އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއްކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ޑަޓުކް ސެރީ އަންވަރް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެގޮތުން މިދަތުރުފުޅުގައި 40.6 ބިލިއަން މެލޭޝިއާ ރިންގިޓް ނުވަތަ 8.6 ބިލިއަން އެމެރިކާ ޑޮލަރާއި އެއްވަރުގެ އިންވެސްޓްމަންޓްތައް ކަށަވަރުކުރެވުނުކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.
އަންވަރް އިބްރާހީމް ވިދާޅުވީ ގައުމަށާއި ރައްޔިތުންނަށް މަންފާކުރާނެ ފުރުސަތަކަށް މި ފުރުސަތު ބަދަލުކުރުމަކީ ސަރުކާރުގެ އިސްވެރީންނާއި ވުޒާރާތަކުގެ ޒިންމާއެއްކަމަށެވެ.
މިގޮތުން، އެންމެ ބޮޑު އިންވެސްޓްމަންޓެއް ލިބިފައިވަނީ މެލޭޝިއަން އިންވެސްޓްމަންޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއައިޑީއޭ) އާއި ޔޫއޭއީ އިންޓަރނޭޝަނަލް އިންވެސްޓްމަންޓް ކައުންސިލް (އައިއައިސީ) އާއި އެކުގައި ސޮއިކުރެވުނު އެމްއޯޔޫއަކާއި، އެމްއައިޑީއޭ އާއި އަބޫ ދާބީ ފިއުޗާ އެނާޖީ ކޮމްޕެނީ ޕީޖޭއެސްސީ-މަސްޑާ އާއި ދެމެދުގައި ސޮއިކުރެވުނު އެމްއޯޔޫއެއް މެދުވެރިކޮށެވެ.
ދެދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މެލޭޝިއާގެ މީޑިއާއާއި ވާހަކަދައްކަވަމުން އަންވަރް ވިދާޅުވީ އާރޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ޔޫއޭއީއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށާއި އެކަން ފާހަގަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
އަންވަރްގެ ދަތުރުފުޅުގައި އިޤްތިޞާދާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓް ދާއިރާގައި ނަންހިނގާ ޔޫއޭއީގެ މުހިންމު ބައެއް ޝަހްސިއްޔަތުތަކާއި ބައްދަލުކުރައްވާފައިވާއިރު، ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދް އަލްނަހްޔާން އާއި އެތަކެއް ވަޒީރުންނާވެސް ބައްދަލުކުރެއްވިއެވެ.
އެކުވެރި އަރަބި އިމާރާތުގެ ރައީސްއާއި ކުރެއްވި ބައްދަލުވުމުގައި ވިޔަފާރިކުރުމަށާއި އިޤްތިޞާދީގޮތުން ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވާނެކަމަށް އަންވަރް ވިދާޅުވިއެވެ. މީގެއިތުރުން، ދެގައުމަކީވެސް މުސްލިމް ދެގައުމަށް ވުމާއެކު، އޭޝިއާ ބައްރާއި އަރަބި ގައުމުތަކުގެ ސަރަހައްދީ މައްސަލަތަކާއި، ޑިޕްލޮމެޓިކް މައްސަލަތަކުގެ ވާހަކަތައްވެސް ދައްކަވާފައިވާނެކަމަށް އަންވަރް ވިދާޅުވިއެވެ.