ކޮވިޑް-19އަށް ފަރުވާ ކުރުމަށް ރާއްޖެއަށް ބޭނުންވި 149ވެންޓިލޭޓަރު ހޯދުމުގައި ޢަމަލު ކުރިގޮތާއި މެދު ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
މިނިސްޓަރ އަމީން އެކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ސުވާލުކުރުމަށް ހާޒިރުކޮށް އެތަނުގައި 3ގަޑި އިރެއްހާއިރު ހޭދަ ކުރެއްވިކަމަށް މީޑިއާތަކުން މަޢުލޫމާތު ދެއެވެ.
ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ތުހުމަތުތަކެއް އަމާޒުވުމުން ދިޔުމުން މިދިޔަ މެއި މަހުން ފެށިގެން އޭސީސީން އައީ އެކަން ބަލަމުންނެވެ. އެ ތަހުޤީޤު ނިމެން އުޅެނިކޮށް، ފުލުހުންނާ އެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ފެށީ، ވެންޓިލޭޓަރު ހޯދުމުގައި މާލިއްޔަތު ޤަވާއިދާއި ޚިލާފު ކަންތައްތަކެއް ހިންގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި އޮތުމުން އެކަންކަން ބަލަން ރައީސް އޮފީހުން އެންގެވުމުންނެވެ.
މިމައްސައްލައިގެ ތަހުޤީޤުތަށް ފެށުމާއި އެކު މިނިސްޓަރ އަމީން ވަނީ އަމިއްލަފުޅަށް މަޤާމުގެ މަސްޢޫލިއްޔަތު ތަކުން ދުރަށް ޖެހިވަޑައިގެންފައެވެ. އަދި އެކަމާއި ގުޅިގެން އަމީން ވިދާޅުވެފައިވަނީ މަޤާމުގެ މަސްޢޫލިއްޔަތު ތަކުން ދުރަށް ޖެހިވަޑައިގަތީ ތަހުޤީޤަށް ޖާގަ ދެއްވުމުގެ ގޮތުންކަމަށެވެ. ނަމަވެސް ހެލްތް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރއާއި ބިޑް ކޮމިޓީ ސަސްޕެންޑު ކޮށްފައިވަނީ ރައީސް އޮފީހުގެ އެންގެވުމަށެވެ.
ވެންޓިލޭޓަރުތައް ގެނައުމަށް އެއްބަސްވި މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވި އެކަމުގެ ޝަކުވާ ބޮޑުވުމުން، އެކަމުގައި މާލިއްޔަތު ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިންގާފައި ނުވާނެކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދެއްވިއެވެ. ނަމަވެސް އޮޑިޓް ރިޕޯޓުން ދައްކާގޮތުން ބޮޑެތި ގޯސްތަކެއް ވަނީ ހަދައިފައެވެ.
އެހެން ކުންފުނިތަކަށް ފުރުސަތު ގެއްލޭ ގޮތަށް ވަކި ކުންފުނިތަކެއް ހޮވައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއްވާ ގޮތަށް ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކަމަށް އޮތްއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ގޮތެވެ.
އެ ކުންފުންޏަށް ވަނީ މާލިއްޔަތު ޤަވާއިދާއި ޚިލާފަށް ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ބޭންކު ގެރެންޓީއަކާއި ނުލައި ދޫކޮށްފައެވެ. އެ ކުންފުންޏާއި އެކު އެއްބަސްވީ 34 މިލިއަން ރުފިޔާ އަށް ޕޯޓަބަލް 10 ވެންޓިލޭޓަރާއި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށެވެ.
ކޮވިޑްގެ ފަރުވާ އަށް ކޮންމެހެން ވެސް ވެންޓިލޭޓަރުތަށް އަވަހަށް ބޭނުންވެގެން ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި ދުބާއީގެ ކުންފުނީގެ ނަން ދިނީ ޑަބްލިއުއެޗްއޯ އިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއެވެ. ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މާތުރާ އެކު މިކަމުގައި ހިންގެވީ ރަސްމީ މުއާމަލާތެއްކަމަށް މިނިސްޓަރަ ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދުބާއިގެ އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަމަށް އެ ޖަމާޢަތުން ބުނެފައިވާ ކަމަށެވެ.
އޮޑިޓްރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތްކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފައެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި އޮޅުވާލުމެއް ކަމަށް އޮޑިޓްރިޕޯޓުގައިވެއެވެ.
އޮޑިޓްރިޕޯޓުގައި ދެން ފާހަގަކޮށްފައިވާ މައްސަލަ އަކީ ޕާފޯމަންސް ގެރެންޓީއަކާއި ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރުމެވެ. މިކަން މާލިއްޔަތު ޤަވާއިދާއި ޚިލާފުކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައިވެ އެވެ. ދިވެހި ދެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކޮށްފައެއް ނުވެއެވެ.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި، ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރއާއި، ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވެފައިވަނީ ޤަވާއިދާއި ޤާނޫނާއި ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ
ޢަމަލެއް ހިންގާފައި ނުވާނެކަމަށެވެ.
ތިން ކުންފުންޏާއި އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާއި އެއްގޮތަށްކަމަށާއި އަދި ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދަޢުލަތުގެ ހުރިހާ މުޢައްސަސާތަކަށް އެނގިގެން ކަމަށެވެ. މިކަމާއި ގުޅިގެން އަމީރު ވިދާޅުވެފައި ވަނީ
ޤަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދައެއް ދެއްވާފައި ނޯންނާނެ ކަމަށެވެ.