ކީރިތި ގުރުއާނުގެ އަޖައިބުތަކުގެ ތެރެއިން

Loading

Facebook
Twitter
WhatsApp


ސަންދާނުގެ ކިއުންތެރިންނާ ހަމަޔަށް މި ލިއުން ގެނެސްދިނުމުގެ ކުރިން ޢަރަބި ބަހާއި ކީރިތި ގުރުއާނުގެ އިލްމާއި އަދި އިސްލާމީ ތަޢުލީމުގައި އަޅުގަނޑު އެންމެފުރިހަމަ ނޫންކަމަށް އިއްތިރާފް ވަމެވެ. ހަމައެއާއިއެކު ޢިލްމުގެ އަހުލުވެރިން ހާމަކުރައްވަމުންގެންދަވާ މަޢުލޫމާތު ތަކުން އެނގި އޮޅުންފިލާ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ހާމަކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް ކަމުގައިދަންނަ ބޭކަލުންގެ ވިދާޅުވުން ވަރަށް ގިނައިން އަޑުއަހަމެވެ.

މި ސަބަބަށްޓަކައި އަޅުގަނޑު ދެކެނީ އެމީހަކަށް އެނގިހުރި އެއްޗެއް އެނގިހުރި މިންވަރަކަށް ހާމަކުރުމަކީ ތިމާއަކީ މާމޮޅު މީހެއްކަމުގައި ދުށުމެއްނޫނެވެ. އަޅުގަނޑުގެ އާދޭހަކީ މިލިއުމުގައި ކުށް މަޢުލޫމާތެއް ހާމަކުރެވިފައި ވާނަމަ އެނގިވަޑައިގަންނަވާ ބޭފުޅަކު އަޅުގަނޑަށް އޮޅުންފިލުވައި ދެއްވުމެވެ.                    

ބައިނަލް އަގްވާމީ މީޑިއާއޭ މިކިޔާ މާސިންގާ ކަނޑުގައި މިހާރު އޮޔާއި ދެމެމުންދާ ކިއުމެއްގައި އެއްވެސް ދީނެއް ގަބޫލު ނުކުރާ އަރަބި ނަސްލުގެ މީހަކު ކަހަފް ސޫރަތުގައި އައިސްވާފައިވާ ކަހަފް ބާގައިގެ މީހުންގެ ވާހަކައިން  އިސްލާމްދީން ގަބޫލުކުރާ ސީރިޔާގެ ވަރަށް މަޝްހޫރު ޢަރަބި ނަސްލުގެ އިންޖިނޭރަކާ މުޚާތަބުކޮށް ކުރި ސުވާލެއްގައި ބުނެފައި ވެއެވެ. “ ތިބާއަކީ ތަންދޮރު ދަންނަ އިންޖިނޭރަކީމުއެވެ. 309 އަހަރު ދުވަހު ބަޔަކު ނިދާފާތިބުން ގަބޫލުކުރާނީ ކޮން ހަމައަކުން ހެއްޔެވެ؟ “                                      

ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އިންޖިނޭރުގެ ހިތާ ހިތުން ސުވާލުތަކެއް އުފެދިގެންދިޔައެވެ. ހަމަގައިމުވެސް މިފަދައިން އިސްލާމްދީނުގެ އުނިކަން ހޯދުމަށް ނިކުންނާނެ ބަޔަކު އަންނާނެކަން މާތް ﷲ ދެނެވޮޑިގެން ވެއެވެ. އަދި އެމީހުންނަށް ރައްދުދެވޭނެގޮތް ބަޔާންކޮށް ދެއްވާފައި އޮންނާނެއެވެ. އެހެންވީމާ މި ސުވާލުކުރި މީހާއަށްވެސް ރައްދު ދެވޭނެ ފުރިހަމަގެއް ހޯދުމުގެ ދިރާސާ އޭނާގެ ފަންނުގައި ހިސާބުގެ ޢިލްމުން ފަށާގަތުމަށް އިޚްތިޔާރު ކުރިއެވެ.                                                         

ސުވާލު އަމާޒުކޮށްފައި އޮތީ ކަޙަފް ބާގައިގެ މީހުން 309 އަހަރުދުވަހު ނިދާފައި ތިބުން ގަބޫލު ނުކުރުމުގެ މައްޗަށް ކަމުގައިވީތީ އިންޖިނޭރުގެ ދިރާސާ ފަށާގަތީ އެހިސާބުންނެވެ. 

ކުއްލިއަކަށް އޭނާގެ ސިކުނޑީގެ ކުރިމަތީގައި ޖަވާބުދިނުމުގެ މަގު ތަނަވަސްކަމާއި އެކު ހުޅުވިގެން ހިނގައްޖެ ކަހަލަ އިޙްސާސެއް ކުރެވިގެން ދިޔަކަމަށް އޭނާ ބުނެފާވެއެވެ.                                                               

ކަހަފް ސޫރަތުން ކަހަފް ބާގައިގެ މީހުންގެ ވާހަކަ ބަޔާންކޮށްފައިވާ ބަޔާންކުރުން ދިރާސާކުރަން ހިތަށް އެރިއެވެ. މާބޮޑު އުދަނގުލަކާއި ނުލައި އެ ސުވާލުގެ ޖަވާބު އޮތީ ލޮލުގެ ކުރިމަތީ ހުޅުވިފައެވެ.

ކަހަފް ސޫރަތުގައި ކަހަފް ބާގައިގެ މީހުންގެ ވާހަކަ ފެށުނު ހިސާބު ( ލަބިސޫ ) އިންއެމީހުންގެ ވާހަކަ ނިމުނު ހިސާބުގައވާ ( ލަބިސޫ ) އާއި ހަމަޔަށް ކިޔަވާ ނިމުނު އިރު ޖަވާބު އޮތީ ލިބިފައެވެ. އެއީ ޖުމުލަ 309 ލަފްޒެވެ. ފާހަގަކުރެވުނު ދެވަނަކަމަކީ ކަހަފްބާގައިގެ މީހުންގެ ވާހަކަފެށުނު ( ލަބިސޫ ) އިން ފެށިގެން ( ސަލާސަ މިއަތިން ސިނީނަ ) އާއި ހަމަޔަށް އެއީ 300 ލަފްޒެވެ. އެއަށްފަހު ދެން އަންނަ ( ލަބިސޫ ) މިލަފްޒާ ހަމަޔަށް އެވަނީ އަނެއް 9 ލަފްޒެވެ. ޖުމުލަ 309 އެވެ. ކީރިތި ގުރުއާނުގައި އެމީހުން ހޮހަޅައިގައި ނިދާފައި ތިބިކަމަށް ބަޔާންކޮށްފައިވާ ތަރުތީބަކީވެސް 300 އާއި އަދި އިތުރު 9 އަހަރެވެ.                                           

މިޖަވާބު އޮޅުންފިލުމުން ސުވާލުކުރި މީހާއަށް އޮޅުން ފިލުވާ ދެވުނެވެ. ގަބޫލު ކުރުމާއި ގަބޫލު ނުކުރުމުގައިވެސް ބަހަނާ ދެއްކިދާނެއެވެ. ކީރިތި ގުރުއާނުގައި ހިމެނިފައިވާ މި ބާވަތުގެ އަޖައިބުތަކާ ދޭތެރޭ މާތް ނަބިއްޔާ އެއްވެސް ކަހަލަ އިޝާރާތެއް ނުދެއްވާ އޮތީ ކީއްވެގެންހެއްޔެވެ؟ 

ޖަވާބުގައި އޭނާއަށް ބުނެވުނެވެ. އެއިން އެނގި ކަށަވަރުވާ އެއްޗަކީ އެ ގުރުއާނަކީ އެކަލޭގެފާނު ލިއުއްވި އެއްޗެއް ނޫންކަމާއި އަދި އެއީ ބާވައި ލެއްވުނު ފޮތެއް ކަމެވެ. އެއްވެސް މީހަކު ލިއުނު ފޮތެއްގައި މިބާވަތުގެ އަޖައިބު ކުރުވަނިވި ޙަގީގަތްތަކެއް ހިމެނޭ ކަމުގައިވާނަމަ އެމީހަކު އެކަންކަމަށް އިޝާރާތް ކުރާނެއެވެ. ސުވާލުކުރި މީހާއަށް ކަންތައްތައް އޮޅުންފިލުމުން އޭނާ އިސްލާމްދީން ގަބޫލުކުރިއެވެ.                                                             

މިއިން ލިބިދޭ ފިލާވަޅަކީ ޖަދަލު ކުރުމުގެ ކުރިން އިލްމު ލިބިގަތުމާއި އިލްމުގެ މައްޗަށް ބިނާކޮށް ވިސްނާ ދިނުމަށް މަސައްކަތް ކުރުމުން ލިބޭ ނަތިޖާ ރަނގަޅުވާނެކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް