މުސްލިމް އާއިލާއެއް ޤަތުލުކުރި ކެނެޑާ މީހެއްގެ މައްސަލަ ބަލަނީ

Loading

Facebook
Twitter
WhatsApp

ދޮން މީހަކަށްވުމަކީ އޭނާއަށް ލިބޭ ފަޚުރެއްކަމަށް ދެކި މުސްލިމުންނާއި ދޭތެރޭގައި އުފެދޭ ނަފްރަތުގެ ސަބަބުން މުސްލިމް އާއިލާއެއްގެ ހަތަރު މެންބަރުން މަރާލައި، ޓެރަރިޒަމްގެ އަމަލެއް ހިންގި ކެނެޑާ ފިރިހެނެއްގެ މައްސަލަ ކެނެޑާގެ ކޯޓެއްގައި ބަލަން ފަށައިފިއެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި މައްސަލައިގެ ސަބަބުން ”ވައިޓް ނޭޝަނަލިސްޓް“ ވިސްނުމުގެ ހަރުކަށި ކަނާއަތުގެ ފިކުރުގެ މީހުން ކުރާ މިފަދަ ކުށްތަކުގައި ކެނެޑާއިން ގެންގުޅޭނެ އިންސާފުގެ މިންގަނޑުތައް ހާމަވެގެންދާނެކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

އުމުރުން 22 އަހަރުގެ ނެތޭނިއަލް ވެލްޓްމަންއާއި ދެކޮޅަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ހަތަރު ދައުވާއަކާއި، ގަސްތުގައި މީހަކު މަރާލުމަށް މަސައްކަތްކުރުމުގެ އެއް ދައުވާއެވެ. 2021 ވަނަ އަހަރުގެ ޖޫން 6 ގައި ލަންޑަންގެ އޮންޓާރިއޯގައި ހިނގައިދިޔަ މި ހާދިސާގައި، ވެލްޓްމަން ވަނީ މަގުމަތީގައި ހިނގާފައިދިޔަ އަފްޒާލް އާއިލާގެ ފަސް މެންބަރަކު ގަޔަށް އޭނާ ދުއްވަމުން ދިޔަ އުޅަނދެއް އަރުވާލާފައެވެ.

ހަތަރު މީހުން މަރާލާފައިވާކަމަށް ވެލްޓްމަން އިއުތިރާފުވިނަމަވެސް، އޭނާ އެކަންކުރީ ގަސްތުގައި ނޫންކަމަށް އޭނާ ވަނީ ފުލުހުން ގާތުގައި ބުނެފައެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް ވަނީ އުފުލާފައެވެ.

އަފްޒާލް އާއިލާގެ ސަލްމާން އަފްޒާލް (46 އަހަރު)، އޭނާގެ އަންހެނުން މަދީހާ ސަލްމާން (44 އަހަރު)، ދެމަފިރިންގެ އަންހެން ދަރިފުޅު ޔުމްނާ އަފްޒާލް (15 އަހަރު) އަދި މާމަ، ތަލަތް އަފްޒާލް (74 އަހަރު) ވަނީ މިހާދިސާގައި މަރުވެފައެވެ. އަދި އެ ދެމަފިރިންގެ 9 އަހަރުގެ ފިރިހެން ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ޚަބަރުތަކުގައި ވެއެވެ.

ވެލްޓްމަން އެދުވަހު ގެއިން ނުކުތީ މުސްލިމުން މެރުމަށް ގަސްތުކޮށްގެންކަމަށް އޭނާ ފުލުހުން ގާތުގައި ބުނެފައިވާކަމަށް އޭނާއާއި ދެކޮޅަށް ވަކާލާތުކުރި ޕްރޮސެކިއުޓަރ ކޯޓުގައި ބުނެފައިވެއެވެ. އަދި އޭނާ މިކަން ކުރުމަށް ހިތްވަރު ލިބިގަތީ 2019 ވަނަ އަހަރު ކްރައިސްޓްޗާޗްގައި ވައިޓް ނެޝަނަލިސްޓުން ދި ބަޑިޖެހުމުގެ ހަމަލާއިންކަމަށް ވެސް ވަކާލާތުކޮށްފައިވެއެވެ. އެ ހަމަލާގައި 51 މީހަކު ވަނީ މަރާލާފައެވެ.

ވެލްޓްމަން ވަނީ ”އަ ވައިޓް އަވޭކަނިންގް“ ގެ ނަމުގައި އޭނާއަކީ ވައިޓް ނެޝަނަލިސްޓެއްކަމަށް ބުނެ މެނިފެސްޓޯއެއް ވެސް ލިޔެފައެވެ. އަދި ވެލްޓްމަންގެ ގެ ބަލައި ފާސްކުރިއިރު ފުލުހުން ވަނީ އެބާވަތުގެ ދެ ލިޔުމެއް ވެލްޓްމަންގެ ކޮމްޕިއުޓަރުން ހޯދާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް