ގުދުރަތީ ކާރިސާއެއް މެދުވެރިވުމުން އިންސާނުންގެ ނުކުޅެދުންތެރިކަން

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ކަންކޮޅުތަކަށް މުދާއުފުލުމަށް ބޭނުންކުރާ ގިނައަދަދެއްގެ ބޯޓުފަހަރުގެ ދަތުރުތަކަށް ހުއްޓުން އަރައިފިއެވެ. ސަބަބކީ ކޮބައިތޯ ވިސްނާ ފިކުރުކުރާ ބަޔަކު ހަދާނެގޮތް ހުސްވެދާނެއެވެ. ޕެސިފިކް ކަނޑުގައި އޮތް ތަނަކާއި މެޑިޓެރޭނިއަން ކަނޑުގައި އޮތް ތަނަކުން ދަތުރުނުކުރެވޭ ގޮތް މެދުވެރިވުމުން މުޅިދުނިޔޭގެ އިގްތިސާދު މިއޮތީ ގޮތްނޭންގޭ ފައްތަރެއްގެ މައްޗަށް ވެއްޓިފައެވެ.

ނިއުކްލިއަރ ހަތިޔާރު ހުއްޓަސް މިކަން ޙައްލުކުރަން ކުރެވޭނެ ގޮތެއްނެތެވެ. ބަނޑުހައިހޫނުކަން ފިލުވުމަށްޓަކައި އާގުބޯޓުފަހަރު ދުއްވަން އެބަ ޖެހެއެވެ. ދުއްވޭނެ މަގު ފަހިކޮށްފާ އޮންނަން ޖެހެއެވެ. އެކަމަކު މިފެންނަނީ ގުދުރަތުގެ ނިޔާއިން މެދުވެރިވާ ކުޑަކުޑަ ކާރިސާއެއްގެ ކުރިމަތީގައިވެސް އިންސާނުންގެ ނުކުޅެދުންކަން ހުރި މިންވަރެވެ.ދުނިޔޭގެ ބޮޑެތި ބާރުތައްވެސް މިއޮތީ ކަކޫ މައްޗަށް ތިރިކޮށްފައެވެ.

މިއަދު ދުނިޔޭގެ ބާރުގަދަ ވެރިންގެ ކުރިމަތީގައި މިހާރުން މިހާރަށް ޙައްލުކުރަން ޖެހިފައި އޮތީ ނިއުކްލިއަރ ހަތިޔާރުގެ މައްސަލައެއްނޫނެވެ. ޕެނަމާކެނަލާއި އިސްތަންބޫލް ކަނޑުއޮޅި ބަންދުކޮށްފައި އޮތް މައްސަލައެވެ.  އެ ދެ ކަނޑުއޮޅި ބަންދުކޮށްފާއޮތުމުން ދުނިޔޭގެ އިގްތިސާދު މިވަނީ ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރެއަށް ގެނބިފައެވެ.

ވާރޭ ނުވެހި ހަނަފަސްކަން އާންމު ވެގެންދިއުމުން ޕެނަމާ ކެނަލް ހިންގާނެ ވަރަށް ފެނެއް ނުލިބެއެވެ. ތުރުކީގެ ސަރަޙައްދުގައި ފެތުރެމުންދާ ގޮތްނޭންގޭ އަލިފާނުގެ ސަބަބުން އިސްތަންބޫލް ކަނޑުއޮޅި ހުޅުވޭކަށް ނެތެވެ.     

ޕެނަމާ ކެނަލަކީ އެކި ބައިތަކަށް ފެންފުރާލައިގެން ބޯޓުފަހަރު ވަދެ ނިކުމެވޭގޮތަށް ބިނާކޮށްފައި އޮތްތަނެކެވެ. ބޯޓުފަހަރު ވަދެ ނިކުތުމަށްފަހު އެ ފެންގަނޑު ބަންޑުންވެގެންދަނީ ކަނޑަށެވެ. އެއްފަހަރު ބޭނުންކުރި ފެން އަލުން ބޭނުންކުރެވޭގޮތަށް ހެދުމަށް ވަގުތު ނަގައެވެ. މިގޮތަށް ދިމާވުމުން ޕެނަމާ ކެނަލް ހުރަސްކުރަން ނަގާ ފީ ވެސް އިތުރުކުރަން ޖެހުން މިއީ ބޯޓުފަހަރުގެ ވެރިފަރާތަށްވެސް އަގުއަދާކުރުން ބުރައަކަށް ވެއްޖެއެވެ. 

ނަތީޖާއެއްގެ ގޮތުން ދުވާލަކު ޕެނަމާކެނަލް ހުރަސްކުރެވޭ ބޯޓުފަހަރުގެ އަދަދު މިވަނީ 32 އަށް މަދުކުރަން ޖެހިފައެވެ. އަދި ވާރޭ ވެހުންމަދުވެ ފެންލިބުން ދަތި ވުމުން ބޯޓުފަހަރަށް ފެން ފޯރުކޮށްދިނުންވެސް ވަނީ އަގުބޮޑުވެ އުދަނގޫ ކަމަކަށްވެފައެވެ. 

ބޯޓުފަހަރުގެ ވެރިން އުފުލަންޖެހޭ ކޮންމެ ތަކްލީފެއް އެނބުރެމުން ސެނބުރެމުން އައިސް އެންމެފަހުން އަމާޒުވާނީ ރައްޔިތުންގެ ދިރިއުޅުމަށެވެ. ކޮންމެހެން ބެނުންވާ މުދާވެސް ލިބުން ދަތިވެ އަދި އަގުބޮޑުވުމެވެ. ޕެނަމާ ކެނަލް ހުރަސްކުރަންޖެހިފައިވާ ބައެއް ބޯޓުފަހަރު ހަފްތާއަކަށް ވުރެން ގިނަދުވަހުވެސް އިންތިޒާރު ކުރަން ވަނީ ޖެހިފައެވެ.  އަންދާޒާކުރެވޭ ގޮތުގައި މިޙާލަތުގައި ޕެނަމާއަށް 200 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެއެވެ.                                                              

ތުރުކީގެ ބޮސްފަރެސްއާއި ޑަރުދަނެލްސް ކަނޑުއޮޅި ބަންދު ކޮށްފާއޮތުމުގެ ސަބަބުން އެތައް ސަތޭކަ ބޯޓެއްގެ ދަތުރުވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެންނަމަވެސް އަލިފާން ނިއްވުމަށްޓަކައި މަތިންދާ ބޯޓުފަހަރުން ކުރަމުންގެންދާ މަސައްކަތަށް ބުރޫ އަރާފާނެތީ އެއިން ކެނަލަކުން އާގުބޯޓުފަހަރު ދަތުރުކުރުމުގެ ހުއްދަ ދެވެންނެތް ކަމަށް ތުރުކީގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

ތުރުކީގެ ޓްރާންސް ބޮސްފޯރ ޝިޕިންގ ކޯމްޕެނީގެ ރައީސް މުސްތަފާ ކާން ބުލޫމްބާރގަން ހާމަކޮށްދީފައިވާ ގޮތުގައި މިހާރުވެސް ތިންސަތޭކައަށްވުރެން ގިނަ ބޯޓުފަހަރު ކެނަލް ހުޅުވޭނެ ދުވަހަކަށް މަޑުކޮށްގެން އެބަ ތިއްބެވެ.     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް