އުމްރާގެ މަތިވެރި އަޅުކަންކުރުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވިތާ ފަސް ގަޑިއިރުތެރޭ 72 ހާހަށްވެރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެޅިރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން އުމްރާގެ އަޅުކަން ކުރުން މަޑުޖެހިފައި އުތުމަށްފަހު އަންނަ މަހުގެ ހަތަރަކުން ފެށިގެން އުމްރާގެ އަޅުކަން ކުރުމުގެ ފުރުސަތު ސައުދީ ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ.
އުމްރާއަށް ރަޖިސްޓްރީވެވެނީ އެކަމަށް ޚާއްސަ ކޮށްފައިވާ މޯބައިލް އެޕެއް މެދުވެރިކޮށެވެ. މި އެޕް މިއަދު އާންމު ކުރުމާއެކު ފުރަތަމަ ފަސް ގަޑިއިރުތެރޭ 72 ހާހަށްވުރެ ގިނަމީހުން ރަޖިސްޓްރީކުރި ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.
ސައޫދީ ސަރުކާރުން ބުނީ އުމްރާގެ އަޅުކަމށް ފުރުސަތު ހުޅުވައިލަނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ތިން މަރުހަލާއެއް ވަނީ ކަނޑައަޅާފައި ވެއެވެ.
ފުރަތަމަ މަރުހަލާގެ ދަށުން އުމްރާ ވުމަށް ފުރުސަތު ހުޅުވައިލަނީ މައްކާގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންނާއި ބިދޭސީންނަށެވެ. ފުރަތަމަ މަރުކަލާގެ ދަށުން ފުރުސަތު ދިނުމަށް ހަމަޖައްސާފައިވަނީ ހަރަމްފުޅުގެ 30 އިންސައްތަ ޖާގަ ފުރޭވަރަށެވެ. އެއީ ދުވާލަކަށް 6 ހާސް މީހުންނެވެ.
ދެ ވަނަ މަރުހަލާ އުމްރާވުމަށް ފުރުސަތު ހުޅުވާލަނީ މައްކާއިން ބޭރު ސައޫދީ އެހެން ރައްޔިތުންނަށެވެ. މި މަރުހަލާ ފަށަނީ އޮކްޓޯބަރު 18ގައެވެ. އެއީ ރަބީއަލް އައްވަލުމަހުގެ އެއް ވަނަ ދުވަހެވެ.
ދެ ވަނަ ފިޔަވަހީގައި ހުއްދަ ދެވެނީ ހަރަމްފުޅުގެ ޖާގައިގެ 75 އިންސައްތަ ޖާގަ ފުރޭމިންވަރަށެވެ. އެގޮތުން 15 ހާސް މީހުން އުމްރާގެ އަޅުކަން ކުރުމަށް ހުއްދަދޭނެއެވެ. މި މަރުހަލާގައި 40 ހާސް މީހުންނަށް ފުރުސަތު ދޭންވަނީ ނިންމާފައެވެ.
ތިން ވަނަ މަރުހަލާގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންނަށް އުމްރާ ވުމުގެ ފުރުސަތު ހުޅުވައިލާނެއެވެ. އެއީ ނޮވެމްބަރު އެއް ވަނަ ދުވަހުއެވެ. އެއީ ރަބީއަލްއައްވަލް މަހުގެ 15 ވަނަ ދުވަހެވެ.
ތިން ވަނަ މަރުހަލާގައި ހަރަމްފުޅުގެ 100 އިންސައްތައަށް ފުރުސަތު ހުޅުވައިލާނެއެވެ. އެއީ 20 ހާސް މީހުންނެވެ. މި މަރުހަލާގައިދުވާލަކު ހަރަމްފުޅަށްވަދެވެނީ 60 ހާސް މީހުންނަށެވެ.
ސައޫދީ ސަރުކާރުން ބުނީ އުމްރާ ކުރުމަށް ފުރުސަތު ހުޅުވާލަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއިގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅަކާއެކު ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއިގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން ސައޫދީ ސަރުކާރުން އުމްރާ ދަތުރުތައް މެދުކަޑައިލިތާ މިހާރު ހަމަސް ވެއްޖެއެވެ. އޭރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް ދާން އެތަށްބަޔަކު ވަނީ ފައިސާ ދައްކާފައެވެ.