އިންޑިއާ އޮތީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން ތައްޔާރަށް: އިންތިޚާބީ ރައީސް

Loading

Facebook
Twitter
WhatsApp

އިންޑިއާ އޮތީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން ތައްޔާރަށް ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވަގުތަށް ދެއްވި ބަސްދީގަތުމެއްގައި މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު އިންޑިއާ ސަފީރު މުނޫ މަހާވަރު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ އުންމީދީ ބައްދަލުވުމެއް ކަމަށާއި އިންޑިއާ އޮތީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ތައްޔާރަށް ކަމަށެވެ.

މުޢިއްޒު ވިދާޅުވީ މިނިވަންކަން ޔަގީންވެގެން ދިއުމަކީ ކޮންމެ ގައުމެއްގެ ވެސް ހައްގެއް ކަމަށް ދެންނެވި ކަމަށާއި އެކަމުގައި އެއްވެސް ސުވާލެއް ނެތްކަމަށް ސަފީރު ވިދާޅުވި ކަމަށެވެ.

“އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންގެ ގައުމޭ އިސްކުރާނީ. ވަރަށް ބޮޑެތި ސުވާލުމާކުތައް އެބަހުއްޓޭ ކަންބޮޑުވުންތައް އެބަހުއްޓޭ ރައްޔިތުންގެ.. މި ގައުމުގައި ބޭރު ސިފައިން ތިބި މައްސަލަ.“

މީގެއިތުރުން އިންޑިއާއިން އޮތީ ލޯނުތަކުގެ މައްސަލައިގައި ރާއްޖެއަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް ސަފީރު ވިދާޅުވި ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

އިންތިޚާބުގެ ކެމްޕޭނުގައި މުޢިއްޒު އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ ގައުމުގެ މިނިވަންކަމުގެ ވާހަކައެވެ. ވެރިކަމަށް އިންތިޚާބުކޮށްފިނަމަ އެންމެ ފުރަތަމަ ވެސް ފަށާނީ ގައުމީ މަސައްކަތް ކަމަށާއި މިނިވަންކަމަށް ވުރެ މުހިންމު މަސައްކަތެއް ނެތް ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން މިނިވަންކަން ޔަގީންކޮށްދޭނެ ކަމަށާއި އެއަށްފަހު ގައުމުގެ އިގުތިސާދު މިނިވަންކޮށްދޭނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. 

މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމަށާއި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލިޓަރީ މަސައްކަތެއް ކުރާކަށް މި ރާއްޖެއަކު މިހާރަކު ވެސް ނެތް ކަމަށް ރާއްޖޭގައި ތިބީ ތަމްރީނުތަކުގައި ތިބޭ ސިފައިން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް