އީރާނަށް ވެރިވެގަތުމުގެ އިންޒާރު ތާލިބާނުން ދީފި

Loading

Facebook
Twitter
WhatsApp

އޭ އެފް ޕީ ގެ ޚަބަރުތައް ބުނާގޮތުގައި އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓާލައި އަދި އެމެރިކާ ސިފައިން އެގައުމުން ބޭލުމަށްފަހު މިހާރު ގާއިމް ކޮށްފައިއޮތް ތާލިބާނުންގެ ސަރުކާރުގެ ވެރިންނަށް ވެރިކަން ކުރަން އެނގޭ ހަމައެކަނި ސިޔާސަތެއް ކަމަށް ބެލެވިފައި މިވަނީ ގަދަފަދަކަން ދެއްކުމާއި އަނިޔާވެރިކަމާއި ގޮތްދޫނުކުރުމެވެ.                                                         

ހެލްމަންދު ކޯރަކީ އަފްޣާނިސްތާނުގެ އެންމެ ދިގު ކޯރެވެ. 790 މޭލުގެ ދިގުކޯރު ހިންދޫ ކުޝް އިން ފެށިގެން އަފްޣާނިސްތާނުގެ ތެރެއިންލާފާ ދެމިގެންދަނީ އީރާނުގެ ތެރެއަށެވެ.

އީރާނުގައި މުޙައްމަދު ރިޒާ ޕަހެލަވީ ވެރިކަން ކުރެއްވި ދުވަސްވަރު އަފްޣާނިސްތާނުގެ ވެރިޔަކަށް ހުންނެވީ މުޙައްމަދު ދާއޫދު ޚާނެވެ.ހެލްމަންދުކޯރުގެ ފެނުގެ މައްސަލަ އޭރުއޮތީ ވަރަށް އެކުވެރި މާޙައުލެއްގައި ސުލްހަވެރި ކަމާއެކު ޙައްލު ކޮށްފައެވެ. އެ ދުވަސްވަރު އެ ދެގައުމަކީވެސް މާބޮޑަށް ދީނެއްގެ މައްޗަށް ފިކުރުކުރާ ބަޔަކު އުޅުނު ގައުމެކޭ ނުބުނެވޭނެއެވެ. 

އެއަށްވުން މިޒަމާނުގެ ބަހުރުވައިން ސެކިއުލަރ ވިސްނުމެއްގެ ބަޔަކު ދިރިއުޅެމުން ގެންދިޔަ ރައްޔިތަކާއި ވެރިކަމެއް އޮތް ދެ ގައުމެކޭ ބުނުން މާރަނގަޅު ވާނެއެވެ. އެހެންނަމަވެސް މިހާރު އޭގެ ފަންސާސް އަހަރު ފަހުން މުޅި ޙާލަތު މިވަނީ ބަދަލު ވެފައެވެ.

އިރާނުގައި ޝިޔާއީންގެ ވެރިކަމެއް އުފެދިފައިވާއިރު އަފްޣާނިސްތާނުގައި މިވަނީ ސުންނީ ދައުލަތެއް ގާއިމް ކޮށްފައެވެ. ދެފެކްޝަންކީވެސް މުސްލިމުންނެވެ. އެ މަޒުހަބީ ތަފާތު ވިސްނުމާއި ފިކުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދޭ ސަރަޙައްދީ އަދި އެހެނިހެން ދެބަސްވުންތައް ޙައްލު ކުރުމުގައިވެސް ރަނގަޅު މަގެއް ހޯދުމަށް މިވަނީ ނުކުޅެދިފައެވެ.

އެމެރިކާ ސިފައިން ފޭބުމަށްފަހު ތާލިބާނުންގެ ސަރުކާރެއް އަފްޣާނިސްތާނުގައި ގާއިމްކުރުމާއެކު ސަރަޙައްދީ އަދި ބޯޑަރުގެ މައްސަލަތައް ބޮޑު ކޯޅުމަކަށް ގޮސްފައި ނުވާ ނަމަވެސް ހެލްމަންދު ކޯރު އީރާނުގެ ތެރެއަށް ފެތުރިގެން ދިއުން މިވަނީ ބޭނުމެއްނެތް މިންވަރަށް ދެބަސްވުން އުފައްދާފައެވެ. 

އަދި މި ދެބަސްވުން ތަކުގައި މިހާތަނަށް ތިންމީހަކު ވަނީ މަރުވެފައެވެ. އުފެދިގެން މިއުޅޭ ދެބަސްވުން މިހިސާބަށް ދިޔަ ސަބަބެއް ހުޅަނގުގެ ގައުމުތަކަކަށްވެސް އެނގޭ ކަމަށް ނުވެއެވެ.

އީރާނުންބުނަނީ މައްސަލަ ފެށުނީ އަފްޣާނިސްތާނުގެ ޑްރަގް ޓްރެފިކް ކުރާބަޔަކު އީރާނުގެ ސެކިއުރިޓީ ގާޑަކަށް ބަޑިޖަހާ މަރާލުމާ ގުޅިގެން ކަމަށެވެ. އެކަމަކު ތާލިބާނުން ބުނަނީ އީރާނުގެ ސެކިއުރިޓީ ގާޑުން އެމީހުންނާދިމާލަށް ބަޑިޖަހަން ފެށީ ކަމަށެވެ. 

ހަމައެކަނި ލިބިފައިވާ ރަސްމީ މަޢުލޫމާތަކީ މިދިޔަ މޭމަހު އިރާނުގެ ރައީސް އިބްރާހީމް ރައީސީ ހާމަކުރެއްވި ވީޑިއޯ މެސެޖެއްގައި ހެލްމަންދު ކޯރުގެ ފެން ލިބެންޖެހޭ އީރާނުގެ ރައްޔިތުންނަށް އެ ކޯރުން ފެންލިބުމުގެ މަގު ބަންދުނުކުރުމަށް ކުރެއްވި އިންޒާރެކެވެ.

ރައީސީގެ މެސެޖުގައި ވަރަށް ސާފު އިބާރާތުން ވިދާޅުވެފައިވަނީ “ އަހަރެމެންގެ ރައްޔިތުންނަށް ލިބިފައި އޮންނަންޖެހޭ ފެންލިބުމުގެ ޙައްގު އެގޮތުގައި ދެމެހެއްޓިފައި އޮންނަން ޖެހޭނެއެވެ. 

އަހަރެން މިބުނިއެއްޗެއް ރަނގަޅަށް ދެނެގަންނާށެވެ. ފަހުން ޝަކުވާކުރާނެ ފުރުސަތެއް ނޯންނާނެއެވެ ”. ރައީސީގެ މި އިންޒާރަށް ޖޯކުޖަހައި އަފްޣާނިސްތާނުގެ ތާލިބާނުން ހާމަކުރި ވީޑިއޯއެއްގައި ގެސޮލިން ހަމަކަށް ފެންއަޅާފައި އީރާނުގެ ރައީސަށް މަލާމާތް ކުރަމުން ބުނެފައި ވެއެވެ. “ މި ފެންހަން އަވަހަށް ގެންދާށެވެ. އަދި އަހަރެންނަށް ޙަމަލާއެއް ނުދޭށެވެ. އަހަރެމެން މިތިބީ ބިރުން ހަދާނެގޮތް ހުސްވެފައެވެ“.                                         

އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި 50 އަހަރުވީ އެއްބަސްވުމުގެ ދަށުން އެ ކޯރުގެފެނުން 4% އިރާނުގެ ރައްޔިތުންނަށް ލިބެންޖެހޭއިރު މިފަހަކަށް އައިސް ދެ ގައުމުގެ ބޯޑަރު ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ފެންލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. މިއީ މައްސަލަ މިހާރުގެ ނުރަނގަޅު ޙާލަތަށް ބަދަލުވުމުގައި ޙިއްސާ ކުރާ ކަމަކަށް ވެދާނެއެވެ.

ދެގައުމުމެދުގައި އުފެދިފައިވާ ހަމަނުޖެހުމަށް އިޝާރާތްކޮށް އެންމެފަހުން ތާލިބާނުންގެ ސީނިއަރ ކޮމާންޑަރ އަބްދުލް ހަމީދު ޚުރާސާނީ ( އާންމުންގެ ތެރެއަށް ނާސިރު ބަދްރީގެ ނަމުން އެނގިފައިވާ ) ހާމަކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ “ އަހަރެމެން އެމެރިކާއާއެކު ހަނގުރާމަކުރި ފެންވަރަށްވުރެން މާ ގަދަޔަށް އީރާނާ ދެކޮޅަށް ހަނގުރާމަ ކުރާނަމެވެ.

ތާލިބާނުންގެ ވެރިން ފެހިސިގްނަލް ދީފިނަމަ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އީރާން އަހަރެމެންގެ ބާރުގެ ދަށަށް ގެންނާނަމެވެ ”. ތާލިބާނުންނާއި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ ކުރިމަތިލުމެއް ވެގެންދާނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެރިން އުފަލާއެކު ބަލަން ބޭނުންވާނެ ދެކޮޅުވެރި ކަމަކަށެވެ.                                                       

ބުނެވޭގޮތުގައި ތާލިބާނުންނަކީ އެމެރިކާގެ އުފެއްދުމެކެވެ. އެމެރިކާއިން އީރާނާ ދިމާކޮށްފިނަމަ އެމެރިކާއަށް ލިބޭނެ ގެއްލުން އަންދާޒާވެސް ނުކުރެވޭތީ އަނެއްކާވެސް އިސްލާމީދެގައުމު ތަޅާފޮޅައި ފުނޑިގެން ދާނެ މަކަރުވެރި ރޭވުމެއް އުފަންކުރުވަނީއެވެ. 

މީގެކުރިން 1980 ގެ އަހަރުތަކުގައި އިރާގާއި އީރާނުން ހަނގުރާމަކުރުވައި ދެ ގައުމަށް ލިބެމުންދިޔަ ގެއްލުންތައް ކޮންމެވެސް ވަރަކަށް ފެނުމުގެ ބަދުނަސީބު  ވަނީ ލިބިފައެވެ. 

ހަނގުރާމަ ކާމިޔާބުކުރީ އެމެރިކާއާއި ހުޅަނގު ހަތިޔާރު އުފައްދާ ކުންފުނިތަކުންނެވެ. އަގ ުއަދާކުރަންޖެހުނީ އިރާގާއި އީރާނުގެ މައުސޫމް ރައްޔިތުންގެ ފުރާނައިންނެވެ.  

Loading

2 Responses

  1. އީރާނާއި ސަޢޫދީ އަރަބިޔާ ގުޅުމުން ކާފަރުންނަކަށް ކެތެއް ނުކުރެވޭނެކަން އެނގެއެވެ. ވީމާ ތަލިބާނުން ނޫނީ އައި. އެސް ބޮލަށް ޗިޕްޖަހައިގެންވެސް ފައިޓެއް ބޭނުންވާނެއެވެ. އަފްޣާނިސްތާނާއި އިރާން ތެޅުވިއްޖެނަމަ ރަނގަޅު ބަދަލުހިފުމެއް އެމެރިކާއަށާއި ކާފަރުންނަށް ލިބުނޭއެވެ. މާތްﷲގެ ހެޔޮ ރަޙުމަތުން އެހެން ނުވާށިއެވެ. އާމީން!

  2. އަނެއް ބަލާވެރިކަން އިސްލާމުންނާ ކުރިމަތި ކުރުވަނީއެވެ. މުފީދު ތިޔަ ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް