ.

އަދި އިޒްރޭލުން ފަލަސްޠީނުގެ އެތައް މިލިއަން މީހުންގެ ދިރިހުރުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހުއްޓުވައި ބަންދުކޮށްފައި އޮތުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ހައްގު ނިގުޅައިގަނެ ހިންގާ އިންސާނިއްޔަތާއި ޚިލާފު ބޮޑު ޖަރީމާއެއް ކަމަށާއި ވަގުތުން ވަގުތަށް ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް އަނބުރާ އިއާދަކޮށް އަސާސީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ އިންތިޒާމު ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ހަމަޖެއްސުމަށް އދ. ގެ މެންބަރު ހުރިހާ ގައުމުތަކަށް ރާއްޖެއިން ގޮވާލަންޖެހޭކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

އިޒްރޭލާ ދެކޮޅަށް ރާއްޖެއިން އަޅަން ގޮވާލައްވާފައިވާ ފިޔަވަޅުތައް:

ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުން.

އިޒްރޭލުގައި އުފައްދާ އަދި އެ ގައުމަށް އެކްސްޕޯޓުކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުން.

އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެފަދަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުން.

އިޒްރޭލުން ހިފަމުންދާ ފަލަސްޠީނުގެ ހުރިހާ ބިންތަކުން ފައިބައި މެދުއިރުމަތީގެ ސުލްހަ ގާއިމުކުރެވެންދެން މި ފިޔަވަޅުތައް ދެމެހެއްޓުމަށް ގަރާރުގައިވަނީ ގޮވާލައްވައިފައެވެ.

އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްޠީނުން 2400 އަށްވުރެ ގިނަ މީހުން (700 ވުރެ ގިނަ ކުޑަކުދިން ހިމެނޭ) ވަނީ ޝަހީދުވެފައެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 9000 އިން މަތީގައެވެ.

Loading

One Response

  1. ތިޔަތަނަކުން އޮއްޓަރު ހުރި ކަމެއް ކޮށްފާނެއެކޭ ހިތެއް ނުބުނޭ. ދިވެހި ރައްޔިތުންނަށް ވިސްނާ ދީގެން ބާޒާރުގެގައި ހުރި އިސްރާއީލުގެ އުފެއްދުންތައް ނުގަންނަން ނިންމޭތޯ ބެލިއްޔާ މާރަނގަޅުވާނެ.

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް