ކެމްބޯޑިއާގެ ވެރިރަށް ޕެނޮމްޕެން އިން އޭ.އެފް.ޕީ. ޚަބަރު ދީފައިވާ ގޮތުގައި ސާޅީސް އަހަރުވަންދެން ވެރިކަން ކުރުމަށްފަހު މިއަންނަ އޯގަސްމަހުގެ 22 ވަނަ ދުވަހުގެ ހަވީރު ވެރިކަމުން ދުރުވެ ދޮށީ ފިރިހެން ދަރިފުޅު 45 އަހަރުފުޅުގެ ހަތަރު ތަރީގެ ޖެނެރަލް ހުން މަނެޓް އަށް ވެރިކަން ޙަވާލު ކުރައްވާނެ ކަމަށް ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން ސެން ވިދާޅުވެއްޖެއެވެ.
ކުރީގެ ހުމޭރްރޫޝް ގެ ހަނގުރާމައިގެ ލަޝްކަރުގައި ކޮމާންޑަރަކަށް ހުރި ހުން ސެން ވިދާޅުވީ ވެރިކަން ހިންގާ ޕީޕަލްސް ޕާރޓީން އިންތިޚާބަށް ކުރިމަތިލި އޭނާގެ ފިރިހެންދަރިފުޅަށް އިންތިޚާބުގައި ވޯޓުދިން މީހުންގެ %82 ވޯޓު ލިބިފައިވުމާއެކު އެބޭފުޅާއަށް ވެރިކަމުގެ ފުރުސަތު ދިނުމުގެގޮތުން އިސްތިއުފާ ދެއްވާނެކަމަށެވެ.
ކެމްބޯޑިއާގައި ވެރިކަން ހިންގަމުން ގެންދާ ޑިމޮކްރެސީގެ ނިޒާމުގައި އިދިކޮޅު އެއްވެސް ޕާރޓީއަކަށް އިންތިޚާބުގައި ކުރިމަތި ލުމުގެ ފުރުސަތެއްވެސް ނުލީބޭ ޑިމޮކްރެސީއެއްގެ ދަށުންނެވެ.
އެގައުމުގެ ޑިމޮކްރެސީގައި ވޯޓުލުން އޮންނަނީ ވެރިކަން ހިންގާ ޕާރޓީން ނެރޭ ކެންޑިޑޭތަކަށް ފެންނަ ނުފެންން ވޯޓެއް ނެގުމެވެ. ދިވެހި ރާއްޖޭގައިވެސް މިވައްތަރުގެ ނަމޫނާ ޑިމޮކްރެސީއެއްގައި ވެރިކަން ހިންގަމުން ދިޔަ މާޒީއެއް އޮތީ ފެނިފައެވެ. އެ ނިޒާމުގެ ރަނގަޅު ނުބައި ކިޔާކަށް ނެތީމެވެ. މިހާރުވެސް ޑިމޮކްރެސީގެ އަޑުތައް އުޅެނީ ވަރަށް ގުގުމާފައެވެ. ރައްޔިތުންނަށް ފައިދާ ކުރާގޮތަކަށް ކަންތައް ކުރަންޏާ ކޮންމެ ނަމެއް ކިއްޔާ ފަހެ ކީކޭ ހެއްޔޭ ހިތައް އަރައެވެ.
އިންތިޚާބަށް ކެރިގެން ކުރިމަތިލި ހަމައެކަނި އިދިކޮޅު ކެންޑްލްލައިޓް ޕާރޓީގެ ކެންޑިޑޭޓަށް ވީވަރަކީ ޝަރުތު ފުރިހަމަ ނުވާކަމަށް ބުނެ ގެއަށް ފޮނުވާލުމެވެ.އިލެކްޝަން އޮތޯރިޓީން ހާމަކުރިގޮތުގައި ރައްޔިތުންގެ އާބާދީގެ %84.6 ވަނީ ވޯޓުލާފައެވެ.
އަދި މިއީ ގައުމުގައި ޑިމޮކްރެސީ ފައްކާވަމުންދާ ކަމުގެ ދަލީލެއް ކމަުގައިވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން މިއީ އިންތިޚާބެއް ކަމަށްވެސް ބަލައެއް ނުގަގެވެ. އ. ދ. އިންސާނީ ޙައްގުތަކާއިބެހޭ އިދާރާގެ ވެރިޔާވެސް ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.
ކެމްބޯޑިއާގެ މާޒީއަށް ބަލާއިރު މިއީ ހައިރާންވާންޖެހޭ ކަމެއްވެސް ނޫނެވެ. ހުން ސެން ވެރިކަމަށް ވަޑައިގަތީ ކެމްބޯޑިއާގެ ވަން ޕާރޓީ ނެޝަނަލް އެސެމްބްލީން އޭރުގެ ބޮޑުވަޒީރު ސާން ޗީ އަވަހާރަވުމާއި ގުޅިގެންނެވެ. އޭގެ ފަހުން އ. ދ. ބައިވެރިވެގެން 1993 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އިދިކޮޅު ފަންސިންޕެކް ޕާރޓީ ކާމިޔާބު ކުރިނަމަވެސް ހުން ސެން އެ ނަތިޖާ ގަބޫލެއް ނުކުރިއެވެ. އެންމެފަހުން ފަންސިންޕެކްގެ ނޮރޮޑޯމް ރަނާރިދް އާއިއެކު މަޝްވަރާތަކެއް ކުރެވި ދެބޭފުޅުން އެކުގައި ފަސްޓް އެންޑް ސެކަންޑް ބޮޑުވަޒީރުގެ ގޮތުގައި ސަރުކާރު ހިންގަން އެއްބަސްވެވުނެވެ.
އެއަށްފަހު 1997 ގައި ހުން ސެން އިސްވެހުރެ ސިފައިން ގެނައި ބަޣާވަތުގައި ރަނާރިދް ވެރިކަމުން ދުރުކޮށް އަލުން ޕާލަމެންޓުގައި ބޭއްވި އިންތިޚާބު ކާމިޔާބުކޮށް ބޮޑުވަޒީރު ކަމުގެ ގޮނޑިއަށް ވަޑައިގެން ބަރުލަމާނީ ސިސްޓަމް ”އިތުރަށް ހަރުދަނާ“ ކުރެއްވީއެވެ!
ކެމްބޯޑިއާއަކީ ކުރިން ފަރަންސޭސިންގެ ބާރުގެ ދަށުގައި އޮތް ގައުމެކެވެ. 1970 އަހަރުތަކުގައި އެ ގައުމުގެ ވެރިޔަކަށްހުރި ނޮރޯޑަމް ސިހަނޫކްގެ މަސައްކަތުން ފަރަންސޭސީންގެ އަތްދަށުން ގައުމު މިނިވަންކުރެއްވިއެވެ.
އެހެންނަމަވެސް އޭރު ހިނަގަމުންދިޔަ ވިއެޓްނާމް ހަނގުރާމާގައި އެމެރިކާގެ ނުފޫޒުން ކެމްބޯޑިޔާއަށްވެސް ސަލާމަތެއް ނުވެވުނެވެ. ކެމްބޯޑިޔާގެބައެއް ސިޔާސީ ބޭފޫލުންގެ ބޮލަށްވަދެ ކެމްބޯޑިއާގެ ސަރަޙައްދު ތަކުގައި ވިއެޓްނާމް މީހުން ދިރިއުޅޭކަމަށް ދައްކައިގެން އެ ސަރަޙައްދުތަކަށް ބޮންއަޅައި އެތައްލައްކަ މީހުންނެއް މަރަމުން ގެންދިއުމުގެ ސަބަބުން ސަރުކާރާއި ރައްޔިތުން ޖެހި ބޮޑުވެގެންވާ ދާޚިލީ ހަނގުރާމައެއް ފެށިގެން ދިޔައީއެވެ.
އެނެމެފަހުން އެކަންތައް އެކިސިފަސިފައި ދިގުލައި ބަދަލުތައް އަންނަމުންގޮސް ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ އަނިޔާވެރި ގާތިލު ވެރިކަމަށް ބަދަލުވީއެވެ. އޭނާގެ ވެރިކަމުގެ ހަތަރުވަރަކަށް އަހަރުގެ ތެރޭގައި ގައުމުގެ އާބާދީގެ ހަތަރުބައި ކުޅައެއްބައި ރައްޔިތުން މަރާ ހުސްކޮށްލިއެވެ.
އޭނާގެ އެންމެ ފުރަތަމަ އަމާޒަކަށް ގައުމުގައި ޢިލްމާއި ހުނަރު ވެރިކަން ލިބިފައި ތިބި މީހުން ނައްތާލުމެވެ. ދަނޑުވެރިންގެ ގޮތުގައި ޢިލްމު ވެރިންނާއި މުފައްކިރުންނާއި ތަޖްރިބާކާރުން ދަނޑުބިންތަކުގެ މަސައްކަތުމީހުން ކަމުގައި ފޮނުވާލިއެވެ.
އިއުތިރާޒުކުރާނެ ފުރުސަތު އެކަކަށްވެސް ނުދިނެވެ. ދެބަސްވުމުގެ ނަތީޖާއަކީ މަރާލައި ކައްވަޅަށް ފޮނުވާލުމެވެ. އެއީ 1925 ވަނަ އަހަރު މޭ މަހުގެ 25 ވަނަ ދުވަހު އުފަންވި ސަލޯތުސާރްއެވެ. ފަހުން ޕޮލްޕޮޓްގެ ނަމުން ދުނިޔެ ބިރުގަންނުވާލި ނުލަފާ ޖައްބާރެވެ.
ކެމްބޯޑިއާގެ ތާރީޚްއަކީ ލިއެވޭވަރަށްވުރެން މުޑުދާރު އަނިޔާވެރިކަން ބޮޑު ތާރީޚެކެވެ. އަދި އެއީ މިޒަމާނުގެ ތާރީޚްއެކެވެ. އެ އަނިޔާވެރިކަމަށް އެކިގޮތްގޮތުން ހިތްވަރު ދިން ގައުމުތަކުގެ ވެރިންނާއި ހުރިހާގޮތަކުންވެސް ނުރުހުން ފާޅުކުރި ވެރިން މިއަދުވެސް ދުނިޔޭގައި އަދިވެސް އެބަތިއްބެވިއެވެ. އެ އަނިޔާތަށް ބެލޭވަރުގެ ޑިމޮކްރެޓުން ނެއް ވެސް ފާޅެއްނުވިއެވެ.