ތާރީޚުގެ ސަފުހާތަކުގެ ތެރެއިން: ތުރުކީ އިން ފިލާވަޅެއް

Loading

Facebook
Twitter
WhatsApp

ކުރީދުވަހުގެ ’ފަލަސްތީނުން ފިލާވަޅެއް’، މިލިޔުމުން ފެނިގެންދިޔައީ ގައުމެއްގެ ރައްޔިތުން ގައުމީ ކަންކަމުގައި ހޭލުންތެރި ނުވެ ތިބުމުންނާއި އަދި ސިޔާސީ ވެރިންގެ އަމިއްލަ އެދުމުގެ ސަބަބުން ގައުމުގެ ސިޔާދަތާ މިނިވަންކަން ގެއްލިދާ ގޮތުގެ މިސާލެކެވެ. މިއަދު، ބަލާލަން ގަސްދުކުރަނީ މިއާ އިދިކޮޅު މިސާލަކަށެވެ. ތަނުގެ ސިޔާދަތާ މިނިވަންކަން ގެއްލިދިޔުމުގެ ބިރު ހީވުމުން، ލަސްނުކޮށް އެ ބިރު ނެތިކޮށްލުމައްޓަކައި ތެދުވެ، އަތުރުކުރި އޮޅާލައި މަސައްކަތްކުރުމުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ސަލާމަތްކޮށް ރައްކާތެރިކުރެވޭ ގޮތުގެ މިސާލެކެވެ. އާދެ، 1918ގައި ފުރަތަމަ ބޮޑު ހަނގުރާމައިގައި ބަލިވުމުގެ ނަތީޖާއެއްގެ ގޮތުން، ތުރުކީގެ ސިޔާދަތާއި މިނިވަންކަން ގެއްލެން އުޅުނު ވަގުތު، ގައުމުގެ ދެކެ ލޯބިވާ ބަޔަކު ނުކުމެ، އެކަމާ ކުރިމަތިލައި ގައުމަށް މިނިވަންކަން ހޯދައިދިން ގޮތުގެ ތާރީޚީ މިސާލެކެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި (1918-1914) އެއް ފަރާތެއްގައި އޮތީ ހުލަފާއިންގެ، އެލައިޑް ފޯރސަސްގެ، ބާރުތަކެވެ. އޭގައި ހިމެނެނީ، މައިގަނޑު ގޮތެއްގައި، އިނގިރޭސިންނާއި ފަރަންސޭސިންނާއި، އަދި، 1917އާ ހަމައަށް، ރޫސީން ވެސް މެއެވެ. އަދި، މީގެ އިތުރުން، 1917ގައި އެމެރިކާ ވެސް ހުލަފާއިންނާ ގުޅުނެވެ. އަނެއް ފަރާތުގައި އޮތީ މިހްވަރީ، އެކްސިސް ޕަވާރސްގެ، ބާރުތަކެވެ. މައިގަނޑު ގޮތެއްގައި ޖަރުމަނު ވިލާތާއި އޮސްޓްރިއާ-ހަންގޭރީ އެވެ. އުސްމާނީ ޚިލާފަތުގެ ފަރާތުން ބޮޑު ހަނގުރާމައިގައި ބައިވެރިވީ މިހްވަރީ ބާރުތަކުގެ ބައިވެރިއެއްގެ ގޮތުގައެވެ. އެއީ، ހުލާފާއިންގެ ބައިގައި ބައިވެރިވުމުގެ ފުރުސަތު އިނގިރޭސީން، އުސްމާނީންނަށް ނުދިނުމުންނެވެ. ސަބަބަކީ އުސްމާނީ ޚިލާފަތުގެ ދަށުގައި އޮތް އަރަބި ބިންތަކަށް އިނގިރޭސީން ދަހިވެތިވެފައި އޮތުމެވެ. ހަނގުރާމައިގެ ކުރީކޮޅު، އުސްމާނީ އެމްޕަޔަރު ރޫޅާލުމުގެ ވާހަކައޮތީ ދައްކައި، އެކަންކުރަން ނިންމާފައެވެ.

ކޮންމެ އަކަސް، ފުރަތަމަ ބޮޑު ހަނގުރާމާއިގައި ކާމިޔާބު ލިބުނީ ހުލަފާއިންނަށެވެ. މި ކާމިޔާބީގެ ނަތީޖާއަކަށްވީ މިހްވަރީ ދައުލަތްތައް ހުލަފާއިންގެ ރަހުމުގެ ދަށަށް ގެނެވުމެވެ. ހުލަފާއިން ބޭނުންވާ ގޮތަކަށް އެ ދައުލަތްތަކާ މެދު ކަންތައް ކުރުމުގެ ފުރުސަތު އެމީހުންނަށް ލިބުމެވެ. މިއީ ހަނގުރާމަތައް ނިމުމުން ކަންތައް ހިނގާ އާންމު އުސޫލެވެ. ބާރުވެރިވެ، އަމަރުވެރިވަނީ ހަނގުރާމައިގައި ކާމިޔާބު ލިބޭ ފަރާތަކަށެވެ. މިފުރަސަތު ލިބުމުން، ސުލްހައިގެ ތަފާތު އެއްބަސްވުންތައް، ހުލަފާއިންގެ ފަރާތުން، މިހްވަރީ ބާރުގެ ދައުލަތްތަކާއެކު ވެވުނެވެ. ހުލަފާއިން ބޭނުންވި ގޮތަކަށެވެ. އެ ގޮތުން، އުސްމާނީ ޚިލާފަތާ ވެސް އެއްބަސްވުމެއް ވެވުނެވެ. މިލިޔުމުގައި ބަލާލަން ބޭނުންވަނީ މި އެއްބަސްވުމުގެ މައްޗަށެވެ. އާދެ، ހުލަފާއިންނާއި އުސްމާނީ ދައުލަތާއި ދެމެދު ވެވެނު ސެވްރެސްގެ އެއްބަސްވުމުގެ މައްޗަށެވެ. އަދި، ފަހުން، ސެވްރެސްގެ މި އެއްބަސްވުން އުވާލައި، ލޯޒޭންގެ އެއްބަސްވުން އެއްބަސްވާން ޖެހުނު ގޮތުގެ މައްޗަށެވެ. އަދި މިކަމުން ލިބޭ ފިލާވަޅަކީ ކޮބައިތޯގެ މައްޗަށް ވެސް މެއެވެ؟

turkey news

ސެވްރެސްގެ ސުލްހައިގެ މުއާހަދާގައި ސޮއި ކުރެވުނީ 20 އޮގަސްޓު 1920 ގައެވެ. މި މުއާހަދާގެ މައިގަނޑު ދެ މަގުސަދެއް އޮތެވެ. އުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައި އޮތް އަރަބި ބިންތައް އަތުލުމާއި އުސްމާނީ ޚިލާފަތު، ހަމައެކަނި، ނަމެއްގައި، އެނަތޯލިޔާގައި، އެބަހީ ތުރުކީގެ މައި ބިމުގައި ހިސޯރުކުރެވިފައި ބޭއްވުމެވެ. މި މަގުސަދުގެ އިތުރުން، ތުރުކީގެ ސިޔާދަތު ނިގުޅައިގަނެ، އުސްމާނީ ޚިލާފަތަކީ ޔޫރަޕުގެ ސީދާ ބާރާއި ނުފޫޒުގެ ދަށުގައިވާ ތަނަކަށް ހެދެމުވެ. އުސްމާނީ ޚިލާފަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރުމުން، ތުރުކީގެ ސިޔާދަތު ގެއްލުނެވެ. މިކަމުގެ ނަތީޖާއަކީ އިހުތިލާލީ ބާރެއްގެ ގޮތުގައި ތުރުކީއަށް އިނގިރޭސިންނާއި ފަރަންސޭސިން އެރުމުގެ ފުރުސަތު ލިބުމެވެ.

ސެވްރެސްގެ މުއާހަދާގެ ސަބަބުން ތުރުކީގެ ސިޔާދަތު ގެއްލުނީ ކިހިނެއް ހެއްޔެވެ؟ އެކަން މެދުވެރިވާން ދިމާވި އެންމެ ފުރަތަމަ ސަބަބަކީ، ދެންމެ ނަންގަތްހެން، ފަރަންސޭސީންނާއި އަދި އިނގިރޭސިން، ތުރުކީ އިހުލާލުކޮށް (އޮކިޔުޕައިކޮށް) ތުރުކީގެ މައްޗަށް ވެރިވުމުންނެވެ. އެ ދެބައި މީހުންގެ ލަޝްކަރު ތުރުކީގައި އޮވެ، އެމީހުން އަންގާ ގޮތަށް ތުރުކީން ކަންތައް ކުރަން ޖެހުމުންނެވެ. މިކަންތައްތަކުގެ ތެރޭގައި، ތުރުކީގެ ގައުމީ ބަޖެޓު ކަނޑައެޅުން ހިމެނެއެވެ. އާދެ، އެކަން ކުރަން ޖެހޭނީ އިހުތިލާލީ ބާރު ކަމުގައިވާ އިނގިރޭސިންނާއި ފަރަންސޭސިން އަންގާ ގޮތެއްގެ މަތިންނެވެ. މީގެ އިތުރުން، ތުރުކީގެ ގައުމީ ބޭންކު ވެސް އޮންނަން ޖެހޭނީ ސީދާ އިހުތިލާލުގެ ދެ ބާރުގެ ދަށުގައެވެ. ތުރުކީގެ ބޭރުގެ ދަރަނި ދެއްކުމުގައި އިސްކަންދެވޭނީ އިހުތިލާލީ ބާރުތަކަށް ތުރުކީއިން ދަރާ އޮތް ދަރަނި ދެއްކައި ޚަލާސްކުރުމަށެވެ. ތިމާމެންގެ އަމިއްލަ ފައިސާއަށް ބާރު ފޯރުވުމުގެ މިނިވަންކަން ނެތް ގައުމެއް އެއީ ސިޔާދަތެއް ލިބިފައި އޮތް ގައުމަކަށްވާނެ ހެއްޔެވެ؟

މި ނަންގަތް ކަންކަމުގެ އިތުރުން ވެސް، ތުރުކީގެ ސިޔާދަތު ނިގުޅައިގަނެވިގެން ދިޔަ އެހެން ކަންތައްތަކެއް ވެސް، ސެވްރެސްގެ މުއާހަދާގެ ބަންދުތަކުގައި (ޓާރމްސްތަކުގައި) ހިމެނެއެވެ. މީގެ ތެރޭގައި ތުރުކީގެ އިރު އުތުރުން ބައެއް، އާމީނިއާއަށް ދިނުމާއި ތުރުކީގެ ހުޅަނގު ދެކުނުން ބައެއް ޔޫނާނަށް (ގުރީސްއަށް) ދިނުން ހިމެނެއެވެ. އަދި ތުރުކީގެ އަސްކަރީ ބާރުތަކުގެ އަދަދު އުނިކޮށް ބަލިކަށިކުރެވުނެވެ. ތުރުކީގައި އުޅޭ ބޭރު މީހުންނަށް، މާނައަކީ ޔޫރަޕްގެ މީހުންނަށް، ޚާއްސަ އިމްތިޔާޒުތަކެއް (ޕްރިވިލެޖްތަކެއް) ވެސް ލިބިދޭ ގޮތް ހަމަޖެހުނެވެ. މީގެ މާނައަކީ ތުރުކީގެ ގާނޫނު އެމީހުންގެ މައްޗަށް ނުހިނގުމެވެ. ތުރުކީގެ ގާނޫނާ އެމީހުން ޚިލާފުވެއްޖެ ނަމަ، ނުވަތަ ގާނޫނީ ކުށެއްކޮށްފި ނަމަ، މި ޚާއްސަ އިމްތިޔާޒުތަކުގެ ދަށުން، މިނަންގަތް ބޭރު މީހުންގެ މައްސަލަ ތަހުގީގުކޮށް އެމީހުންނާ މެދު ޝަރިއަތްކުރުމުގެ ބާރާއި އިޚްތިޔާރު ތުރުކީއަކަށް ލިބިގެންނުވެއެވެ. މިފަދަ ގާނޫނެއް ފަހުން، އީރާނުގައި ހިންގާލެވުމުން، އިރާނުގެ 1979ގެ އިންގިލާބީ ޒައީމު ޚުމޭނީ ވިދާޅުވެފައި އޮވެއެވެ. ’އެމެރިކާ މީހެއްގެ ކުއްތާއެއް ވެސް، އިރާނު މީހެއްގެ އަތުން މަރުވެއްޖެ ނަމަ، އީރާނު މީހާއާ މެދު ޝަރީއަތް ހިންގުމުގެ ބާރު، އެމެރިކާ މީހާއަށް ލިބިގެން ވެއެވެ. ނަމަވެސް، އެމެރިކާ މީހެއްގެ އަތުން، ޚުދް ޝާހު އަވާހަރަ ވިޔަސް، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމުގެ ބާރު، އީރާނަށް ލިބިގެން ނުވެއެވެ.“ އިންދިރާ ގާނދީ ހޮސްޕިޓަލުގައި އަޅުގަނޑުމެންގެ ދިވެހި އަންހެނެއްގެ ގަޔަށް އިންޑިޔާގެ މުވައްޒިފެއްގެ އިހުމާލުން އެއިޑްސް ބަލީގެ ލޭ އެޅުމުން ކަންތައްވީ ގޮތް ހަނދާން ހުރީ ކިތައް މީހުން ބާވައެވެ؟ އޭނާގެ އިހުމާލިން ހިނގި ކަންތަކުގެ އެއްވެސް ޒިންމާއެއް އުފުލަން ނުޖެހި ސަލާމަތްވެ، ރާއްޖެދޫކޮށް ދިޔުމުގެ ފުރުސަތު ލިބިގެން ދިޔަ ނޫން ހެއްޔެވެ؟ އާދެ، މިކަމުން ޚާއްސަ އިމްތިޔާޒުތައް ލިބިދޭ ގާނޫނަކީ ކޮބައިކަމާއި އޭގެ އެއްވެސް އަދުލެއް އިންސާފެއް ނެތްކަން ފާހަގަކުރެވޭނެއެވެ.

އާދެ، މަތީގައި ދެންމެ މިބަޔާންކުރި ކަންތައްތަކުން، ގައުމެއްގެ މައްޗަށް ބޭރު ގައުމެއް ވެރިވުމުން، އެގައުމުގެ ސިޔާދަތު ގެއްލިދާ ގޮތް ފެނިގެން ދެއެވެ. މަތީގައި ބަޔާން ކުރެވުނީ ޚިޔާލީ ވާހަކަތަކެއް ނޫނެވެ. އިހަށް ދުވަހު، ތާރީޚުގައި، ހިނގި ކަންތައްތަކެއްގެ ވާހަކައެކެވެ. މިކަންކަން ދާދި ފަސޭހައިން ބަލާލެވޭނެއެވެ. ސެވްރެސްގެ މުއަހާދާއަކީ ކޮބައިތޯ ސުއާލުކޮށް ގޫގުލްކޮށްލުމުން ވެސް މިކަން ސާފުވާނެއެވެ. ދެން، ތުރުކީއަށް ކުރިމަތިވި ކަންތައްތަކުގެ އަލީގައި، ރާއްޖޭގެ ސިޔާދަތު ގެއްލި އިންޑިޔާގެ އަތް ދަށަށް ރާއްޖެ ހިނގައްޖެ ނަމަ، ކަންތައް ވެދާނެ ގޮތުގެ މައްޗަށް ޚިޔާލުކޮށްލައި ވިސްނާލަބަލާށެވެ.

އެންމެ ފުރަތަމަ، ރާއްޖޭގެ އިގުތިސާދު ރާއްޖެ އަމިއްލައަށް ކޮންޓުރޯލުކުރުމުގެ ބާރާއި އިޚްތިޔާރު (ޕަވަރ އެންޑް އޮތޯރިޓީ) ނިގުޅައިގަނެވޭނެއެވެ. ރާއްޖޭގައި ފަސާދަ ބޮޑުވެ، އަދި ދަރަނިވެރިވެފައި އޮތުމުން، މިކަން ކުރުމަށް މަގުފަހިވާނެއެވެ. އިންޑިޔާއަށް ރާއްޖެއިން ދަރާ އޮތް ދަރަނި އަދާކުރުމުގެ ނަމުގައި އެކަންކުރެވޭނެއެވެ. އިނގިރޭސިންނާއި ފަރަންސޭސީން ތުރުކީއާ މެދު ކަންތައް ކުރި ފަދައިންނެވެ. މިއީ އަލަށްވާ ކަންތައްތަކެއް ނޫނެވެ. މީގެ ކުރިން ވެސް އަދި ފަހުން ވެސް، މިކަހަލަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިސުރަށް، އިނގިރޭސިން ބާރު ފޯރުވީ މިގޮތަށެވެ. މިސުރުގެ ދަރަނި ބޮޑުވުމުން، 1878ގައި މިސުރުގެ ކެބިނެޓަށް އިނގިރޭސީންގެ މީހަކު ފިނޭންސް މިނިސްޓަރުކަމަށާއި ފަރަންސޭސިންގެ މީހަކު ޕަބްލިކް ވާކްސް ގެ މިނިސްޓަރުކަމަށް އިސްކުރެވުނެވެ. ތަނުގެ އެންމެ މުހިއްމު ދެ ވުޒާރާކަމުގައިވާ މާލިއްޔަތާއި ބެހޭ ވުޒާރާއާއި ތަނުގެ ބޮޑެތި އާންމު މަޝްރޫއުތައް ހިންގާ ވުޒާރާއު ދެވުޒާރާ ބޭރު ބަޔެއްގެ އަތް ދަށަށް ދިޔައީއެވެ. ފިނި ހަނގުރާމައިގެ ދުވަސް ވަރު، ސޯވިއެޓް ޔުނިއަންގެ ފަރާތުން އެމީހުންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޔޫރަޕުގެ ގައުމުތަކާ ދޭތެރޭ ވެސް ކަންތައް ކުރެވުނީ މިފަދައިންނެވެ. އެ ގައުމުތަކުގެ އިގުތިސާދު އޮތީ ސޮވިއެޓު ޔުނިއަންއަށް ބޭނުންވާ އެއްޗެހި އުފެއްދުމުގެ ގޮތަށް ހަމަޖައްސާލެވިފައެވެ. ރާއްޖޭގައި ވެސް، ދައުލަތުގެ ބޮޑެތި މުއައްސަސާތައް، ބޭރު ކުންފުނިތަކާ ހަވާލުކުރެވެން ފެށުނުނޫން ހެއްޔެވެ؟ މިހާރުވެސް ދިވެހި ދައުލަތުގެ ބައެއް މުއައްސާސަތަކުގެ އިސް މަގާމުތަކަށް ބޭރު މީސް މީހުން އިސްކުރެވެމުން އެބަދޭނޫން ހެއްޔެވެ؟ ދިވެހިން ނެތީމަ ހެއްޔެވެ؟ ދާދީ ފަހުން، ޓުއަރިޒްމަ މިނިސްޓުރީގެ މިނިސްޓަރު ކަމުގެ މަގާމު ހުސްވުމުން، ވަކި ވިޔާފާރި މުއައްސަސާއަކަށް ޓުއަރިޒަމް މިނިސްޓުރީ ބަދަލުކޮށް، ބޭރުގެ ބަޔަކާ ހަވާލުކުރަން ވެސް، ބައެއް މީހުން ގޮވި ނޫން ހެއްޔެވެ؟ މިވާހަކަ އަޑު އެހީ ކިތައް މީހުން ބާވައެވެ؟ ދެން، ބޭރުގެ ބާރެއްގެ ދަށަށް ހިނގައްޖެ ނަމަ، މިކަން ކުރަން އަދި މިހާރަށް ވުރެވެސް މާ ފަސޭހަވާނެ ނޫން ހެއްޔެވެ؟ އޭރުން، އަމިއްލަ ގައުމުގައި ދިވެހިން ވެގެންދާނީ ބީރައްޓެހިންނަށެވެ! އޭރުން ދިވެހިން ތިބޭނީ އެމީހުންގެ އަމިއްލަ ބިމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންގެ މަގާމުގައެވެ!

  • ނުނިމޭ ….

Loading

3 Responses

  1. މިއަދުވެސް ގައުމުތަކަށް އަރާ ހިފާނީ ފުރަތަމަބޮޑު ހަނގުރާމައިވެސް ބޭނުންކުރި މައިގަނޑު އުކުޅުތައް ބޭނުންކޮށްގެންނެވެ. ރައްޔިތުންގެ ވިސްނުމާ ފިކުރު ބައިބައި ކޮށްލައިގެންނެވެ. މިކަންތައް ދެނެގަންނާކަށް ފުރަތަމަ ބޮޑުހަނގުރާމައާއި ހަމަޔަށް ދާކަށްވެސް ނުޖެހެއެވެ. ލީބިޔާ އަކީ ކޮންފަދަ މުއްސަދި ގައުމެއް ހެއްޔެވެ. ޣައްޒާފީއަށް ވުރެން މޮޅަށް ވެރިކަންކުރާނެ ނިޒާމެއް އެއޮތީ ގެނެސްދީފައެވެ. އިރާގުގައި އަދި އެއަށްވުރެން މޮޅު ނިޒާމެކެވެ. ސީރިޔާގެ ރައީސް އަވަހާރަ ކޮށް ނުލީ ގަސްދުގައޭ ބުނާ އަނގަތައްވެސް ތަންމިނަށްް ހުޅުވާފއެވެ. އަތްޖަހާމީހުންގެ އަޑާހެދި އެހެން އަޑެއް ނީވެއެވެ.

  2. ވަރަށް ޢިބުރަތްތެރި ފިލާވަޅުތަކެކެވެ. ނަމަވެސް އަވަހަށް މުއްސަދިވާން ބޭނުން ފަރާތްތަކާއި އެމީހެއްގެ އިގޯ ގެ ލައްޒަތުގައި ޖެހިފައިވާ ހިޔަޅުވެރިންނަކަށް އެމީހާގެ ވެރިކަމުގައި ހުރެވުމާއި އޭނާގެ ބޮޑުމަންޒަރުގެ ހުވަފެނުގައި އުޅެވުން ނޫންގޮތެއް ނުފެނޭނޫންހެއްޔެވެ. ދެން ސަލާމަތް ނުވާހަމައަށް ދިއައިމާ އެހެން މީހުންގެ ބޮލުގައި އިލްޒާމު އަޅުވާފަ ތިމާއަށް ކުރެވުނު އެއްވެސް ގޯސްކަމެއް ނެތްކަމަށް ދެއްކުންނޫންގޮތެއް ނޯވެއެވެ. ތިމާ ކެޑި ކަނޑުލެއްގެ ހިތިފިލުވަނީ ތިމާއޭ ބުނެއުޅެތެވެ. ނަމަވެސް އެކަންވެސް މިހާރުބަދަލުވެ މަ ކެނޑި ކަނޑުލުގެ ހިތި ކަލޭމެން ފިލުވަންޖަހޭ ޒަމާންވެސް މިފެންނަނީއެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް ދިވެހިން ވާންޖެހެއެވެ. 500 ރުފިޔާއަށް ވޯޓު ވިއްކުން ހުއްޓާލައި ތިމާގެ ސިކުޑިން ވިސްނައި ރަނގަޅުގޮތް ހޯދޭތޯބަލަމާހެއްޔެވެ. ކުރާ ކޮންމެކަމެއް މާދަމާ ކާމިޔާނުވި ނަމަވެސް ގޮތެއްފޮތެއް އޮތްބަެއްކަން ދަނެތިބެ ކުރިއަށް ދަމާހެއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް