ދުވަހަކު ވެސް އެއްވެސް މީހަކަށް އަނިޔާއެއް ދީފައެއް, އެއްވެސް މީހަކަށް ދެރައެއް ދީފައެއް, އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފައެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް މިރޭ ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒުގެ ބައްޕާފުޅު އަވަހާރަވިއިރު ކައިވެނި ބައްލަވައިގެން އުޅުއްވީ ލަންކާގެ ރައްޔިތެއްކަމަށްވާ ޖީ ސްކީލާން އާއެވެ.
އަދަދު ނޫހުން މިއަދު ވަނީ ސްކީލާން އާ ބެހޭ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ބައްޕާފުޅު އަވަހާރަވުމުން ޑރ.މުޢިއްޒު ސްކީލާން އާމެދު އަމަލުކުރެއްވީ ވަރަށް އިހާނެތިކޮށެވެ. އެގޮތުން ދޮންމަންމަގެ ވިސާ ބުލޮކްކޮށް ޑީޕޯޓުކުރިކަމަށް ތުހުމަތުކޮށްފައިވެއެވެ.
ފުވައްމުލަކަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުޢިއްޒު ވަނީ މި ތުހުމަތުތަކަށް ރައްދު ދެއްވައިފައެވެ.
މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ވަޒީފާއިން ކަނޑާލި މީހުން އަލުން ވަޒީފާ ދީ އަދި އިގުތިސާދަށް ދިރުން ގެނެސްދޭ މިންވަރަކުން އެ ލިބޭ މުސާރަ އެއަށްވުރެ ވެސް ރަނގަޅުކޮށްދެއްވާނެ ކަމަށެވެ. އަދި އިތުރު ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށެވެ.
“އަޅުގަނޑު މިކަހަލަ ވާހަކަތައް ދެއްކީމަ މި ވާގޮތަކީ މި ކަންކަމަށް ދޭނެ ރައްދެއް ނެތީމަ އެބޭފުޅުން ރައްޔިތުންނަށް ހުށަހަޅާ އެއްވެސް ކަމެއް ރައްޔިތުން ބަލައި ނުގަތީމަ ދެން ދައްކާނެ ވާހަކައެއް ނެތީމާ ޒާތީ ގޮތުން އަޅުގަނޑާ ދިމާކުރަން ފަށައިފި.
އަޅުގަނޑުގެ އެއްވެސް ފަރުވާލެއް ނެތް. އަޅުގަނޑަށް ރަނގަޅީ ވެސް އެކަންކަން އެގޮތަށް ކުރިއަށްގެންދިޔައިއްޔާ. އޭރުން ރައްޔިތުންނަށް ހައްތާވެސް އެ ވާހަކަތައް ދައްކާ ފަރާތްތައް ފަލީހަތްވާނީ.“
މުޢިއްޒު ވިދާޅުވީ އޭނާ ކަންބޮޑުވާންޖެހޭ ކަމެއް ނޯންނާނެ ކަމަށާއި ޖަވާބުދެވޭ އެއްކަމެއް ނޯންނާނޭ ކަމަށް ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ.
އޭނާއަކީ ދުވަހަކު ވެސް ގާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރި މީހެއް ނޫން ކަމަށާއި ނުވެސް ކުރާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިގަތް މީހެއް ނޫން ކަމަށެވެ.
“ދުވަހަކު ވެސް ނޯންނާނެ އެއްވެސް މީހަކަށް އަޅުގަނޑުގެ ފަރާތުން އަނިޔާއެއް ދީފަ. އެއްވެސް މީހަކަށް ދެރައެއް ދީފަ ހައްގަކަށް އަރައިގެންފައެއް.“
އެފަދަ ތުހުމަތުތައް ކުރައްވާ ބޭފުޅުން މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކަށް ހުށަހަޅައިގެން ބަލަންވީ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“ބައްލަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ އެކަމެެއް ބައްލަވަން ވާނީ އިންސާފުވެރިކަމާއެކުގައޭ. ސިޔާސީ ނުފޫޒުން އެއްކިބާވެގެން އަދުލުވެރި ގޮތުގަ އިންސާފުވެރިކަމާއެކީގަ މިނިވަންކޮށް ބައްލަވާށޭ. ބެއްލެވީމާ އަދި އަޅުގަނޑަށް މާ ހިތްހަމަޖެހުން ލިބޭނެ. އޭރުން އެ ހަދާ ހުރިހާ ދޮގުތަކެއް މާ ރީތިކޮށް ފަލީހަތްވެގެންދާނެ.“ މުޢިއްޒު ވިދާޅުވިއެވެ.