ތާރީޚުގެ ސަފުހާތަކުގެ ތެރެއިން: ތުރުކީ އިން ފިލާވަޅެއް -2

Loading

Facebook
Twitter
WhatsApp
  • ކުރީގެ ޢަދަދާއި ގުޅޭ….

http://sandhaanu.today/2975/

ދެން، ރާއްޖެ، ބޭރު ބާރެއްގެ ދަށަށް ދިޔުމުން، ތުރުކީގެ އަސްކަރީ ބާރުތައް ކުޑަކޮށްލެވުނު ގޮތަށް، ރާއްޖޭގެ އަސްކަރީ ބާރުތަކަށް ވެގެންދާނޭ ގޮތް ޚިޔާލަށް ގެނެސްބަލާށެވެ. އެ މުއައްސަސާތަކުގެ ވަކިތައް ކަނޑައި، އެތަންތަނުގެ ބާރު މުޅިންނެތި ކޮށްލެވޭނެއެވެ. މިހާރު ވެސް މިކަން ކުރަން ބޭނުންވެގެން ގޮވާ އަޑުތައް އިވޭ ނޫން ހެއްޔެވެ؟ އެފަދަ މުއައްސަސާތަކުން، ތަހުގީގުތައް ނުކުރެވޭކަމާއި، އެތަނުގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭކަމާއި، އެތާ އެތެރޭގައި ’އަނދިރީގެ ދައުލަތެއް‘ – މިއީ ކޮން އެއްޗެއްކަން ނުބުނެދެވުނަސް – އެބައޮތޭ ބުނުމާއި، މިފަދަ ވާހަކަތަކުގެ އަޑެވެ. މިގޮތުގެ މަތިން ތަނުގެ އަސްކަރީ ބާރުތަކުގެ އަގު ވައްޓާލުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ބޭރުގެ ވަކި ބަޔެއްގެ އިރުޝާދުގެ މަތިން، އެ މުއައްސަސާތައް ބަދުނާމު ކުރުމުގައި ފޮރުވިފައި އޮތް މަގުސަދަކީ ކޮބާ ހެއްޔެވެ؟ އެތަންތަނުގައި ނުރަނގަޅު ކަމެއް ހުރި ނަމަ، އަދި އެކަންކަން އިސްލާހުކުރަން ބޭނުން ނަމަ، އެކަން ކުރުމުގެ ބާރު އެބަ އޮތެވެ. ނަމަވެސް، އިސްލާހީ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި އެތަން އަބަދުމެ އަބަދު ބަދުނާމުކުރުމުގެ ބޭނުކަމީ، ލަފާކުރެވޭ ގޮތުގައި، ތަނުގެ އަގު ވައްޓާލައި ތަނުގެ ބޭނުމެއް ނެތްކަން ދެއްކުމެވެ. މިހެން ހެދުމަށް ފަހު، އެތަނުގެ ހިންގުން ވެސް ބޭރު ބަޔަކާ ހަވާލުކުރަން ފަސޭހަވާނެއެވެ. މިއީ ވެސް ޚިޔާލީ ވާހަކައެއްނޫނެވެ. މިއީ މީގެ ދިހަ އަހަރު ކުރިން ވެސް، މިކަމާ މެދު ބަޔަކު އާންމު ފޯރަމެއްގައި ބަހުސްކޮށް، ރާއްޖޭގެ ސިފައިންގެ މުއައްސަސާ އުވާލައި އެކަން ބޭރުގެ ބަޔަކާ ހަވާލުކުރަން ގޮވި ގޮވުމެކެވެ. ދެން، އެއްކަލަ ’ޕޮލިސް އެކަޑަމީއިންނާއި‘ ޑޯނިޔާ މަތިންދާ ބޯޓުން، އެތެރެކުރެވޭ ހަތިޔާރުތަކުގެ އެހީގައި އެމީހުންގެ އަތް މައްޗަށް ތަނުގެ ފުލުހުންނާއި ސިފައިންގެ މުއައްސަސާތައް ފުރޮޅާލުމަކީ އުނދަގޫ ކަމަކަށް ވެދާނެ ހެއްޔެވެ؟

ދެން ޚާއްސަ އިމްތިޔާޒުގެ ގާނޫނުގެ މައްސަލައަށް ބަލާށެވެ. މިހާރުވެސް މިފަދަ ގޮތެއްގައި ނޭޕާލުގައި އިންޑިޔާ މީހުންނަށް އިސްކަންދޭން ޖެހޭނޭ އެއްބަސްވުމެއް އޮވެއެވެ. އެހެންވީމާ އެފަދަ ގޮތެއްގައި ރާއްޖޭގައި ކަންތައް ނުކުރާނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގެ އުތުރުގައި ޚާއްސަ ރަށެއް އިންޑިޔާ މީހުންނަށް ތައްޔާރުކުރެވޭ ވާހަކައެއް ވެސް ދާދި ފަހުން ފެންމަތިވިއެވެ. މިވާހަކަތަކުގެ ހަގީގަތް އަދި އެނގޭ ވަރެއް ނުވެއެވެ. ނަމަވެސް، ބުނެވޭނީ އަލިފާނަކައި ނުލައި ދުމެއް ނާރާނޭ ކަމެވެ.

ކޮންމެ އަކަސް ސެވްރެސްގެ މުއާހަދާގެ ސަބަބުން ތުރުކީގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއެރިއެވެ. ދެން ކަންތައްވީ ކިހިނެއް ހެއްޔެވެ؟ މި މުއާހަދާއާއި، މި މުއާހަދާގައި ސޮއިކުރި އުސްމާނީ ދައުލަތާއި އަދި އިހުތިލާލީ ބާރުތަކާ އިދިކޮޅަށް ތުރުކީގެ ލަޝްކަރު ނުކުތީއެވެ. އާދެ، އެމީހުންނާ އިދިކޮޅަށް، ތުރުކީގެ ލަޝްކަރު ނުކުތީ އެ މުއާހަދާގައި ސޮއިކުރުމުގެ ވެސް ކުރިންނެވެ. 1918ގައި ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، މުދްރޯސްގެ ހުދްނާގައި ސޮއިކުރެވުމުން، ހަލީފުންނަށް އެ ހުދްނާ ލިބިދިން ބާރުތަކުގެ ސަބަބުންނެވެ. ތުރުކީގެ މައި ބިން އިހުތިލާލުކުރުމުގެ ބާރެވެ. އަދި ވެސް، ވާން އުޅޭ ގޮތް، ލަޝްކަރުގެ އިސްކޮށް ތިބި ވެރީންނަށް ލަފާކޮށްލަން އެނގުމުންނެވެ. އާދެ، ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމުގެ ބިރު ހީވުމުން، އެކަން ނެތިކޮށްލުމުގެ ގޮތުން، ތަނުގެ ދިފާއީ ބާރުތައް އަތުކުރި އޮޅާލައި ގައުމު ދިފާއުކުރުމައްޓަކައި ތެދުވީއެވެ.

ދެން، ތުރުކީގެ ލަޝްކަރު އިހުތިލާލީ ބާރުތަކާ ކުރިމަތިލައ ހަނގުރާމަކުރީއެވެ. މިހަނގުރާމައަށް ދެވިފައި އޮންނަ ނަމަކީ ’ތުރުކީ މިނިވަންކުރުމުގެ ހަނގުރާމައެވެ‘. މި ހަނގުރާމަ 1919 ފެށިގެން 1923އާ ހަމައަށް ދެމިގެން ދިޔައެވެ. މިހަނގުރާމައިގައި ތުރުކީގެ ގާއިދަކަށް ހުރީ މުސްތަފާ ކަމާލް އަތާތުރުކެވެ. އާދެ، ތުރުކީން އަދުގެ ގައުމުގެ ބައްޕައެވެ. އޭނާގެ ގިޔާދަތުގެ ދަށުން، އިހުތިލާލީ ބާރުތަކާ ތުރުކީ ލަޝްކަރު ކުރިމަތިލައި ހަނގުރާމަކޮށް އެބާރުތައް ބަލިކުރިއެވެ. އަދި، އަރުމީނިއާއަށާއި ޔޫނާނަށް ސެވްރެސްގެ މުއާހަދާއިން ލިބިދިން ބިންތައް ވެސް އަތުލައި މިނިވަންކޮށް، އެ ބިންތަކަކީ، ކުރިން ވެސް އޮތް ފަދައިން، ތުރުކީގެ ބައެއްގެ ގޮތުގައި ހެދިއެވެ. މި ހަނގުރާމައިގައި ތުރުކީގެ ލަޝްކަރު ކާމިޔާބު ހޯދުމުގެ ނަތީޖާއަކަށްވީ ތުރުކީ އިހާނެތިކޮށް ނިކަމެތި ކޮށްލި ސެވްރެސްގެ މުއާހަދާ ބާތިލުކޮށްލުމެވެ. އަދި އޭގެ ބަދަލުގައި އަލުން އާ މުއާހަދާއެއްގައި ސޮއިކުރުމެވެ. އާދެ، 1923ގައި ލޯޒޭންގެ މުއާހަދާ ލިޔެ، ސޮއިކުރުމެވެ. ތުރުކީއާއި އަދި އިހުތިލާލީ ބާރުތަކުގެ މެދުގައިވެ. މިއީ ދުނިޔޭގެ ތާރީޚުގައި ވަރަށް ވެސް ނުފެންނަ މަންޒަރެކެވެ. ހަނގުރާމައެއްގައި ބަލިވެ، ސުލްހައިގެ މުއާހަދާއެއް ލިޔެވި އެ މުއާހަދާ ބާތިލުކޮށް އޭގެ ބަދަލުގައި އެހެން މުއާހަދާއެއް ލިޔުމެވެ. ނަމަވެސް، ތުރުކީންގެ ދިފާއި ބާރު، މުޅިން ފުނޑުފުނޑުވެފައި ނެތުމުން، އަދި، އެމީހުންގެ ގައުމާ ދިމާވި ނުރައްކަލާ ކުރިމަތިލާން، ވަގުތުން ތެދުވުމުން، އެކަން އެގޮތަށްވާން ދިމާވީއެވެ.

މިހިސާބުން، އުސްމާނީ ޚިލާފަތު އުވާލެވި، އަދު މިފެންނަން އޮތް ތުރުކީގެ ޖުމްހޫރިއްޔަތު ގާއިމުކުރެވުނެވެ. އަދި، ތުރުކީގެ ސިޔާދަތު ތުރުކީއަށް އަނބުރާ ލިބުނެވެ. އިހުތިލާލީ ބާރުތައް ތުރުކީން ފޭބުމަށް ނިންމުނެވެ. ތުރިކީގެ ހުރިހާ ކަމެއް، ސަރުކާރު ހިންގުމާއި، އަސްކަރީކަންތައްތައް ރާވާއި ހިންގުމާއި އަދި ތަނުގެ އިގުތިސާދު ހިންގުމާއި ތަނުގެ ބޭންކާއި ފައިސާގެ ކަންތައްތައް ހިންގުމާއި މިހުރިހާ ކަމެއް ވެސް ހިންގުމުގެ ބާރާއި އިޚްތިޔާރު އަލަށް އުފެދުނު ތުރުކީ ޖުމްހޫރިއްޔަތުގެ އަތްމައްޗަށް ގެނެވުނެވެ.

މިކަމުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ގައުމީ ހޭލުންތެރިކަމާއި ގައުމީ ލޯބި ހުރެގެން ގައުމު ދިފާއުކުރަން ނިކުމެއްޖެ ނަމަ، ގައުމު ސަލާމަތް ކުރެވޭ ކަމެވެ. މުދްރޯސްގެ ހުދްނާގެ އެއްބަސްވުމާއި އަދި ސެވެރެސްގެ މުއާހަދާއަކީ ތުރުކީގެ ލަޝްކަރުގެ އިސްވެރިން ނަޒަރުގައި އަދުލު އިންސާފާ ދުރު މުއާހަދާއަކަށް ވުމުން، ސިޔާސީވެރިންގެ އަތް މައްޗަށް ގައުމުގެ މަސީރު ދޫކޮށްނުލައި، ލަޝްކަރުގެ އިސް ވެރިން، އެ އެއްބަސްވުންތައް ބަލައި ނުގަތީއެވެ. އަދި، އެހެންވެ، އެ އެއްބަސްވުންތައް މެދުވެރިކޮށް، އަމިއްލަ ގައުމު އަޅުވެތިކުރުމަށް ބޭރުބަޔަކަށް ޖާގަ ނުދީ ލަޝްކަރު ތެދުވީއެވެ. އަދި، ގައުމުގެ ދިފާއުގައި ހަނގުރާމަ ވެސް ކުރީއެވެ. ނަތީޖާއަކީ ގައުމު މިނިވަންވުމެވެ. ގައުމުގެ ސިޔާދަތު ދެމެހެއްޓުމެވެ. ޔޫރަޕުގެ ’ބަލި މީހާ’ގެ ނަމުން ހުޅަނގު ނަންދީފައި އޮތް މީހަކީ ބަލި މީހެއް ނޫންކަން ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށްދިނީއެވެ. ގައުމުގެ އަބުރާއި އިއްޒަތް، ޝަރަފާއި ކަރާމަތް، އެއީ އެހެން މީހުންނަށް އެއަށް ފައިން އެރިދާނޭ އެއްޗެއް ނޫންކަން، ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށް ދިނީއެވެ. އާދެ، ގައުމުގެ މީހުންގެ ހިތްތަކުގައި ގައުމަކީ އަގު ބޮޑު އެއްޗެއްކަމާއި އެއީ އެހެން މީހުން އެއަށް ކުޅުޖަހަން ޖާގަދީ، ގައުމުގެ މާތްކަމާއި މުގައްދަސުކަން ނެތިކޮށްލަން، ފަހަރެއްގައިވެސް، ފުރުސަތު ނުދެވޭނޭކަން ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށް ދިނީއެވެ.

އާދެ، ފުރަތަމަ ބޮޑު ހަނގުރާމައިގައި ތުރުކީ ބަލިވެ، މުދްރޯސްއާއި ސެވްރެސްގެ މުއާހަދާ ތުރުކީއާ ކުރިމަތިކުރުވި ނިކަމެތިކޮށްލުން ބަލައިނުގަނެ، އެކަމާ ދެކޮޅު ހަދައި، ގައުމުގެ އަބުރާއި އިއްޒަތާއި، ޝަރަފާއި ކަރާމަތް ހިމާޔަތް ކުރަން ތެދުވި ފަދައިން، މިއަދު އަޅުގަނޑުމެންގެ ގައުމުގެ އަބުރާއި އިއްޒަތް، ޝަރަފާއި ކަރާމަތް ދިފާއުކުރުމުގެ ގޮތުން ތެދުވުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. ރާއްޖޭގައި މިއުޅޭ ހަށިވިއްކާ ކަސްބީ އަންހެނުންގެ ސިމްސާރުން (ޕިމްޕުން) ފަދަ ސިޔާސީ ސިމްސާރުންގެ އަތް ދަށުން ރާއްޖެ ސަލާމަތް ކުރަންޖެހޭ ވަގުތު އަތުވެއްޖެއެވެ. މި ސިޔާސީ ސިމްސާރުންގެ ނަޒަރުގައި ރާއްޖެއަކީ ވެސް، އެމީހުން ގެންގުޅޭ ހަށިވިއްކާ ކަސްބީ އަންހެނެކެވެ. އެހެންވެ، ސިމްސާރެއްގެ، ޕިމްޕެއްގެ، ބައި އަދާކޮށް، ހަށިވިއްކާ ކަސްބީއެއްގެ ގޮތުގައި ރާއްޖޭގެ އަބުރާއި އިއްޒަތް ނަގާލައި، ފައިސާ ފޮއްޗަކަށް ރާއްޖެ ވިއްކާލަން އެމީހުން އެތިބީ ތައްޔާރަށެވެ. އެހެންވެ، ދިވެހި ލޭ، ދިވެހި އަދަބީ އުޑުގައި އަދު ފިޔަޖަހާ އެންމެ އުޖާލާ އެއްތަރި، އާދަމް ނަސީރު އިބުރާހީމު ވިދާޅުވާ ފަދައިން، މިއަދު ގޮވަމުންދަނީ މި ގޮވުމެވެ:

”އޭ ދިވެހި ލޭގެ  ދަރީންނޭ  އަސަރެއް  ނުކުރޭހޭ؟

މޭ ތެރޭން ހިތް ނެރެ ވިއްކާލާ   އިރު، ނޭނގޭހޭ؟

އަހުރެމެންނަށް މި ތިބީ ކީއްހެ ވެފައި، ހިއްސުތަކަށް؟

ވަހުމު، ފަހުމަށްވެ، ޒަޚުމު، ރަޙުމުކަމަށް ވެސް ވޭ ހޭ؟

ދިވެހި ދިރުމާ  ކެރުމާ  ރޯފިލުމާ   ޖޯޝު  ކޮބާ؟

ދިވެހި މުޅި ހަށިގަނޑު ސަންދޯކު އަޅާ ނިމުނީހޭ؟

ހެޔޮ ނުވާނޭ މި ބިމަށް ދުވަހަކު ވެސް ދެރަޔެއް ދޭން!

ބިޔަ ޝަހީދީ އެކި ލޭ ކޯރު ހަނދާން ނެތުނީހޭ؟

ކީއްވެހޭ މިއަދު މިތާ  ލަވަކިޔަމުން  ތިޔަ  ނެށެނީ؟

މީގެ ފުން މާނަ ހިތަށް ދޭހަވުމުން   ނުރޮވޭހޭ؟

އޭ  އުތީމީ   ހުރަވީ ލޭގެ   ދިވެހި  ފަރުދުންނޭ!

މޭ އުފުއްލާށެ އެ ވާޖިބު   ނޫނީ  އެބަ އޮތް ހޭ؟

މި ތިބަ އެންމެން އަދި އަންނަން އޮތް ޖީލެއް ހުރިހާ،

ވަކި ތަފާތެއް ނެތި ހިމެނޭ  މީ ޙައްޤެއް ނޫންހޭ؟

ދިވެހި މި ވަޠަންގެ ކަނޑާ، ވައި، ކީއްތޯ ވެލިފުކަކަސް!

މި ވެހި ލޭ ނެތް ނަމަ، ދިނުމީ ހުޅުޖެހުމެއް ނޫންހޭ؟“

 

މި ގޮވުމުގެ އަޑުއަހާނީ ކޮން ބައެއް ހެއްޔެވެ؟

Loading

3 Responses

  1. އަބަދުވެސް މިއުޅޭ ސިޔާސީ މީހުންގެ ގޮވެލިފަތި އަޑުއަހައިގެން މިވޯޓް ދެވެނީ. އެހެނަސް 2 އަހަރާއި ހަމަވާއިރަށް ގޮވިގޮވެލިފަތިމަަތިން އެވެރިން ހަދާންނެތުނީމާ ދެން ރައްޔަތުމީހާ ކީއްހޭކުރާނީ ޑރ.
    ގައުމުދެކެ ވަރަށް ލޯބިވަމޭ!

  2. ގައުމުދެކެ ލޯބިވެއެވެ. ގައުމު ހުރިހާގޮތަކުން ކުރިއަރައިގެންދާތަން ދެކެން ބޭނުމެވެ. މިކަންކުރެވޭނީ މިގައުމުގައި ކިޔަވައިގެންތިބި ޒުވާނުންނަށް ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދަ ބޭފުޅުންގެ ލޭގެ އަގު ފައިސާ އާއި މާއްދިއްޔަތު ނޫން އެހެން ގޮތަކަށް ވަޒަންކުރެވުނީމައެވެ. ހަތަރުފަސް ދިވެހިންވެގެން ޕޯޗުގީޒުންނާއި ހޮޅިން މިގައުމުން ބޭރުކުރިއެވެ. މިއަދުގެ ޒުވާނުންނަށް ވެސް މިގައުމު ރަނގަޅުމަގަށް ގެނެވޭނެކަން ކަށަވަރެވެ. މަންމަނަކަށްވީތީ އަޅުގަނޑަށް ބުނެވޭނީ ލިއެގެންނެވެ. ކަށިމާ ޝާކިރުފަދަ ވާހަކަ ދެއްކޭ މީހަކަށް ވީނަމަ ދުލުގެބޭނުންވެސް ކުރާނަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް