ކުރީގެ ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޭނުންވާ މީހަކީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވުމުން ނާޒިމް މިހާރު ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވައިފައެވެ. ެއެގޮތުން ޕީޕީއެމް/ޕީއެންސީއާއެކު އެމްއެންޕީން މިހާރު ވަނީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ޑރ.މުޢިއްޒާއެކު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުުފުޅުގައި ފެރިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވިދާޅުވީ އެމްއެންޕީއިން ޑރ.މުޢިއްޒާއެކު ކުރިއަށްދާން ނިންމުމުން ތަފާތު ދޮގު ވާހަކަތައް ދައްކައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ކޯލިޝަން އެެއްބަސްވުމުގަ އެއްވެސް ޝަރުތެއް ނޯންނާނެ ކަމަށެވެ. އަދި “އަޅުގަނޑުމެން އެންމެ ބޭނުންވަނީ ރައީސް ޔާމީން މިނިވަން ކުރަން“ ކަމަށާއި ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޭނުންވާ މީހަކީ އޭނާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
“އަޅުގަނޑެއް ނޭދެމޭ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކު ޖަލުގަ އޮންނާކަށް. ސެލެކްޓިވް ޖަސްޓިސް. ވަކި ބޭފުޅަކަށް ހަރާމް ހުކުމެއް ކޮށްގެން އެތާ ބޭއްވުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން.“ ރައީސް ޔާމީންގެ ޒައާމަތުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ މިއަދު މި ގައުމެއް ނެތޭ ދެންނެވިޔަސް ކުށަކަށް ނުވާނެ ކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތެއް ނެތް ކަމަށެވެ.
“ވަކި ގައުމަކަށް އަޅުގަނޑުމެން އަޅުދާސްތުވެގެން އުޅޭތަން ފެނިގެން މިދަނީ. ރާއްޖޭގެ އިގުތިސާދު އޮތީ ވަކި ގައުމަކަށް ބިނާކުރެވިފަ.“
ނާޒިމް ވިދާޅުވީ ރައްޔިތުންނަށް މިއަދު ހައްގު ބަސް ބުނުމުގެ ފުރުސަތެއް ނެތްއިރު އެންމެން އެކަތިގަނޑަކަށްވެ ދިވެހިންގެ ރާއްޖެ ސަލާމަތްކުރަންޖެހޭ ކަމަށެވެ. އަދި ބޭރު ގައުމަކުން މީހުން ބުނާ ގޮތަށް ބަސް ކިޔާ ގޮތަށް އޮވެގެން ގައުމު ކުރިޔަކަށް ނުދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.