2024 ގައި ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތީން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ 794 ވަނަ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
މިގޮތުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާ ކަމަށާއި އެއީ މާލޭ ސިޓީ އަށް 2 ގޮނޑި،
އައްޑޫ ސިޓީ އަށް 1 ގޮނޑި، މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި، މާލެ އަތޮޅަށް 1 ގޮނޑި، އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި ކަމަށް އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ.
ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް ކޮމިޝަނުން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ވެސް ޙަބީބް ވިދާޅުވިއެވެ.