.ސްރީލަންކާގައި ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހެއްގެ ބްލެޑަރ އިން 3.1ކިލޯގެ ހިލައެއް ޑޮކްޓަރުން ނަގާފައިވާކަމަށް ޚަބަރު ލިބެއެވެ.މިއީ މިގޮތަށް އިންސާނެއްގެ ކުޑަކަމުދާ ނިޒާމުން ނެގި އެންމެ ބޮޑު ހިލަކަމަށް ޑޮކްޓަރުން ބުނެއެވެ. މިއޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ހަފްތާގައި ޓްރިންކޮމަލީގެ ހޮސްޕިޓަލެއްގައި ކަމަށް ވެއެވެ.
އުމުރުން 55 އަހަރުގެ ބަލިމީހާ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސްޓްރޯކެއް ޖެހިގެން ކަމަށް ވެއެވެ.ނަމަވެސް އޭނާއަށް ކުޑަކަމުދިއުމަށް ދަތިވާތީ ބެލި ބެލުމުން ބްލެޑަރ ގައި ހިލަހުރިކަން ފާހަގަ ކުރެވުނު ކަމަށް ވެއެވެ.
އެމީހާގެ ގައިން ނެގިހިލައިގެ ބަރުމިން ދުވަސްފުރާވިހާ ކުއްޖެއްގެ ބަރުމިނާ އެއްވަރު ކަމަށާ ސައިޒުން ބަލާނަމަ އޮސްޓްރިޗް ގެ ބިހަކާ އެއްވަރުކަމަށް ޚަބަރުތައްބުނެއެވެ.
ސަރޖަރީ އަށް ފަހު ބަލިމީހާގެ ހާލު ވަރަށް ރަގަޅު ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.އަދި އޭނާގެ އެހެންބަލިތަކަށް ފަރުވާ ދިނުމަށް އަދި އޮތީ ހޮސްޕިޓަލުގައި ކަމަށް ބުނެފައި ވެއެވެ.
އޮޕަރޭޝަން ކުރި ޑޮކްޓަރު ބާލަކްރިޝްނަން ބުނި ގޮތުގައި އޭނަގެ ބްލެޑަރގައި ހިލަ އޮންނަތާ ފަސްއަހަރާ ދިހަ އަހަރާ ދެމެދުގެ މުއްދަތެއް ވެދާނެ ކަމަށް ގަބޫލު ކުރެވެއެވެ.
ބްލެޑަރ ގައި ހިލަ އުފެދެނީ ކުޑަކަމުދާ އެއްޗެތީގައި ހުންނަ މިނަރަލް ގެ ބައި ހަރު އެތިކޮޅު ތަކަކަށް ބަދަލު ވުމުންނެވެ.އާންމު ގޮތެއްގައި މިހެން ދިމާވަނީ ކުޑަކަމުދާއިރު ބްލެޑަރ ހުސްވާވަރަށް ހީސް ނުލެވި އެއްބައި ބްލެޑަރ ގައި ހުންނަން ދިމާވުމުންނެވެ.މިގޮތުން އުފެދޭ ވެލިފުއްވަރުގެ ކުދި ހިލަތައް ކުޑަކަމުދާއިރު އާންމު ގޮތެއްގައި ބޭރުވިނަމަވެސް އެއް ސެންޓިމީޓަރަށް ވުރެ ބޮޑުވުމުން ބޭރުވާން އުދަގޫވެ ، ކުޑަކަމުދާއެއްޗެތި ވެސް ބޭރުވުމަށް ހުރަހަކަށް ވެއެވެ.އަދި ހިލަނެގުމަށް އޮޕަރޭޝަން ކުރަން ޖެހެއެވެ.
އާންމުގޮތެއްގައި 4ސެންޓިމީޓަރަށް ވުރެބޮޑު ހިލައެއްނަމަ ބަލަނީ ވަރަށް ބޮޑު ހިލައެއްގެ ގޮތުގައެވެ.
ގިނިސް ބުކް އޮފް ވަރލްޑް ރިކޯޑް ބުނާ ގޮތުން މިހާތަނަށް އެންމެ ބޮޑު ބްލެޑަރ ސްޓޯން އެއް ނަގާފައިވަނީ 2003 ވަނަ އަހަރު ބްރެޒިލްގެ މީހެއްގެ ގައިންނެވެ.އެފަހަރުނެގި ހިލައިގެ ބަރުދަނުގައި ހުރީ 1.9ކިލޯގްރާމެވެ.ބޮޑުމިނަކީ 17.9 ސެންޓިމީޓަރު ކަމަށް ވެއެވެ.
ސްރީލަންކާގައި ނެގި ބްލެޑަރ ސްޓޯން ގެ ދިގުމިނުގައު 17 ސެންޓިމީޓަރު ހުރި ކަމަށް ވެއެވެ.
![]()
