މިޞްރުގެ ވެރިރަށް ޤާހިރާ ކައިރީގައި އޮންނަ ޖީޒާ ޕްރޮވިންސްގައި، އާދީއްތަ ދުވަހު ފަސިންޖަރުން އުފުލާ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން ހަތް މީހުން މަރުވެ، 125 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
މިޞްރުގެ ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގީ ޖީޒާ އާއި ފައްޔޫމާއި ދެމެދު ދަތުރުކުރަމުންދިޔަ ރޭލެއް، ޤާހިރާއިން ފުރައިގެން އަސްވާނަށް ދަތުރުކުރަމުންދިޔަ ފަސިންޖަރު ރޭލެއްގެ ފަހަތުގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގެ ސަބަބުން ރޭލުގެ ބައެއް ބައިތައް ދަގަނޑުމަތިން ކައްސާލައިގެން ގޮސް، އަލްއައްޔާތު ޑިސްޓްރިކްޓުގެ އަވަށު މަގަކަށް ބަންޑުން ޖަހާލިއެވެ.
ޒަޚަމްވި ފަސިންޖަރުން ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންދިއުމަށްޓަކައި 70 އަށް ވުރެ ގިނަ އެމްބިއުލާންސް ހަރަކާތްތެރިވިއެވެ. އަދި ކުއްލި ހާލަތްތަކުގައި އެހީތެރިވާ ޓީމުތަކާއި ރޭލްވޭގެ މަސައްކަތްތެރިން ވަނީ ކެރޭން ބޭނުންކޮށްގެން ރޭލުގެ ބައިތައް ނަގައި، ފުރޮޅާލާފައިވާ ބައިތަކުގެ ތެރޭގައި ތާށިވެފައި ތިބި ފަސިންޖަރުން ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީ ވިދާޅުވީ، އެމަނިކުފާނު މި ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، މި ހާދިސާ ކުއްލި މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި އިހުމާލުވި ކަމަށް ފެންނަ ކޮންމެ ފަރާތެއް ޖަވާބުދާރީ ކުރުވުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ ކުރިންވެސް ނުރައްކާތެރި ރޭލު އެކްސިޑެންޓްތައް ހިނގާފައިވާ ސަރަޙައްދެއްގައެވެ. އެގޮތުން 2002 ވަނަ އަހަރު، ޤާހިރާގެ ދެކުނުގައި ދަތުރުކުރި ފަސިންޖަރު ރޭލެއްގައި އަލިފާން ރޯވެ، 370 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ އުމްރާނީ ވަސީލަތްތަކަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައި ވީނަމަވެސް، މިޞްރުގެ ބާވަމުންދާ ރޭލްވޭ ނެޓްވޯކަށް ރައްކާތެރިކަމާއި ޒަމާނީ ކުރުމުގެ ގޮންޖެހުންތައް އަދިވެސް ދަނީ ކުރިމަތިވަމުންނެވެ.
![]()
